ފާއިތިވި 2 ސަރުކާރުގެ 5 އަހަރުގެ ދައުރުގެ ތެރޭގައި ނުދައްކާ މިންވަރަށް މި ސަރުކާރުގެ ދެ އަހަރާއި ބައިގެ ތެރޭގައި ދަރަނި ދައްކާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މި ފަދައިން ވިދާޅުވީ ދ. އަތޮޅު މީދޫ ކައުންސިލް ރައީސްގެ ގޮނޑި ޕީއެންސީއިން ކާމިޔާބުކުރުމާ ގުޅިގެން އެކަމުގެ އުފާ ފާޅުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދުގެ ވާހަކަފުޅުގައިވަނީ އެކި ސަރުކާރުތަކުން ނަގާފައިވާ ދަރަނިތަކާއި، އަދުގެ ސަރުކާރުން މިހާތަނަށް ދައްކާފައިވާ ދަރަނިތަކުގެ ތަފްޞީލު ހިއްސާކުރައްވާފައެވެ. ރައީސް ވިދާޅުވީ މިދިޔަ ސަރުކާރުގެ 5 އަހަރުގެ ތެރޭގައި ދެއްކިފާފައިވަނީ 953 މިލިޔަން ޑޮލަރުކަމަށާއި މި ސަރުކާރުން 2 އަހަރާއި ބައިގެ ތެރޭގައި 1.29 ބިލިޔަން ޑޮލަރު ދައްކަވާފައިކަމަށެވެ. އަދި ރައީސް ޔާމީނުގެ ސަރުކާރުން 5 އަހަރުގެ ތެރޭގައި ދައްކަވާފައިވަނީ 418.18 މިލިޔަން ޑޮލަރުކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން އެ ދެ ސަރުކާރުންވެސް ނުދައްކާ މިންވަރަށް އަދުގެ ސަރުކާރުގެ 2 އަހަރާއި ބައިގެ ތެރޭގައި ދައްކާފައިވާ ދަރަނި އިތުރުކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަދުގެ ސަރުކާރު އައިފަހުން މިހާތަނަށް ދައްކާފައިވާ 1.29 ބިލިޔަން ޑޮލަރުގެ ތަފްޞީލް ޙިއްސާކުރައްވަމުން ރައީސް ވިދާޅުވީ، މިދައުރުގެ ތެރޭގައި ނެގި ދަރަނީގެ ތެރެއިން 4.9 މިލިޔަން ޑޮލަރު ދައްކަވާފައިވާކަމަށެވެ. އަދި މިދިޔަ ސަރުކާރުން ނަގާފައިވާ ދަރަނީގެ ތެރެއިން 891 މިލިޔަން ޑޮލަރާއި، އޭގެ ކުރީ ސަރުކާރުން ނެގި ދަރަނީގެ ތެރެއިން 195 މިލިޔަން ޑޮލަރުވެސް ދައްކާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ނަޝީދާއި ރައީސް ވަހީދުގެ ވެރިކަމުގައި ނަގާފައިވާ ދަރަނީގެ ތެރެއިން 62.5 މިލިޔަން ޑޮލަރު ދައްކަވާފައިކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައިވަނީ އެކި ސަރުކާރުތަކުން ނަޤާފައިވާ ދަރަނީގެ ތެރެއިން މިހާތަނައް ދައްކަންވެފައިވާ އަދަދުތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މިސަރުކާރުން މިހާތަނައް ނަގާފައިވާ ދަރަނިތަކުގެ ތެރެއިން ބާކީ ދައްކަން އިނީ 239 މިލިޔަން ރުފިޔާކަމަށާއި މިދިޔަ ސަރުކާރުން ނަގާފައިވާ ދަރަނީގެ ތެރެއިން 1.14 ބިލިޔަން ޑޮލަރު ދައްކަން ޖެހޭކަމަށް ފާހަގަކުރެއްވިއެވެ. އަދި އޭގެ ކުރީ ސަރުކާރުން ނަގާފައިވާ ދަރަނީގެ ތެރެއިން ދައްކަވެފައިވާ 710 މިލިޔަން ޑޮލަރު ހުރިއިރު ރައީސް ނަޝީދާ އަދި ރައީސް ވަހީދުގެ ވެރިކަމުގައި ނަގާފައިވާ ދަރަނީގެ ތެރެއިން 150.4 މިލިޔަން ޑޮލަރު ދައްކަން ޖެހޭކަމަށް ވިދާޅުވިއެވެ.
"އޭގެ ކުރިން ރައީސް މައުމޫނުގެ ސަރުކާރުން ނަގާފައިވާ ދަރަނިތަކުގެ ތެރެއިވެސް އަދިވެސް ދައްކަންވެފައި އެބައޮތް 106.3 މިލިޔަން ޑޮލަރު. މިއީ ރައްޔިތުންގެ ބޮލުގައި އެޅުވިފައިހުރި މީގެ ކުރީގެ ރައީސުން ނަންގަވާފައިވާ ދަރަނިތައް. އަޅުގަނޑުމެން އިހައް ދުވަހު 1.29 ބިލިޔަން ޑޮލަރު ދެއްކީމަވެސް އަދިވެސް ދައްކަން ހުރިވަރު. އަދަނވަޅުފެ ފުންމިން. މި އަނދަވަޅުން ނަގަން މަސައްކަތް މިކުރަނީ. ޤައުމު އިސްކޮށްގެން ޤައުމުދެކެ ލޯބިވެ ޤައުމައްޓަކައި ރައްޔިތުންނައްޓަކައި" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޖީޑީޕީގެ ނިސްބަތުން ޖުމްލަ ބޭރު ދަރަނި 2023ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް 51.3 އިންސަތައްއަށް އަރާފައިވާކަމަށެވެ. އަދި މިއަހަރުގެ މެއި މަހުގެ ނިޔަލައް މި އަދަދު 44.5 އިންސައްތައަށް ދައްކުރެވިފައިވާކަމަށެވެ. މިއީ 6.89 އިންސައްތަ ކުރިއެެރުމެއްކަމަށް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ޖީޑީޕީގެ ނިސްބަތުން ސަރުކާރުގެ ސީދާ ދަރަނި 2023 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ ނިޔަލަށް 108.8 އިންސަތައް އަރާފައިވާކަމަށެވެ. އެހެންނަމަވެސް މިއަހަރުގެ މެއި މަހުގެ ނިޔަލަށް 104.8 އިންސައްތަ ދައްކުރެވިފައިވާކަމަށް ވިދާޅުވިއެވެ. މިއީ 2 އަހަރާއި ބައިގެ ތެރޭގައި 4 އިންސަތަ ކުރިއެރުން ލިބިފައިވާކަަމަށް ވިދާޅުވިއެވެ.