ކުޅިވަރު

އޭޝިޔާގެ ޓީމުތަކުގެ ނަތީޖާ ރަނގަޅު، ޖޯޑަން ވެސް ނުރައްކާ ކުރާނެ: ރަގްނިކް


އޭޝިޔާގެ ޓީމުތައް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ނެރެމުންދަނީ ވަރަށް ރަނގަޅު ނަތީޖާތަކެއް ކަމަށާއި މިހެންވެ މާދަމާ ހެނދުނު ޖޯޑަން ވެސް ވާނީ ނުރައްކާތެރި ޓީމަކަށް ކަމަށް އޮސްޓްރިއާގެ ކޯޗު ރަލްފް ރަގްނިކް ބުނެފި އެވެ.

މިރެ އާއި މާދަމާ އަށް ކަނޑައަޅާފައިވާ އެންމެ ފަހު މެޗަށް ނުކުތުމުގެ ކުރިން ކޯޗު ބުނީ އޭނާގެ ފުރަތަމަ 11 އެނގޭނީ މެޗަށް ކުޅުންތެރިން ޗޭންޖިން ރޫމަށް ދިއުމުން ކަމަށެވެ.

"އަހަރުމެންނަށް ފެނިން ހިނގައްޖެ މި މުބާރާތުގައި އޭޝިޔާގެ ޓީމުތައް އެ ކުރާ ހިތްވަރު. އެ މީހުން އެ ވަނީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި. އެހެންވީމާ ޖޯޑަން ވެސް ވަކި ތަފާތެއް ނުވާނެ. ހާއްސަކޮށް ކައުންޓަ އެޓޭކްގައި އެ މީހުންގެ އަވަސް ވާނެ. މިއީ އަހަރެންނަށް މި މެޗުގެ މަންޒަރު ފެންނަ ގޮތަކީ،" ކޯޗު ބުންޏެވެ.

އޭނާ ބުނީ ވޯލްޑް ކަޕުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗެއްގައި ވެސް ފެނިފައިވަނީ ހައިރާން ކުރުވަނިވި ނަތީޖާތަކެއް ކަމަށެވެ.

"ބަލާ 12 މެޗު އެއްވަރުވެއްޖެ. ހަ މެޗުވީ އެއްވަރު. ދެކުނު އެމެރިކާގެ އެއްވެސް ޓީމެއް މޮޅެއް ނުވޭ. އެހެންވީމާ މި ހުރީ އަހަރުމެން ވަރަށް ފަރުވާތެރިވާންވީ ކަންކަން. ޖޯޑަން ވާނީ އަހަރުމެންނަށް އުނދަގޫ ޓީމަކަށް. އެ މީހުން ވަރަށް ޕްރެޝަރ ދޭނެ،" ކޯޗު ބުންޏެވެ.

މިރޭގެ މެޗަކީ ޖޯޑަން އަލަށް ވޯލްޑް ކަޕުގައި ކުޅޭ މެޗެވެ. އަދި މިއީ އޮސްޓްރިއާ 28 އަހަރަށް ފަހު ވޯލްޑް ކަޕުގައި ކުޅޭ ފުރަތަމަ މެޗެވެ.

"ވަރަށް މުހިންމު ކަމެއް މި މެޗުގެ ނަތީޖާ ރަނގަޅު ކުރުމަކީ. ގްރޫޕުގައި އަހަރުމެންނަށް ބާކީ ކުޅެން އޮތީ ކޮން ދެ ޓީމެއްކަން އެންމެނަށް ވެސް އެނގޭނެ. (އާޖެންޓީނާ އާއި އަލްޖީރިއާ މެޗު). އެހެންވީމާ މި މެޗުން ތިން ޕޮއިންޓް ލިބިގެން ނޫނީ ޕްރެޝަރު ފިލުވާ ނުލެވޭނެ،" ކޯޗު ބުންޏެވެ.

އޭނާ ބުނީ ވޯލްޑް ކަޕުގައި ކޮންމެ ހާފެއްގައި ކުޅުންތެރިންނަށް ދެމުން އަންނަ ކޫލިން ބްރޭކް އަކީ ވަރަށް ރަނަގޅު ކަމެއް ކަމަށް ދެކޭ ކަމަށެވެ.

"ޔަގީނުން ވެސް އަހަރެންނަށް ކުޅުންތެރިންނާ އެ ވަގުތު ވާހަކަ ދައްކާލެވޭނެ. މި މެޗުގައި ހީވަނީ 65000 މީހުން ދަނޑުގައި ތިބޭނެ ހެން. ހަޅޭކުގެ އަޑާއެކު ކުޅުންތެރިންނާ ވާހަކަ ދައްކާލަން ލިބޭނެ އެންމެ ރަނގަޅު ފުރުސަތަކީ ބްރޭކް. އަހަރެން ދެކެނީ އެކަން ރަނގަޅު ކަމެއްގެ ގޮތުގައި،" ކޯޗު ބުންޏެވެ.

މި މެޗު ފަށާނީ މާދަމާ ހެނދުނު ނުވައެއް ޖަހާއިރު އެވެ.