އިހުގެ ހަނދާންތަކާއި ތާރީޚީ ކަންކަން އަންނަންއޮތް ޖީލުތަކަށް ފޯރުކޮށްދެވޭނެ ގޮތަކަށް ކަންކަން ތަރުތީބު ކުރަން ޖެހޭކަމަށް ފަންނާއި، ސަޤާފަތާއި، ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރ މުޙައްމަދު މަޢުރޫފް ޖަމީލްގެ "މޯލްޑިވިއަން ރިސޯޓް އާކިޓެކްޗަރ" މައުރަޒަށް ޒިޔާރަތްކުރެއްވުމަށްފަހު، ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަވަމުންނެއެވެ.
މި މައުރަޒާ ގުޅޭގޮތުން ވަޒީރު ހީނާ ވިދާޅުވީ، މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ފަރުމާކުރުންތައް ބަދަލުވަމުން އައިގޮތް ދައްކުވައިދޭ، ތާރީޚީ ގޮތުންވެސް މުހިންމު އަދި ފުރިހަމަ މަސައްކަތެއް ކަމަށެވެ. ޚާއްޞަކޮށް، ރާއްޖޭގައި ފަތުރުވެރިކަން ފެށިގެން އައި ދުވަސްވަރު ރިސޯޓުތަކުގެ ކޮޓަރިތަކާއި އިމާރާތްތަކުގެ ފަރުމާ ހުރިގޮތް މި މައުރަޒުން ނުހަނު ފުރިހަމައަށް ފެންނަން ހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ފާއިތުވި ދިގު މުއްދަތުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީވެ، ކުރިއަރަމުން އައި ގޮތް ކުރެހުންތަކުގެ އެހީގައި ތަފްޞީލުކޮށް ފެންނަން ހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ. ފަތުރުވެރިކަމުގެ ކުރީގެ ދުވަސްތަކުގެ މަޢުލޫމާތާއި، އެ ސިނާއަތު ބަދަލުވަމުން އައި ގޮތް ނޭނގޭ އެތައް ޒުވާނުން މިހާރު ތިބިކަން ފާހަގަކުރައްވަމުން، ވަޒީރު ވިދާޅުވީ މިއީ ތާރީޚީ ގޮތުން ކުރެވިފައިވާ އަގުހުރި މަސައްކަތެއް ކަމަށެވެ.
"މިއީ ޤައުމީ މުހިންމު މަސައްކްތެއް. މިފަދަ ފުރިހަމަ އެގްޒިބިޝަނެއް ތައްޔާރު ކުރައްވައި، މިފަދަ މަސައްކަތެއް ކޮށްދެއްވީތީ އެކަން ފާހަގަކޮށް، މައުރޫފަށް ޝުކުރުދަންނަވަން. ފޮތެއްވެސް ނެރުއްވާފަ އެވަނީ. އެ ފޮތަކީވެސް މި އެޤްޒިބިޝަންގެ ފޮޓޯތަކާއި މައުލޫމާތުތައް ވަރަށް ފުރިހަމައަށް ލިޔެފައިވާ ފޮތެއް. ހަޤީގަތުގައިވެސް އަޅުގަނޑުމެންގެ ތާރީޚަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ތާރީޚު މިއޮތީ. މިކަމަކީ ވަރަށް މުހިންމުކަމެއްގެ ގޮތުގައި ދެކެން" ވަޒީރު ހީނާ ވިދާޅުވިއެވެ.
ފަންނާއި، ސަގާފަތާއި، ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ފާހަގަކުރެއްވި ގޮތުގައި، މި މައުރަޒުން ފެންނަ ކުރެހުންތަކުން ތާރީޚު ރައްކާތެރިކުރުމުގެ މުހިންމުކަން ހާމަވެގެންދެއެވެ. އަދި ޤައުމަށް އަންނަ ތަރައްޤީއާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު، ކުރީގެ ހަނދާންތަކާއި ތާރީޚީ ކަންކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދެވޭނެހެން، ނިޒާމީ ގޮތެއްގައި މިފަދަ މަސައްކަތްތައް ތަރުތީބުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މުޙައްމަދު މައުރޫފް ޖަމީލްގެ "މޯލްޑިވިއަން ރިސޯޓް އާކިޓެކްޗަރ" މައުރަޒަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާއި، ރިސޯޓްތައް ބިނާކުރުމުގެ ފަންނުވެރިކަން ކުރިއަރަމުން އައި ގޮތުގެ ތާރީޚަށް އަލިއަޅުވާލައިފައިވާ މައުރަޒެކެވެ. މި މައުރަޒުގައި ޖުމްލަ 80 އަށްވުރެ ގިނަ ފަންނީ ކުރެހުންތައް އާންމުންނަށް ފެންނާނެހެން ދައްކާލުމަށް ބަހައްޓާފައިވާކަމަށް މައުރޫފް ޖަމީލް ވިދާޅުވިއެވެ.
މުޙައްމަދު މައުރޫފް ޖަމީލް ވަނީ މި އެޤްޒިބިޝަންއާއި ގުޅިގެން ނެރުނު ފޮތް ވަޒީރަށް އަރުވާފައެވެ. އަދި ވަޒީރު ވަނީ އެޤްޒިބިޝަން އަންނަ ފަރާއްތަކުން ލިޔާ ފޮތުގައި ލިޔުއްވާފައެވެ.