ދިގުމުއްދަތައް ރައްކާކޮށް އަވަހަށް ތައްޔާރުކޮށްލެވޭ ކާނާގެ ބާވަތްތައް ރާއްޖެއަށް ތަޢާރަފް ކުރުމުގެ ގޮތުން އެކި މުޢައްސަސާތަކަށް މައުލޫމާތު ދިނުމަށް ކުރިއަށްގެންދާ ހާއްސަ ފޯރަމެއް ހުޅުލޭ އައިލޭންޑް ހޮޓަލުން ފަށައިފިއެވެ.
މި ފޯރަމް ކުރިއަށްދާނީ މިމަހުގެ 15 އިން 17 ކަމަށް ހުޅުލޭ އައިލޭންޑް ހޮޓަލުން ބުނެއެވެ.
ހުޅުލޭ އައިލޭންޑް ހޮޓަލުގެ ރަސްމާލަން ބޯލްރޫމުގައި ކުރިއަށްދާ މި ފޯރަމަކީ، ދިވެހިރާއްޖެއަށް އާ ބާވަތެއްގެ، އާންމު ފިނިހޫނުމިނުގައި ބެހެއްޓޭ ކާބޯތަކެތި އުފެއްދުމުގެ އީޖާދީ ހައްލުތައް ތައާރަފުކުރުމަށް ކުރިއަށްގެންދާ ފޯރަމެއް ކަމަށް އެޗްއައިޗްއިން ބުނެއެވެ. މީގެ ސަބަބުން އެކި ދާއިރާތަކުން ޚަރަދު ކުޑަ، އަދި ހަށިގަނޑަށް ފައިދާހުރި މާއްދާތައް އެކުލެވޭ ކާނާ ފަސޭހައިން ލިބޭނެ ނިޒާމެއް ތައާރަފްކުރެވޭނެ ކަމަށް ހުލޭ އައިލޭންޑް ހޮޓަލުން ބުނެއެވެ. ކާނާގެ މި ބާވަތްތައް ތަޢާޜަފް ކުރަނީ ހުޅުލޭ އައިލޭންޑް ހޮޓެލް ހިންގާ ކުންފުންޏާއި، މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގެ އެއް ހިއްސާދާރު، ސަޓްސް މެދުވެރިކޮށެވެ.
އެހޮޓަލުން ވިދާޅުވީ 3 ދުވަހަށް ކުރިއަށް ގެންދާ މި ފޯރަމުގައި ކާބޯތަކެތީގެ ނިޒާމުތައް ހަރުދަނާކުރުމަށްޓަކައި، ފުޅާ ދާއިރާއެއްގައި މަޝްވަރާކުވޭނެ ކަމަށެވެ. މިގޮތުން އަސްކަރީއްޔާގައި ބޭނުން ކުރުމަށާއި ސިއްޙީ ދާއިރާގައި ބޭނުން ކުރެވޭނެ ކާނާގެ ބާވައްތަކުގެ މައުލޫމާތުގެ އިތުރުން ތަޢުލީމީ ނިޒާމުގެ ތެރެއިން ދަރިވަރުންނަށް ފޯރުކޮށްދެވޭނެ އެކި ބާވައްތަކުގެ ކާނާގެ މައުލޫމާތު ފޯރުކޮށްދޭނެއެވެ.
އެޗްއައިއެޗުން ބުނީ މި ފޯރަމުގެ ތެރެއިން މައުލޫމާތު ފޯރުކޮށްދެވޭ ކާނާތަކަކީ އަވަހަށް ތައްޔާރުކުރެވޭ އަދި ކާނާ ތައްޔާރުކުރުމަށް ބަދިގެއެއް ބޭނުން ނުވާ ޒާތުގެ ކާބޯތަކެތިކަމަށެވެ.