ޚަބަރު

ރާއްޖޭގެ އެންމެ ބޮޑު މިސްކިތް ހުޅުމާލޭގައި، ބިން ހަވާލުކޮށްފި


  • މިސްކިތުގައި ޤުރުއާން މިއުޒިޔަމެއްވެސް ހުންނާނެ

  • މަސައްކަތްކުރަނީ ސެޕްޓެންބަރު މަސްތެރޭ ޢަމަލީ މަސައްކަތް ފެށުމަށް

ރާއްޖޭގެ އެންމެ ބޮޑު މިސްކިތް ހުޅުމާލޭގައި ބިނާކުރުމަށް ބޭނުންވާ ބިން ހަވާލުކޮށްފިއެވެ.

މި މިސްކިތް ބިނާކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ފޭސް 2 އާއި ފޭސް 3 އާ ދެމެދުގައެވެ. މި މިސްކިތުގައި ގާތްގަނޑަކަށް 10,000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ބިން ހަވާލުކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. އަދި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލީ ޒުހައިރުއެވެ.

ހުޅުމާލޭގައި ބިނާކުރުމަށް ހަމަޖެހިފައިވާ ބޮޑު މިސްކިތުގެ މަޝްރޫޢަށް ފައިނޭންސް ކުރުމަށް ސަޢުދީ ޢަރަބިއްޔާގެ އަލްރަޖްޙީ ކުންފުންޏާއެކު އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ވަނީ ފަހުމުނާމާއެއްގައި ސޮއިކުރައްވާފައެވެ.

ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާނުގައި އިޢުލާންކުރެއްވި މިބޮޑު މިސްކިތް ބިނާކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރުފުރޭ މުނާސަބަތާ ގުޅުވައިގެންނެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި ފެށުމަށް މަސައްކަތްކުރައްވަމުން އަންނަކަމަށް އިސްލާމީ ކަންތައްތަކާއިބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މި މިސްކިތުގެ ކޮމްޕްލެކްސްގައި މިސްކިތުގެ އިތުރުން ޤުރުއާން މިއުޒިޔަމަކާއި އެހެނިހެން މުހިންމުކަންކަންވެސް ހިމެނޭނެކަމަށް އިސްލާމީކަންތައްތަކާ އަޢުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ މީގެކުރިން ވިދާޅުވެފައެވެ.