ޚަބަރު

ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ފަރުމަސްވެރިކަމުގެ މުބާރާތެއް


  • މުބާރާތް އޮންނާނީ އަންނަ ހުކުރުދުވަހު

  • މި މުބާރަތް ބާއްވަނީ މުޅި ރާއްޖެއަށް ހުޅުވާލައިގެން

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ފަރުމަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައި މަސްވެރިކަމާ ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ބާއްވާ ފަރުމަސްވެރިކަމުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރުދުވަހުއެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ވަނީ ހުޅުވާލާފައެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ މާލެ ސިޓީއިން މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދެވޭނީ ފުރަތަމަ ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ 20 ޓީމަށެވެ. އަދި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 17 ޖޫން 2026 ގެ 14:00 ގެ ކުރިން އޮންލައިން ފޯމު މެދުވެރިކޮށް ހުށަހަޅަންޖެހޭނެ ކަމަށެވެ. މުބާރާތާ ގުޅޭ އިތުރު މައުލޫމާތު 3339225 ނުވަތަ 3339272 އާ ގުޅުއްވައިގެން ސާފުކުރެއްވޭނެ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މިއަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ ޝިއާރަކީ "ރީއިމޭޖިން: ބިޔޯންޑް ދަ ވޯލްޑް ވީ ނޯ، އޭ ނިއު ރިލޭޝަންޝިޕް ވިތް އަވާ އޯޝަން" އެވެ. މީގެ މާނައަކީ އަޅުގަނޑުމެންނަށް އެނގިފައިވާ ދުނިޔެއަށްވުރެ ބޮޑަށް، ކަނޑާ އެކު އޮންނަ ގުޅުން އާ ގޮތަކަށް ބައްޓަންކުރުމެވެ. ރާއްޖޭގެ ސަރަހައްދުގެ %99 އަކީ ކަނޑުގެ ސަރަހައްދު ކަމަށްވާއިރު، ސަރުކާރުގެ އަމާޒަކީ ކަނޑުގެ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމެވެ.

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ކޮންމެ އަހަރަކުވެސް ރާއްޖޭގައި ގިނަ ހަރަކާތްތަކެއް ބާއްވައެވެ.