ޚަބަރު

ދުނިޔޭގެ އޮލިމްޕިކް ދުވަސް: ޤައުމުތައް އެއްބައިވަންތަކޮށްދޭ ޢީދެއް


  • މި އަހަރުގެ ޝިޢާރަކީ "ޔޫ ކެން ޑޫ ދިސް! ލެޓްސް މޫވް"

  • މިއީ އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމިޓީ ވުޖޫދުވެގެން އައި ދުވަސް

  • މި ދުވަސް އެންމެ ފުރަތަމަ ފާހަގަކުރަންފެށީ 1948 ވަނަ އަހަރު

ދުނިޔޭގެ އޮލިމްޕިކް ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެވެސް ޖޫންމަހުގެ 23 ވަނަ ދުވަހެވެ. މި ދުވަސް ޚާއްސަ އަހަންމިއަޔަތުކަމެއްދީގެން ފާހަގަކުރަމުން އަންނައިރު، މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރާ ދުވަހެކެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެންމެން އެމީހުންގެ ނަސްލާއި ކުލަޔާއި ދީނާއި ސަގާފަތާއި އަދި ސިޔާސީ ފިކުރުތަކަށް ބެލުމެއްނެތި، ކުޅިވަރުގެ ރޫޙުގައި އެއްގަލަކަށް އަރުވާ ދުވަސްވެސްމެއެވެ.

ދުނިޔޭގެ އޮލިމްޕިކް ދުވަހުގެ ގޮތުގައި ފާހަގަކުރަމުން މިދާ ދުވަހަކީ، ތާރީޚީ ގޮތުން ބަލާނަމަ އޮލިމްޕިކް ހަރަކާތް ވުޖޫދުވެގެން އައި ދުވަހެވެ. މިދުވަސް ފާހަގަކުރަނީ 1894 ވަނަ އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހު، ފަރަންސޭސިވިލާތުގެ ޕެރިހުގެ ސޯބޯން ޔުނިވަރސިޓީގައި ބޭއްވުނު ތާރީޚީ ބައްދަލުވުމެއްގައި، އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (IOC) ވުޖޫދުވެގެންދިއުމާއެވެ. މި މަސައްކަތުގެ މުގުލުގައި ހުރި އެކަކަކީ ފަރަންސޭސި ތާރީޚީ އިލްމުވެރިއެއްކަމަށްވާ ބެރަން ޕިއެރޭ ޑި ކޮބަޓިން އެވެ. އޭނާ މަޝްހޫރުވެފައިވަނީ "މޮޑާން އޮލިމްޕިކް ގޭމްސްގެ ބައްޕަ"ގެ ގޮތުގައެވެ. އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ ވުޖޫދުކުރުމުގައި ބެރަން ޕިއެރޭ ޑި ކޮބަޓިންގެ ތަސައްވުރަކަށްވީ އިހުގެ ޔޫނާނީ ނުވަތަ ގްރީކް އޮލިމްޕިކް ކުޅިވަރުތައް އައު ސިފައެއްގައި ދިރުވައި، އެކަމުގެ ޒަރީޢާއިން ދުނިޔެއަށް ސުލްޙަވެރިކަން ގެނެސްދިނުމެވެ.

ތާރިޚީ ގޮތުން ބަލާއިރު، ރަސްމީ ސިފައެއްގައި "ދުނިޔޭގެ އޮލިމްޕިކް ދުވަސް" ފާހަގަކުރަން ފަށާފައިވަނީ އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ އުފެއްދިތާ އެތައް އަހަރެއްފަހުން، 1948 ވަނަ އަހަރުއެވެ. އެގޮތުން އެއަހަރުގެ ޖޫންމަހުގެ 23 ވަނަ ދުވަހު، ދުނިޔޭގެ 9 ޤައުމެއްގައި މި ދުވަސް ކުލަގަދަކޮށް ފާހަގަކުރިއެވެ. އޭގެ ފަހުން ކޮންމެ އަހަރަކުވެސް މި ދުވަސް ރަސްމީ ސިފައެއްގައި ދުނިޔޭގެ އެކި ބައްރުތަކުގައި ފާހަގަކޮށް، މިކަން ފުޅާވަމުންދިޔައެވެ.

މިއަހަރުގެ އޮލިމްޕިކް ދުވަހުގެ ޝިޢާރަކީ "ޔޫ ކެން ޑޫ ދިސް! ލެޓްސް މޫވް"އެވެ. ހެލިފެލިވެ އުޅުމަށް ބާރު އެޅުމުގެ ގޮތުން ދެވޭ މި ހިތްވަރާއެކު، އޮލިމްޕިކް ދުވަސް ފާހަގަކުރަމުންދާއިރު، މިދުވަސް ބިނާވެފައިވަނީ މުހިންމު ތިން އަސާސެއްގެ މައްޗަށެވެ. އެއީ މޫވް ނުވަތަ ޙަރަކާތްތެރިވުމާއި، ލާރން ނުވަތަ އުނގެނުން އަދި ޑިސްކަވަރ ނުވަތަ ހޯދައިބެލުމުގެ މައްޗަށެވެ.

މިތިން އަސާސްގެ މައްޗަށް ނަޒަރު ހިންގާލާއިރު، މޫވް ނުވަތަ ޙަރަކާތްތެރިވުމުން ރަމްޒުކޮށްދެނީ ކޮންމެ އުމުރެއްގެ މީހަކުވެސް ކޮންމެވެސް ކުޅިވަރެއްގައި ނުވަތަ ހަށިގަނޑަށް ފައިދާހުރި ޙަރަކާތެއްގައި ބައިވެރިވުމަށް ހިތްވަރު ދިނުމެވެ. އަދި ދެވަނަ އަސާސްކަމަށްވާ ލާރން ނުވަތަ އުނގެނުމުން ބުނެދެނީ އޮލިމްޕިކްސްގެ އަގުތަކާއި، ކުޅިވަރުގެ އަޚްލާޤާއި، ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންވާ މަޢުލޫމާތު އުނގެނުމުގެ މުހިންމުކަމެވެ. އެންމެ ފަހު އަސާސްކަމަށްވާ ޑިސްކަވަރ ނުވަތަ ހޯދައިބެލުމަކީ އައު ކުޅިވަރުތަކަށް އަހުލުވެރިވުމާއި، އަމިއްލަ ނަފްސުގެ ކުޅެދުންތެރިކަން ހުރި މިންވަރު ދެނެގަތުމަށް ބާރު އެޅުމެވެ.

އަޅުގަނޑުމެންގެ ރާއްޖެއަކީވެސް އޮލިމްޕިކް ހަރަކާތުގައި ވަރަށް ހަރަކާތްތެރިކޮށް ބައިވެރިވާ ޤައުމަކަށްވާއިރު، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ބެއްލެވުމުގެ ދަށުން، ކޮންމެ އަހަރަކުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި "އޮލިމްޕިކް ފެސްޓިވަލް" ތަކާއި "އޮލިމްޕިކް ދުވުން" ފަދަ ޙަރަކާތްތައް ކުރިއަށްގެންދާކަން ފާހަގަކުރެވެއެވެ. މިކަމުގެ ސަބަބުން ދިވެހި ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫޙު އާލާވެ، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެ ތަމްސީލުކުރުމުގެ ޝައުޤުވެރިކަން އިތުރުވެގެންދާކަމީ ފެންނަމުންދާ ހަގީގަތެކެވެ.

އޮލިމްޕިކްގެ އެންމެ މުހިންމު އެއް އަމާޒަކީ "ފެއަރ ޕްލޭ" ނުވަތަ އިންސާފުވެރިކަމާއެކު ވާދަކުރުމެވެ. މިއީ އިސްލާމީ ތަރުބިއްޔަތާއި ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ ކަމަކަށްވާއިރު، އިސްލާމްދީން ބާރުއަޅަނީ ހަށިގަނޑަށް ދުޅަހެޔޮކަން ލިބޭ، އަދި އަޚްލާޤީ ގޮތުން ރީތި ހަމަތަކެއް އަށަގެންފައިވާ ބަޔަކަށް އަޅުގަނޑުމެންވުމަށެވެ.

ދުނިޔޭގެ އޮލިމްޕިކް ދުވަހަކީ އިންސާނިއްޔަތުކަމުގެ ބޮޑު ޢީދެކެވެ. މިއީ ހަމައެކަނި ވަނަ ހޯދުމުގެ ވާދަވެރިކަމެއް ނޫނެވެ. އެއަށްވުރެ ބޮޑަށް މިއީ އެކަކު އަނެކަކަށް ކުރާ އިޙްތިރާމާއި، އެކުވެރިކަމާއި، އަދި ސުލްޙަވެރިކަމުގެ ރަމްޒެކެވެ. އަޅުގަނޑުމެން ކޮންމެ މީހަކީވެސް ދުޅަހެޔޮ، ހަރަކާތްތެރި، އަދި ކުޅިވަރުގެ ރޫޙު އަށަގަނެފައިވާ މީހަކަށް ވުމަށް މިއަދު އަޒުމް ކަނޑައަޅަންޖެހެއެވެ. ޔަގީނުންވެސް އަޅުގަނޑުމެން އިއްތިފާގުވާނެ ހަގީގަތަކީ ކުޅިވަރަކީ މުޅި ދުނިޔެ އެއްބައިވަންތަކޮށްދޭ ވަރުގަދަ ހަތިޔާރެއްކަމެވެ.