ޚަބަރު

ގަދަ ވަޔާއި ބޯވާރެޔާއެކު ނިއު ދިއްލީ ސަރަހައްދަށް ރީނދޫ ސަމާލު


އިންޑިޔާގެ ވެރިރަށް ނިއު ދެއްލީ އަދި ވަށައިގެންވާ ސަރަޙައްދުތަކުގެ މޫސުން ގޯސްވެ، ގަދަވަޔާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް، އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން (އައިއެމްޑީ) "ރީދޫ ސަމާލު" ނެރެފިއެވެ. އައިއެމްޑީގެ އިންޒާރުގައި ބުނެފައި ވަނީ، އިންޑިޔާގެ ވެރިރަށް އޮތް ސަރަޙައްދަށް ގަޑިއަކު 70 ކިލޯމީޓަރަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ވަޔާއެކު ބޯކޮށް ވާރޭވެހޭނެ ކަމުގައެވެ.

އެ އިދާރާއިން ބުނީ، ނިއު ދެއްލީގެ އިތުރުން ވެރިރަށާ އިންވެގެން އޮތް ނޮއިޑާ، ގުރޫގްރާމް އަދި ގާޖީއާބާދަށް ވެސް ޖޫން 12 ވަނަ ދުވަހު ވިއްސާރަކޮށް، ވައި ގަދަވާނެ ކަމުގައެވެ. އެ ސަރަޙައްދުތަކަށް ދީފައި އޮންނަ ނަމަކީ، ނޭޝަނަލް ކެޕިޓަލް ރީޖަން (އެންއާރްސީ) އެވެ. ދެއްލީ-އެންއާރްސީގެ އިތުރުން ހަރްޔާނާ، ޕަންޖާބް އަދި ރާޖަސްތާން ސްޓޭޓްގެ ސަރަޙައްދުތަކަށް ގުގުރުމާއެކު ވާރޭވެހި، ބައެއް ރަށްތަކަށް ގަނޑުފެން ފޭބުން އެކަށީގެންވާ ކަމުގައި ވެސް އެ އިދާރާއިން އިންޒާރު ކުރިއެވެ. އަދި، ބައެއް ވަގުތުތަކުގައި ވައިގެ ބާރުމިން ގަޑިއަކު 60 އާއި 70 ކިލޯމީޓަރަށް ގަދަވާނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 80 ކިލޯމީޓަރަށް ވައިގަދަވާނެ ކަމުގައި ވެސް ވަނީ އެ އިދާރާއިން ލަފާކުރިއެވެ.

މީގެ އިތުރުން، ޖޫން 12 ވަނަ ދުވަހު ހެނދުނާއި މެންދުރުގެ އިތުރުން ހަވީރާއި ރޭގަނޑުގެ ވަގުތުގައި ވެސް ގުގުރުމާއެކު އެ ސަރަޙައްދުތަކަށް ވާރޭވެހޭނެ ކަމުގައި މޫސުމާ ބެހޭ އިދާރާއިން ބުންޏެވެ. ފާއިތުވި ދުވަސްތަކުގައި ދެއްލީ އޮންނަ ސަރަޙައްދަށް އާދަޔާޚިލާފުގައި ފިނިހޫނުމިން މަތިވެފައި އޮތް ނަމަވެސް، މިހާރު ކުރަމުންދާ ވިއްސާރައާއެކު އެ ސަރަޙައްދުގެ ފިނިހޫނުމިން ދަށްވާނެ ކަމުގައި އެ އިދާރާއިން ބުންޏެވެ. ޖޫން 11 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތުގައި ވެސް ދެއްލީ-އެންއާރްސީ ސަރަޙައްދަށް ބޯކޮށް ވާރޭވެހިފައިވެއެވެ.

މޫސުމާ ބެހޭ މާހިރުން ބުނީ، މިއީ ޕާކިސްތާންގެ މެދުތެރޭގެ ސަރަޙައްދުގައި އުފެދިފައިވާ ބާރުގަދަ ތޫފާނެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ކަމުގައެވެ. އެ ތުފާނުގެ ބާރު ގަދަވަމުންދާ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ދެއްލީ-އެންއާރްސީ ސަރަޙައްދަށް އިތުރަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކުރިއެވެ. އަދި، މި ޙާލަތު ބަދަލުވެ، މޫސުން ރަނގަޅުވާނީ ޖޫން 15 ގެ ފަހުން ކަމުގައި ވެސް އައިއެމްޑީން ބުންޏެވެ.