ކުޅިވަރު

އިރާނުގެ އިންޒާރު: ދެކޮޅުވެރި އަމަލެއް ހިންގައިފިނަމަ މެޗު ހުއްޓާލާނަން


ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އީރާނާ ދެކޮޅަށް އެއްވެސް ގޮތަކުން ނޭއްގާނީ އަމަލެއް ދަނޑުތެރޭގައި ހިންގައިފިނަމަ މެޗު ވަގުތުން ހުއްޓާލާނެ ކަމަށް އެ ގައުމުން ފީފާ އަށް އަންގައިފި އެވެ.

އެމެރިކާއިން އިރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ސަބަބުން ދެ ގައުމުގެ ގުޅުން އިންތިހާ އަށް ގޯސްވެފައިވާއިރު އިރާނަށް އެމެރިކާގައި ކޭމްޕް ކުރުމުގެ ފުރުސަތު ވެސް ވަނީ ނުދީފަ އެވެ. މިހެންވެ އިރާނުން މެޗުތައް ކުޅެން އެމެރިކާ އަށް ދާނީ މެކްސިކޯގައި ކޭމްޕް ކޮށްގެން ތިބެގެންނެވެ.

"އަހަރުމެން ވާނީ ފީފާ އަށް އަންގާފައި އަހަރުމެންނާ ދެކޮޅު ދިދައެއް ދަނޑަށް ގެނަޔަސް އަދި އެފަދަ ޝިއާރެއް ބޭނުން ކުރިޔަސް އަހަރުމެން ވަގުތުން މެޗު ހުއްޓާލާނެކަން. ޓީމުގެ މެނޭޖަރަށް ވަނީ އެކަން އަންގާފައި. އޭނާގެ ޒިންމާއެއް އެފަދަ އަމަލެއް ހިންގައިފިނަމަ ވަގުތުން މެޗު ހުއްޓާލުމަކީ،" އިރާނުގެ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު ދޮންޔަމާލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފީފާއާއެކު އިރާނުން ކުރި މަޝްވަރާތަކުގައި ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާއިން ވަނީ އެފަދަ ކަމެއް ދިމާނުވާނެ ކަމުގެ ޔަގީންކަން ދީފައި ކަމަށެވެ. ހާއްސަކޮށް އިރާނާއި މިސުރު ވާދަކުރާ މެޗުގަ އެވެ.

އިސްލާމީ ދެ ގައުމު ކަމަށްވާ މިސުރާއި އިރާން ވާދަ ކުރާ މެޗު އޮންނާނީ ޖޫން 27ގަ އެވެ. މި މެޗު މި ދެ ގައުމުން ވެސް ސިފަކުރަނީ ޝަރަފުވެރި މެޗެއްގެ ގޮތުގަ އެވެ. މިހެންވެ މި މެޗުގައި އެލްޖީބީޓީގެ އެއްވެސް ހަރަކާތެއް ހިންގިޔަ ނުދިނުމަށް ވެސް ދެ ގައުމުން ވެސް ވަނީ ފީފާ އަށް އިލްތިމާސްކޮށްފަ އެވެ.

އިރާނުން މިފަދަ ގޮތަކަށް އިންޒާރު ދިނީ މިދިޔަ އޭޕްރީލް މަހު އިރާނުގެ ފުޓްބޯޅަ ޓީމު ވޯލްޑް ކަޕުން ވަކިކުރުމަށް ގޮވާލައި މުބާރާތް ބާއްވާ ތިން ގައުމުގެ ތެރެއިން އެއް ގައުމު ކަމަށްވާ ކެނެޑާގައި މުޒާހަރާ ކުރުމުންނެވެ. އެއީ އެ ގައުމުގައި ބޭއްވި ފީފާ ކޮންގްރެސްއާ ދިމާކޮށެވެ.

މުޒާހަރާގެ ބައިވެރިން ގޮވާލީ އިރާނުގެ ފުޓްބޯޅަ ޓީމު ތަމްސީލު ކުރަނީ އިރާނުގެ ރައްޔިތުންގެ ބަދަލުގައި އެ ގައުމުގެ އިސްލާމިކް ރޮވޮލިއުޝަނަގީ ގާޑް ކޮޕްސް (އައިއާރުޖީސީ) ކަމަށެވެ. ވޯލްޑް ކަޕުން އިރާން ވަކިކުރަން ޖެހެނީ މިހެންވެ ކަމަށެވެ.

މި ގާޑުންގެ މައްސަލާގައި އެމެރިކާއިން ވަނީ އިރާނުގެ ޑެލިގޭޝަނުގެ އެންމެނަށް ވެސް މެޗު ކުޅެން އެތެރެވާން ވެސް ވިސާ ނުދީފަ އެވެ. މިވަގުތު ވިސާ ހަމަޖައްސައިދީފައިވަނީ ވެސް ކުޅުންތެރިންނާއި ކޯޗިން ޓީމުގެ މަދުބަޔަކާއި މެޗު ކުޅެން ކޮންމެހެން ބޭނުންވާ ކަމަށް އެމެރިކާ އަށް ފެންނަ ބަޔަކަށެވެ.

މި ފަހަރުގެ ވޯލްޑް ކަޕް ކުޅޭ 48 ގައުމުގެ ތެރެއިން އެމެރިކާ އަށް އެތެރެވުން މަނާކޮށްފައިވަނީ ދެ ގައުމެއްގެ ރައްޔިތުންނެވެ. އެއީ އިރާނާއި ހައިޓީ އެވެ. މީގެ އިތުރުން އެހެން ބައެއް ގައުމުތަކަށް ވެސް އެމެރިކާ އަށް އެތެރެވެނީ ގިނަ ތުރާތަކާއެކުގަ އެވެ.