ބިސްބުރު ސްޕޯޓްސް ކުލަބުން މިހާހިސާބަށް އައިސްފައިވަނީ ކުޅުންތެރިންނާއި މެނޭޖުމަންޓުގެވެސް ވަރަށް ބައިވަރު ގުރުބާނީ ތަކަކަށްފަހު ކަމަށާއި ޓީސީ އަތުން ލިބުނު ޕޮއިންޓަކީ ބިސްބުރަށް ތާރީޚީ ޕޮއިންޓެއް ކަމަށް، ބިސްބުރު ސްޕޯޓްސް ކުލަބުގެ ކޯޗު، މުޙައްމަދު އިހުސާން ސަޢީދު ބުނެފިއެވެ.
ދިވެހި ލީގު ކޮލިފައިންގ ގައި ޓީސީ ސްޕޯޓްސް ކުލަބާއި ބައްދަލުކުރި މެޗަށްފަހު "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ކޯޗު އިހުސާން ވަނީ، ކުލަބު މިހާ ހިސާބަށް ގެނައުމަށް ކުޅުންތެރިންނާއި މެނޭޖްމަންޓުން ވެފައިވާ ގުރުބާނީތައް ފާހަގަކޮށް، މި ޕޮއިންޓަކީ ބިސްބުރު ސްޕޯޓްސް ކުލަބަށް، ތާރީޚުގެ ތެރެއަށް ވަދެވުން ކަހަލަ ޕޮއިންޓެއް ކަމަށް ކޯޗު ބުންޏެވެ.
"ދެން މިހިސާބަށް އަންނަން އަޅުގަނޑުމެން ވަރަށް، ވަރަށް ބައިވަރު ގުރުބާނީތަކެއް، ޕްލޭޔަރުންވެސް ނަގާފަ އަދި ޓީމުންވެސް މެނޭޖުމަންޓުންވެސް ވަރަށް ބައިވަރު މަސައްކަތްތަކަކާއެކު މިހިސާބަށް މި އާދެވުނީ. ދެން، މި ޕޮއިންޓަކީ އަޅުގަނޑުމެން ބިސްބުރު ސްޕޯޓްސް ކުލަބަށް ތާރީޚުގެ ތެރެއަށް ވަދެވުން ކަހަލަ މިއީ" ކޯޗު ބުންޏެވެ.
"ދެން، އަޅުގަނޑުމެން އުންމީދުކުރި ސްކޯ އަކީ 1-1، ނޫނިއްޔާމުން 0-1 ގެ ވިން އަކަށް ހަމަ، ވިން އަކަށް ރެޑީވެގެން އައީ. ދެން، މިނިމަން ޑްރޯއަކަށް. ދެން، ޕްލޭޔަރުން އެހެރީ ރިޒަލްޓް ދައްކާފަ. އަލްޙަމްދުلله ރިޒަލްޓަށް." ކޯޗު ބުންޏެވެ.
މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނަގާފައިވަނީ ޓީސީންނެވެ. ނަމަވެސް، ޓީސީގެ ގޯލު ކާމިޔާބުކުރެވުނު ހިސާބުން ފެށިގެން ޓީސީގެ ކުޅުން ތަންކޮޅެއް ލަސްވުމުގެ ފައިދާ ނަގައިގެން ބިސްބުރުން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ނަތީޖާއެއްގެ ގޮތުން އެޓީމަށް ވަނީ މެޗުގެ 41 ވަނަ މިނެޓުގައި ޕެނަލްޓީއެއް ލިބިފައެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް، ބިސްބުރަށް ނަތީޖާ އެއްވަރުކޮށްދިނީ ޢާމިރު ޝޮއައިބެވެ.
ބިސްބުރު ސްޕޯޓްސް ކްލަބް، ދިވެހި ލީގުގެ ޕްލޭއޮފް ބުރަށް އައިސްފައި ވަނީ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަނުންގެ ގޮތުގައެވެ. ޕްލޭއޮފްގައި އެޓީމަށް ދެން އޮތީ ދިވެހި ލީގުގެ ނިމުނު ސީޒަންގެ 8 ވަނަ، ކްލަބް ގްރީން ސްޓްރީޓްސް އާ ދެކޮޅަށް އަންނަ ހުކުރު ދުވަހު ނުކުންނަ މެޗެވެ.