އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ 5 ވަނަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން، ރަށްރަށުގެ މިސްކިތްތަކަށް ދިމާވެފައިވާ ޚަޠީބުންގެ ދަތިކަމަށް ޙައްލެއް ހޯދުމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ އަންނަ މަހު މި ޕްރޮގްރާމުގެ 5 ވަނަ ބުރު ފެށުމަށް ނިންމާފައި ވާކަމަށެވެ.
މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ ގްރޭޑް 10، 11، އަދި 12 އެއްގައި ކިޔަވަމުންދާ ދަރިވަރުންނަށާއި، ކިޔެވުން ނިމިފައިވާ 18 އަހަރު ނުފުރޭ ކުދިންނަށްކަމަށެވެ. ކުރިމަތިލާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، ތަޢުލީމީ ސެޓުފިކެޓްތަކުގެ ކޮޕީގެ އިތުރުން، ސްކޫލުގައި އުޅޭނަމަ އެކަމުގެ ލިޔުމާއި، 18 އަހަރު ނުފުރޭނަމަ ބެލެނިވެރިޔާގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން ހުށަހަޅަންޖެހޭނެ ކަމަށް އެ ވުޒާރާއިން މައުޅޫމާތުދެއްވައެވެ.
އެ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި މާލޭގައި ދިރިއުޅޭ ދަރިވަރުންނަށް ތަމްރީނުތައް ކުރިއަށްދާނީ ފޭސް-ޓު-ފޭސްކޮށް މާލޭގައެވެ. ރަށްރަށުގައި އަދި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދަރިވަރުންނަށް އޮންލައިންކޮށް ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ. ރަށްރަށުގައި ތިބި ކުދިންގެ ތެރެއިން މާލެ އައިސް ތަމްރީނުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތުވެސް އޮންނާނެ ކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއްވައެވެ.
މި ޕްރޮގްރާމުގެ ސަނަދު ދޫކުރެވޭނީ ޒުވާން ޚަޠީބު އިންޓަވިއު ނިންމައި، ހުރިހާ ތަމްރީނު ސެޝަންތަކަށް ޙާޟިރުވެ، ލިޔުމުގެ އިމްތިޙާނުން ފާސްވާ ފަރާތްތަކަށެވެ. މި ބުރުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެވުޒާރާއިން ކަނޑައަޅާފައިވާ ގޫގުލް ފޯމު މެދުވެރިކޮށް 25 ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންޖެހޭނެއެވެ.
މި ޕްރޮގްރާމަކީ ދިވެހި ޒުވާނުންގެ މެދުގައި ވަރަށް ބޮޑު މަޤްބޫލުކަމެއް ލިބިފައިވާ، އަދި ދީނީ ދަޢުވަތުގެ މަސައްކަތަށް އައު ދިރުމެއް ގެނުވި ޕްރޮގްރާމެއްކަން އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.