ފީފާ ވޯލްޑްކަޕްގެ ފުރަތަމަ މެޗުގައި މިއަދު ޗެކިއާ އާއި ދެކޮޅަށް ސައުތު ކޮރެއާ ކުޅުނު މެޗު ފަހަތުން އަރާ 2-1 ގެ ނަތީޖާއަކުން ސައުތު ކޮރެއާ މެޗު ކާމިޔާބުކޮށްފި އެވެ.
މެކްސިކޯގެ ގުއަޑަލަހާރާ ސްޓޭޑިއަމްގައި ސާޅީސް ހަތަރު ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައިނުވި ނަމަވެސް ސައުތު ކޮރެއާއަށް ވަނީ ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. އެގޮތުން ފުރަތަމަ ހާފުގައި އެ ޓީމުގެ ސޮން ހިއުން މިން އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެ އެވެ.
ޗެކިޔާގެ ގޯލަށް އަމާޒުކޮށް ސޮން ފުރަތަމަ ހާފުގައި ފޮނުވާލި ފަސް ހަމަލާގެ ތެރެއިން ލިބުނު އެންމެ ރަގަޅު ފުރުސަތު ޗެކިޔާގެ ގޯލުކީޕަރު ވަނީ މަތަކޮށްފަ އެވެ.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 14 ވަނަ މިނިޓުގައި ޗެކިޔާ އިން ވަނީ ލަނޑެއް ޖަހާ ކުރި ހޯދާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ލަޑިސްލާވް ކްރޭޗީ އެވެ.
ޗެކިޔާ އިން ލަނޑެއް ޖަހާ ކުރި ހޯދިތާ ފަސް މިނިޓު ފަހުން އެ ޓީމުގެ ކޯޗު މިރޮސްލާވް ކޯވެކް ވަނީ އެ ޓީމަށް އެއް ފަހަރާ ތިން ބަދަލު ގެނެސްފަ އެވެ. ނަމަވެސް މި ބަދަލުތައް ޗެކިއާ އިން ގެނައިތާ ތިންވަނަ މިނިޓުގައި ސައުތު ކޮރެއާ އިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި ލަނޑު ސައުތު ކޮރެއާ އަށް ކާމިޔާބުކޮށްދީފައިވަނީ ވާން އިން ބިއޮމް އެވެ.
ސައުތު ކޮރެއާ އިން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކުރިތާ ގިނައިރުތަކެއް ނުވަނީސް ޗެކިޔާގެ ތޯމަސް ސޫޗެކް ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދިން ނަމަވެސް ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފަ އެވެ.
މި މެޗުން ސައުތު ކޮރެއާ އަށް ތިން ޕޮއިންޓް ކަށަވަރުވެގެން ގޮސްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދިހަ މިނިޓަށް ވެފައިވަނިކޮށް އޯ ހިއޮން-ގޫ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އޭނާ މި މެޗުގައި ކުޅެން އަރާފައިވަނީ މެޗުގެ 69 ވަނަ މިނިޓުގައި ކެޕްޓަން ސޮން ހިއުން-މިން ގެ ބަދަލުގަ އެވެ.
މި ނަތީޖާ އާއިއެކު ގްރޫޕް އޭގައި ސައުތު ކޮރެއާ ކުޅުނު މެޗު ކާމިޔާބުކޮށް އެ ޓީމަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ގްރޫޕްގެ އެއްވަނައިގައި އޮތް މުބާރާތް ބާއްވާ މެކްސިކޯ އެވެ. މެކްސިކޯ ވަނީ ސައުތު އެފްރިކާ އާއި ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފަ އެވެ.