ވޯލްޑް ކަޕާ ދިމާކޮށް މިދުވަސްވަރު އޮޅުވާލައިގެން ފައިސާ ހޯދުމާ ތަކެތި ވިއްކާކަމަށް ބުނެ ހިންގާ ސްކޭމްގެ އަމަލުތައް އިތުރުވަމުންދާތީ ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ވަނީ، ސޯޝަލް މީޑިއާ މެދުވެރިކޮށް ފުޅާ ދާއިރާއެއްގައި އެކި ބާވަތުގެ ތަކެތި ވިއްކާ ޓިކްޓޮކް އެކައުންޓެއް އާންމުންގެ ސަމާލުކަމަށް ގެނެސްފައެވެ.
އެންޓި-ސްކޭމް ސެންޓަރުގެ ހެޑް، އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދު ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ، ވޭތުވެދިޔަ ފަސް އަހަރުގެ ތަފާސްހިސާބުތަކަށް ބަލާލާއިރުވެސް ރާއްޖޭގައި ސްކޭމްގެ ކުށްތައް ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމަށެވެ.
ނަވީދު ފާހަގަކުރެއްވި ގޮތުގައި ރަމަޟާން މަހާއި، ސްކޫލު ބަންދު ދުވަސްވަރުގެ އިތުރުން އެކި ކަހަލަ ޕްރޮމޯޝަންތައް ކުރިއަށްދާ ދުވަސްތަކަކީ، ސްކޭމަރުން ވަރަށް ބޮޑަށް ތައްޔާރުވާ ދުވަސްތަކެއް ކަމަށެވެ.
"މިކަހަލަ ދަނޑިވަޅުތަކަށް ސްކޭމަރުން ވަރަށް ދުރާލާ ތައްޔާރުވޭ މިހާރު މިއޮތީ ވޯލްޑް ކަޕް ދުވަސްވަރު ފެށިފައި. ސްކޭމަރުން މި ދުވަސްވަރު މިކަހަލަ ފޯރި ނަގާ ދުވަސްވަރުތަކުގައި އެ ފަރާތްތަކުން އެބަ ރުކުރުވާލާ." ނަވީދު ވިދާޅުވިއެވެ.
ވޯލްޑް ކަޕުގެ މެޗުތައް ބަލާ ގަޑިތަކުގައި ގޭގޭގައި ތިބެގެން ކެވޭނެ ފަދަ ލުއި ކާނާއާއި، ދިވެހިންނަށް ކަމުދާ ކާބޯތަކެތީގެ އިޝްތިހާރުތައް ސޯޝަލް މީޑިއާގެ އެކި މަންސަތައް ބޭނުންކޮށްގެން މީހުންގެ ސަމާލުކަން ހޯދުމަށް މަސައްކަތް ކުރާކަން ނަވީދު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ވޯލްޑު ކަޕުގައި ކުޅޭ ޓީމުތަކުގެ ޖޯޒީތައް އާދަޔާ ޚިލާފަށް އަގުހެޔޮކޮށް ވިއްކާ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިފަދަ ވިޔަފާރިތަކުގައި ސަމާލުވާންވީ އެންމެ މުހިންމު ކަމަކީ، އެއްވެސް ޚިދުމަތެއް ނުވަތަ މުދަލެއް ނުލިބެނީސް ފައިސާ ނުދެއްކުން ކަމަށް އާދަމް ނަވީދު ވިދާޅުވިއެވެ.
"އެއްވެސް ޕްރޮމޯޝަނެއްގައި ބައިވެރިވާކަށް ފައިސާއެއް ދައްކާކަށް ނުޖެހޭނެ. އެއްވެސް ޚިދުމަތަކަށް ޚިދުމަތް ނުލިބެނީސް ފައިސާ ދައްކާކަށް ނުޖެހޭނެ. ޖާޒީއެއް ގަތަސް އެނޫން އެއްޗެއް ގަތަސް ހަނދުމަފުޅު ބަހައްޓަވާ ފައިސާ ދައްކާނީ މުދާ އަތަށް ލިބުނީމަ." ނަވީދު ވިދާޅުވިއެވެ.
ނަވީދު ވަނީ، ސްކޭމަރުންގެ އުކުޅުތަކަށް ސަމާލުވުމުގެ ގޮތުން ކުރަންވީ ކަންތައްތަކަށްވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން ސްކޭމަރުން އާންމުކޮށް ބޭނުންކުރާ އެއް އުކުޅަކީ ކަމެއް ވަރަށް އަވަސްކުރަން ޖެހިފައިވާ ކަމަށް ދެއްކުން ނުވަތަ 'އާޖެންސީ' ކްރިއޭޓް ކުރުން ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން، އެއްވެސް ފަރާތަކަށް ފައިސާ ފޮނުވުމުގެ ކުރިން އެއީ ސައްޙަ ފަރާތެއްތޯ ބަލައި ކަށަވަރު ކުރުމަށް ނަވީދު ވަނީ އިރުޝާދު ދެއްވާފައެވެ.
ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ޢީދު، ވޯލްޑް ކަޕުގެ ފޯރި މުޅި ރާއްޖޭގައި ގަދަވެފައިވާއިރު، އެކި ކުންފުނިތަކުން ކުރިޔަށްގެންދާ ޕްރޮމޯޝަންތަކުގެ ނިވާފަތްގަނޑުގައި ތިބެ ސްކޭމަރުން ހިންގާ މިފަދަ ޖަރީމާތަކުން ސަލާމަތްވުމަށް އަމިއްލަ ފަރުދީ ޒިންމާ އަދާކުރުމަކީ މުހިންމު ކަމެއްކަމަށް ފުލުހުން ވިދާޅުވިއެވެ.
ވޯލްޑްކަޕް ފެށުނު ދުވަހު މީސްމީޑިއާގައި އާންމުކުރި ސްކޭމް އެކަންއުންޓުގެ އިތުރުންވެސް ސްކޭމް ހިންގާ އެކައުންޓްތަކެއް ފުލުހުންގެ ސަމާލުކަމަށް ވަނީ އައިސްފައެވެ. މި އެކައުންޓުތައް ބަންދުކޮށް މިހާރު އެ މައްސަލަތައް އިތުރަށް ތަހުޤީގު ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ.
މިއަހަރުގެ ވޯލްޑް ކަޕާއި ގުޅުވައިގެން ހިންގާ ސްކޭމްތައް މިހާރަށްވުރެ އިތުރުވާނެކަމަށް ބެލެވޭ ކަމަށާއި މިހާރުއްސުރެ މިފަދަ ކަންކަމަށް ހޭލުންތެރިވެ، އަމިއްލަ ފައިސާއާއި މައުލޫމާތު ރައްކާތެރި ކުރުމަށް ސަމާލުކަންދީ، ރައްކާވެ ތިބުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. ކޮންމެ މުއާމަލާތެއް ކުރުމުގެ ކުރިންވެސް އެއީ ކޮން ފަރާތެއްތޯ ޔަޤީންކުރުން މުހިއްމެވެ.