ކުޅިވަރު

ސްޕެއިންގެ ސްޓައިލްގައި ސައުދީ އެރެބިޔާ ބަލިކޮށް، ކުރިއަށް!


  • ސްޕެއިން މެޗު ކާމިޔާބުކުރީ 4-0 ން

ކޭޕް ވާޑް އަތުން މޮޅުނުވެމުން، ފެންވަރާމެދު ސުވާލު އުފެދިފައި އޮތް ސްޕެއިން ސްޓައިލްގައި ސައުދީ އެރެބިޔާ ބަލިކޮށް ކުރިއަށް ޖެހިލައިފިއެވެ.

ސައުދީ އެރެބިޔާގެ މައްޗަށް ސްޕެއިން ކުރި ހޯދީ 4-0 ނެވެ. ޔަމާލް އާއި އޮލްމޯގެ އިތުރުން އަލެކްސް ބައެނާ އާއި ޕެޑްރޯ ޕޮރޯވެސް ފުރަތަމަ އެގާރައިގައި ހިމަނައިގެން ނިކުމެ، ފުރަތަމަ ހާފްގައި 3 ގޯލް ޖެހިއެވެ. ސްޕެއިން އިން ސައުދީގެ ގޯލް ހުޅުވާލީ 10 ވަނަ މިނިޓްގައި ޔަމާލްގެ ލަނޑުންނެވެ. 18 އަހަރުގެ ޔަމާލް ލަނޑު ޖެހީ އޮޔާޒަބާލް ނަގައިދިން ހުރަސް ގޯލް އޭރިޔާ ތެރެއިން ގޯލަށް ފޮނުވާލައިގެންނެވެ. އޭގެ ނުވަ މިނިޓް ފަހުން ސްޕެއިންގެ ދެވަނަ ގޯލް ޖެހީ އޮޔަޒަބަލް އެވެ. ކޯނަރެއް ސާފްކޮށް ނުލެވި، ސައުދީ އޭރިޔާ ތެރެއިން ލިބުމުން ޔަގީން ކަމާއެކު ބޯޅަ ގޯލަށް ފޮނުވާލިއެވެ. އަދި އޭގެ ދެ މިނިޓްފަހުން އޮޔާޒަބަލް އޭނާގެ ދެވަނަ ގޯލް ޖެހިއެވެ.ގޯލް އޭރިޔާ ތެރޭގައި ހުރެ ވައަތު ފައިން ފޮނުވާލި ބޯޅަ އަމާޒުވީ ދާގަނޑަށެވެ. އޭގެއިތުރުންވެސް ފުރަތަމަ ހާފްގައި އޮޔާޒަބާލް ރަނގަޅު ދެ ބޯޅައެއް ފޮނުވާލިއެެވެ.

ދެވަނަ ހާފަށް ސްޕެއިން ނިކުތީ އޮޔަޒަބާލް އާއި ޔަމާލުގެ ބަދަލުގައި ފެރަން ޓޮރޭޒް އާއި ޔެރެމީ ޕިނޯއަށް ފުރުޞަތު ދީގެންނެވެ. ހާފް ފަށައިގެން ހަތަރު ވަނަ މިނިޓްގައި ސްޕެއިން އިން އެމީހުންގެ ހަތަރު ވަނަ ގޯލް ޖެހިއެވެ. އޭރިޔާ ތެރެއިން ޑިފެންޑަރު ކުކުރެލާ ފޮނުވާލި ބާރު ބޯޅަ ގޯލަށް ވަނީ ސައުދީ ކީޕަރު ގައިގަ ޖެހިފައި ނިކުއިން ވަގުތު ސައުދީ ޑިފެންޑަރު ހަސަން އަލްތަމްބަކްޓީ ގައިގަ ޖެހިފައެވެ. މެޗުގެ އިތުރު ވަގުތުގައިވެސް ސްޕެއިން އިން ސައުދީގެ ގޯލް ފޫއަޅުވާލިއެވެ. ގޯލް އޭރިޔާ ތެރޭގައި ހުރެ ވައަތުފައިން މަޑުމަޑުން ސީދާ މެދަށް ބޯޅަ ފޮނުވާލުމަށްފަހު ފެރަން ޓޮރޭޒް އުފާފާޅުކުރި ނަމަވެސް ގިނައިރުތަކެއް ފަހުން އެގޯލް ބަލައި ނުގަންނަން ރެފްރީ ނިންމީ ވީއޭއާރުން ބެލުމަށްފަހު އެވެ. އެއީ ފެރަން ޓޮރޭޒް އޮފްސައިޑްގައި ހުރެ ބޯޅަ ފޮނުވާލުމުންނެވެ.

މިމޮޅާއެކު ސްޕެއިޖް މިހާރު އޮތީ ގްރޫޕް އެޗްގެ އެއްވަނައިގައެވެ. އެއީ ދެ މެޗުން 4 ޕޮއިންޓާއެކުއެވެ.