ޚަބަރު

ތާޖުއްދީނާއި ކަލާފާން ފައިނަލަށް


  • ހުރަވީ ސްކޫލުގެ މައްޗަށް ތާޖުއްދީން ކުރިހޯދީ 0-1

  • ކަލާފާނުން ރެހެންދި ސްކޫލުގެ މައްޗަށް ކުރިހޯދީ 0-2

"ރާއްޖެ ޖޫނިއަރ" 14 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގެ ސެމީފައިނަލް މެޗުތައް ކާމިޔާބުކޮށް، ތާޖުއްދީން ސްކޫލާއި ކަލާފާން ސްކޫލް މުބާރާތުގެ ފައިނަލްގެ ޖާގަތައް ހޯދައިފިއެވެ.

މި މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ތާޖުއްދީން ސްކޫލާއި ހުރަވީ ސްކޫލެވެ. ތާޖުއްދީން ސްކޫލުން މި މެޗު ކާމިޔާބުކޮށްފައި ވަނީ 0-1 ގެ ނަތީޖާއިންނެވެ.

މުޅި މެޗުގައިވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ފެނިގެންގޮސްފައިވަނީ މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގައެވެ.

ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ކަލާފާނު ސްކޫލާއި ރެހެންދި ސްކޫލް ބައްދަލުކުރިއިރު، ކަލާފާން ސްކޫލުން މެޗު ކާމިޔާބުކުރީ 0-2 ގެ ނަތީޖާއިންނެވެ.

ކަލާފާނު ސްކޫލުން މެޗުގެ ލީޑު ނަގާފައިވަނީ މެޗުގެ 20 ވަނަ މިނެޓުގައެވެ. މިއީ، އެޓީމަށް ލިބުނު ހިލޭ ޖެހުމެއް ހިފަން އުޅުމުގެ ތެރޭގައި ރެހެންދި ސްކޫލުގެ ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ޖެހި ގޯލެކެވެ.

އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްފައިވަނީ މެޗުގެ 27 ވަނަ މިނެޓުގައެވެ. މިއީ، ރެހެންދި ސްކޫލް ކީޕަރު ގޯލް ލައިން ދޫކޮށް ތަންކޮޅެއް ބޭރަށް ނުކުމެހުރި ވަގުތެއް ބަލައިގެން ކަލާފާނުން ކާމިޔާބުކުރި ގޯލެކެވެ.

ފައިނަލްގައި ކުޅޭ ދެ ޓީމު ސެމީއަށް ދަތުރުކުރި ގޮތަށް ބަލާއިރު، ތާޖުއްދީން ސްކޫލް ސެމީގެ ޖާގަ ހޯދާފައިވަނީ ކުއާޓަރގައި ޕެނަލްޓީ ޖަހައިގެން ހިރިޔާ ސްކޫލް ބަލިކުރުމަށްފަހުއެވެ. އަދި ކަލާފާން ސްކޫލް ސެމީގެ ޖާގަ ހޯދާފައިވަނީ ކުއާޓަރގައި 0-2 ގެ ނަތީޖާއިން މަޖީދިއްޔާ ސްކޫލް ބަލިކުރުމަށްފަހުއެވެ.