ކުޅިވަރު

ގްރޫޕްގެ ފުރަތަމަ މޮޅު ކޮލަމްބިޔާއަށް!


  • އުޒުބެކިސްތާ ބަލިކުރީ 3-0 ން

ފީފާ ވަރލްޑްކަޕް 2026 ގައި ޕޯޗްގަލް ހިމެނޭ ގްރޫޕް ކޭގެ ފުރަތަމަ މޮޅު ކޮލަމްބިޔާއިން ހޯދާ އެއްވަނައިގައި ފުރަތަމަ މެޗު ނިންމާލައިފިއެވެ.
2022 ވަނަ އަހަރުގެ މުބާރާތަށް ކޮލިފައިނުވި، ދެކުނު އެމެރިކާ ސަރަހައްދުގެ ކޮލަމްބިޔާއިން މިއަހަރު އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗު އުޒުބެކިސްތާނާ ވާދަކޮށް ކާމިޔާބުކުރީ 3-0 ނެވެ. މެޗުގައި ކޮލަމްބިޔާއަށް ލީޑް ނަގައިދިނީ ޑިފެންޑަރު ޑެނިއެލް މުނޯޒް އެވެ. ފުރަތަމަ ހާފް ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް މުނޯޒް ލަނޑު ޖެހީ ފޯވާޑް ލުއިސް ޑިއާޒް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.
މެކްސިކޯ ސިޓީ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ދެވަނަ ހާފްގައި އުޒުބެކިސްތާނުން ނަތީޖާ ހަމަހަމަކޮށް މެޗު އަލުން ވާދަވެރިކުރިއެވެ. މުބާރާތުގައި އަލަށް ވާދަކުރާ އުޒުބެކިސްތާނަށް ދެވަނަ ހާފް ފަށައިގެން 15 ވަނަ މިނިޓްގައި ތާރީޚީ ލަނޑު ޖަހައިދީ ނަތީޖާ ހަމަހަމަކޮށްދިނީ މިޑްފީލްޑަރ އަބޯސްބެކް ފޭޒުއްލޭވް އެވެ. އެކަމަކު އެނަތީޖާގައި އޮތީ އެންމެ ހަތަރު މިނިޓެވެ. ލުއިސް ޑިއާޒް ލަނޑު ޖަހާ ކޮލަމްބިޔާއަށް ދެވަނަ ފަހަރަށް ލީޑް ހޯދައިދިނެވެ. ކޮލަމްބިޔާގެ ތިންވަނަ ލަނޑު ޖެހީ އިތުރު ވަގުތުގެ 9 ވަނަ މިނިޓްގައި ޖަމިންޓަން ކަމްޕާޒް އެވެ. އޭނާ ކުޅެން ނިކުތީ 72 ވަނަ މިނިޓްގައި ހަމޭސް ރޮޑްރިގޭޒްގެ ބަދަލުގައެވެ. ލަނޑުޖަހަން ފުރުޏަތު ތަނަވަސްކޮށްދިނީ 80 ވަނަ މިނިޓްގައި ކުޅެން ނިކުއިން ކަމީލޯ ހެނާންޑޭޒް އެވެ.
މިމެޗު ކުޅުނީ ފުލް ސްޓޭޑިއަމްއެއްގައެވެ. 80،824 މީހުން މެޗު ބަލަން ވަން ކަމަށް ރެކޯޑްތަކުން ދައްކައެވެ.
މިގްރޫޕްގެ ފުރަތަމަ މެޗުގައި ޕޯޗްގަލް ވަނީ ކޮންގޯއާ ވާދަކޮށް 1-1 ން އެއްވަރުވެފައެވެ.