ޚަބަރު

ފީފާ ވޯލްޑްކަޕް 2026: ސްވިޑަން - ޓިއުނީޝިޔާ


  • ސްޓޭޑިއަމް: އެސްޓޭޑިއޯ މޮންޓަރޭ

  • މެޗު ފަށާ ގަޑި: 07:00

ސްވިޑަން އިން 13 ވަނަ ފަހަރަށް ފީފާ ވޯލްޑްކަޕްގައި ވާދަކުރާއިރު އެ ޓީމުން ނިކުންނާނީ 1994 ވަނަ އަހަރު އެމެރިކާގައި ބޭއްވި ވޯލްޑްކަޕްގައި ސްވިޑަން އިން ހޯދި ފަދަ ކާމިޔާބީއެއް ހޯދުމަށް ނުވަތަ އެއަށްވުރެ ރަގަޅު ކާމިޔާބީއެއް ހޯދުމަށެވެ.

އެމެރިކާ އާއި ކެނެޑާގެ އިތުރުން މެކްސިކޯގައި ބާއްވާ ވޯލްޑްކަޕަށް ސްވިޑަން ނިކުންނައިރު 94 ވަނަ އަހަރު އެމެރިކާގައި ބޭއްވި ވޯލްޑްކަޕްގެ ތިންވަނަ މަގާމް ސްވިޑަން އިން ވަނީ ހޯދާފަ އެވެ. މީގެ އިތުރުން އެ ޓީމުން ވަނީ 1958 ވަނަ އަހަރުގެ ފައިނަލުގައިވެސް ކުޅެފަ އެވެ.

2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑްކަޕަށް ސްވިޑަން ކޮލިފައިވެފައިނުވާއިރު މި ފަހަރުގެ ވޯލްޑްކަޕުންވެސް އެ ޓީމަށް ފުރުސަތު ލިބިފައިވަނީ އުނދަގޫ މަގަކުންނެވެ. ޔޫރަޕްގެ ކޮލިފައިން ގްރޫޕް ބީ ގައި ހިމެނޭ ހަތަރު ޓީމުގެ މެދުގައި ކުޅުނު މެޗުތަކަށްފަހު ޕްލޭއޮފް ޖާގައެއް ސްވިޑަން އަށް ލިބިފައިނަވަނީ ޔޫއެފާ ނޭޝަންސް ލީގުގެ ރޭންކިން އިންނެވެ.

ޕްލޭއޮފްގެ ފުރަތަމަ މެޗުގައި 3-1 ގެ ނަތީޖާއަކުން ޔުކްރޭން ބަލިކުރުމަށްފަހު ސްވިޑަން އިން ވަނީ 3-2 ގެ ނަތީޖާއަކުން ޕޮލެންޑް ބަލިކޮށް ވޯލްޑްކަޕްގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ.

2025 ވަނަ އަހަރު ސްވިޑަންގެ ކޯޗު ޔޮން ޑާލް ޓޮމަސަން މަގާމުން ވަކިކުރުމަށްފަހު އިންގްލެންޑްގެ ގްރަހަމް ޕޮޓަރ ކޯޗު ކަމާއި ހަވާލުވުމަށްފަހުވެސް އެދެވޭ ނަތީޖާތަކެއް ވަނީ ހޯދޭގޮތް ނުވެފަ އެވެ. ޕްލޭއޮފް ދެ މެޗަށްފަހު މި ހިނގާ ޖޫން މަހު ސްވިޑަން އިން ކުޅުނު އެކުވެރިކަމުގެ ދެ މެޗުގެ ތެރެއިން ނޯވޭ އަތުން 3-1 ގެ ނަތީޖާއަކުން ބަލިވިއިރު ގްރީސް އާއި ދެކޮޅަށް ކުޅުނު މެޗު ނިމިފައިވަނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

ފީފާ ވޯލްޑްކަޕާއި ސްވިޑަން ކުރިމަތިލާއިރު އެ ޓީމަކީ ދުނިޔޭގެ ފެންވަރުގެ ނަން މަޝްހޫރު ކުޅުންތެރިން ހިމެނޭ ޓީމެކެވެ. އޭގެ ތެރޭގައި ލިވަޕޫލްގެ އެލެކްޒެންޑަރ އިސާކް, އާސެނަލްގެ ވިކްޓާރ ޔޯކޭރޭސްގެ އިތުރުން ނިއުކާސަލް ޔުނައިޓެޑްގެ އެންތޮނީ އެލަންގާ ހިމެނެ އެވެ.

ޓިއުނީޝިޔާ އިން ޖެހިޖެހިގެން ތިންވަނަ ފަހަރަށް ވޯލްޑްކަޕްގެ ޖާގައެއް ހޯދާފައިވާއިރު މިއީ އެ ގައުމުން ވޯލްޑްކަޕްގައި ކުޅޭ ހަތްވަނަ ފަހަރެވެ.

ގްރޫޕް ސްޓޭޖު ފަހަނައަޅާ މުބާރާތުގެ ދެވަނަ ބުރަށް އަދި މިހާތަނަށް ޓިއުނީޝިޔާ ކޮލިފައިވެފައިނުވި ނަމަވެސް މި ފަހަރުގެ މުބާރާތަށް ގެނެސްފައިވާ ބަދަލާއިއެކު އެ ޓީމުން އުންމީދު ކުރަނީ މި ފަހަރު މިއީ މުބާރާތުގެ ގްރޫޕް ސްޓޭޖް ފަހަނައަޅާ ދެވަނަ ބުރަށް ނުވަތަ ގަދަ 32 ޓީމުގެ ތެރޭގައި ހިމެނި ވޯލްޑްކަޕްގައި އިތުރު ހަރުފަތެއް ކުރިއަށް ޖެހިލުމަށެވެ.

2025 ވަނަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސް އިން ކެޓުމާއިއެކު އޭރުގެ ކޯޗު ސާމީ ޓްރަބެލްސީ ކޯޗު ކަމުން ވަކިކޮށް އެ ޒިންމާ އާއި ހަވާލުވެފައިވަނީ ސަބްރީ ލަމޫޗީ އެވެ. ލަމޫޗީ ވަނީ 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑްކަޕްގައި އެފްރިކާގެ ގައުމެއް ކަމުގައިވާ އައިވަރީ ކޯސްޓަށްވެސް ކޯޗުކޮށްދީފަ އެވެ.

ޓިއުނީޝިޔާގެ ކޯޗު ކަމާއި ހަވާލުވުމަށްފަހު ލަމޫޗީ ވަނީ ސްކޮޑަށް ގިނަ ކުޅުންތެރިންތަކެއް ނަގާ ކޮލިފައިންގެ އިތުރުން އެކުވެރިކަމުގެ މެޗުތަކުގައި އެ ކުޅުންތެރިން ޓެސްޓްކޮށްފަ އެވެ.

އެންމެ ފަހުން ބޭއްވި އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ދެވަނަ ބުރަށް ޓިއުނީޝިޔާ ކޮލިފައިވެފައިވީ ނަމަވެސް ޕެނަލްޓީ ޖަހައިގެން މާލީ އަތުން ބަލިވި މެޗަށްފަހު އެ ޓީމުން މިހާތަނަށްވަނީ އެކުވެރިކަމުގެ ހަތަރު މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން ހެއިޓީ އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު, ކެނެޑާ އާއި ވަނީ އެއްވަރުވެފަ އެވެ. އަދި އޮސްޓްރިއާ އާއި ބެލްޖިއަމް އާއި ދެކޮޅަށް މި ޖޫން މަހު ކުޅުނު ދެ މެޗުންވެސް ޓިއުނީޝިޔާ ވަނީ ބަލިވެފަ އެވެ.