ސިޔާސީ

ޕީޕީއެމްގެ ރައީސްކަމުގެ މަޤާމުން މައުމޫން ވަކިކުރަން ހުށަހަޅައިފި


ޕީޕީއެމްގެ ރައީސްކަމުގެ މަޤާމުން ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވަކިކޮށްދިނުމަށް އެޕާޓީގެ ކައުންސިލްގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ޕީޕީއެމް ކައުންސިލުގައި ހިމެނިވަޑައިގެންނަވާ ރައްޔިތުންގެ މަޖިލީހުގެ 2 މެމްބަރަކު ސިވިލްކޯޓަށް ހުށައަޅުއްވައިފިއެވެ.

މި މައްސަލަ ކޯޓަށް ހުށައަޅުއްވާފައިވަނީ ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ހުޅުދޫ ދާއިރާގެ މެމްބަރުން މުހައްމަދު ޝާހިދުއެވެ. މި ދެ މެމެމްބަރުން ހުށައެޅުއްވި މައްސަލާގައި ވަނީ ޕާޓީގެ ރައީސްކަމުން މައުމޫން އަބްދުލްޤައްޔޫމް އެކަހެރިކޮށް ސިޔާސީ ޕާޓީގެ ޤާނޫނާއި ޕާޓީގެ ހިންގާ ޤަވާއިދާއި އަސާސީ ޤަވައިދާ އެއްގޮތްވާގޮތުގެ މަތިން ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ރައްކާތެރިކޮށްދޭނެ ފަރާތަކާއި ޕާޓީ ހިންގެވުން ހަވާލުކޮށްދިނުމަށް ޕީޕީއެމްގެ ކައުންސިލްގެ މައްޗަށް އަމުރެއް ނެރެދިނުމަށް އެދޭކަމަށެވެ. އަދި ސިވިލިކޯޓުން ނެރެފައިވާ އަމުރަށާއި ސިޔާސީ ޕާޓީގެ ޤާނޫނަށާއި ޕީޕީއެމްގެ ހިންގާ ޤަވައިދަށް ރައީސް މައުމޫން ގޮން ޖައްސަވާ ޕާޓީގެ ހަރަކާތްތައް އެއްކޮށް ހުއްޓުވާލާފައިވާކަމަށްވެސް މި މައްސަލާގައި ވިދާޅުވެފައިވެއެވެ.

ސިވިލްކޯޓުން ވިދާޅުވީ މި މައްސަލަ ހުށައެޅީ މިދިޔަ ބުރާސްފަތިދުވަހުކަމަށެވެ. އަދި މައްސަލަ ސުލްހަވެރިކަމާއެކު ޝަރީއަތަށް ނުގޮސް ހައްލުކުރަން ކުރި މަސައްކަތް ނާކިޔާބުވުމުން މާދަމާ މެންދުރުފަހު ތިންގަޑި ތިރީހަށް މައްސަލައިގެ އަޑުއެހުމެއް ތާވަލްކުރައްވާފައިވާކަމަށް ސިވިލް ކޯޓުން ވިދާޅުވެއެވެ. އަދި މާދަމާ ކޯޓަށް ހާޒިރުވުމަށް އަންގާ ޕީޕީއެމްގެ އޮފީހުގައި މިއަދު ރެޑް ނޯޓިސްވެސް ސިވިލްކޯޓުން ހިއްޕާފައިވެއެވެ. 

އެ އަމުރުގައި، ކޯޓަށް ހާޒިރުވާ ފަރާތަކީ ޕީޕީއެމްގެ ފަރާތުން ހާޒިރުވާ ފަރާތެއްކަން އަންގައިދޭ، ޕާޓީގެ ހިންގާ ޤަވައިދާ އެއްގޮތަށް ފާސްކޮށްފައިވާ ގަރާރެއް ހިފައިގެން ކޯޓަށް ހާޒިރުވުމަށްވެސް އަންގަވާފައިވެއެވެ. އަދި އެ އަމުރަށް ކޯޓަށް ހާޒިރުނުވެއްޖެނަމަ ޣައިރު ހާޒިރުގައި މައްސަލަ ނިންމަވާނެކަމަށްވެސް ސިވިލްކޯޓުގެ އަމުރުގައިވެއެވެ.