ޚަބަރު

ކެނެޑާގެ އައު ގަވަރނަރ ޖެނެރަލަށް ރައީސްގެ ތަހުނިޔާ


  • މިދައުރުގައި އިތުރު ކުރިއެރުން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި

  • ދެޤައުމުގެ އެކުވެރިކަން ބަދަހިވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި

ކެނެޑާގެ 31 ވަނަ ގަވަރނަރ ޖެނެރަލް އަދި ކޮމާންޑަރ އިން ޗީފްގެ މަޤާމާ ޙަވާލުވެވަޑައިގެންނެވި ލުއީސް އަރބަރއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، އެކަމަނާ މިމަޤާމުގެ މަސްއޫލިއްޔަތުތަކާ ޙަވާލުވެވަޑައިގަތުމާ ގުޅިގެން، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި މަރުޙަބާ ވިދާޅުވިއެވެ.

އަދި އައު ގަވަރނަރ ޖެނެރަލްގެ ދައުރުގައި ކެނެޑާއަށް އިތުރު ފާގަތިކަމާއި ކުރިއެރުން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ދިވެހިރާއްޖެއާއި ކެނެޑާއާ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމާއި އެއްބާރުލުން އިތުރަށް ބަދަހިވެ، ދެ ޤައުމަށާއި ދެޤައުމުގެ ރައްޔިތުންނަށް އޭގެ މަންފާ އެންމެ ފުރިހަމައަށް ލިބޭނެކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މެސެޖު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ގަވަރނަރ ޖެނެރަލްއަށް ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެންފައެވެ. އަދި ކެނެޑާގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ސުލްޙައާއި ކުރިއެރުމަށްވެސް އެދިވަޑައިގެންނެވިއެވެ.