ޚަބަރު

އީރާނުން ބެލްޖިއަމް މޮޅުވިޔަނުދީ ހިފަހައްޓައިފި


  • މެޗުގައި ލަނޑެއް ފެނިގެންނުދޭ

  • ދެ ޓީމުގެ ފުރަތަމަ މެޗު ވެސް އެއްވަރު

ފީފާ ވޯލްޑް ކަޕުގެ ގްރޫޕް ޖީގައި ބެލްޖިއަމް އާއި އީރާނުގެ ކުރިމަތިލުން އެއްވަރުވެއްޖެއެވެ.

އެމެރިކާގެ ލޮސް އޭންޖެލީޒް ސްޓޭޑިއަމުގައި ކުޅުނު މި މެޗު އެއްވަރުވީ 0-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައިވާއިރު، މެޗުގެ އެންމެ ފާހަގަކޮށްލެވުނީ އިރާންގެ އަލީރެޒާ ބޭރަންވަންދު ދެއްކި މޮޅު ކުޅުމެވެ.

މެޗުގެ ފުރަތަމަ ހާފުގައި އިރާންގެ މެހްދީ ތަރޭމީ ގޯލެއް ކާމިޔާބުކުރި ނަމަވެސް، ވީއޭއާރުބެލުމަށްފަހު ރެފްރީ ވަނީ އެއީ އޮފްސައިޑް ގޯލެއް ކަމަށް ނިންމާފައެވެ.

މެޗުގެ ދެވަނަ ހާފުގައި ކުޅުން އިތުރަށް ފޯރިގަދަވެގެންދިޔައިރު، މެޗުގެ 62 ވަނަ މިނެޓުގައި ބެލްޖިއަމްގެ ޑިފެންޑަރު ނޭތަން އެންގޯއީއަށް ވަނީ ރަތް ކާޑެއް ދައްކާފައެވެ.
މެޗުގައި ބެލްޖިއަމްއިން 23 ހަމަލާ އުފެއްދި ނަމަވެސް، މީގެތެރެއިން ގިނަ ހަމަލާތައް ގޯލަށް ވަނުމަށް ހުރަސް އެޅީ މުޅި މެޗުގައިވެސް އެންމެ މޮޅު ކުޅުމެއް ދެއްކި އިރާނުގެ ކީޕަރެވެ.

މި ނަތީޖާއާއިއެކު މި ދެ ޓީމު ހިމެނޭ ގުރޫޕުން ގަދަ 32 ޓީމުގެ ބުރަށް ކުރިއަށްދާނެ ޓީމުތައް ކަށަވަރުކުރަން މިވަނީ އިތުރު އިންތިޒާރެއް ކުރަން ޖެހިފައެވެ.

މި ދެ ޓީމުންވެސަ މިހާރު ދެމެޗު ކުޅެފައިވާއިރު ދެ މެޗުން ދެ ޓީމަށްވެސް ލިބެނީ ދެ ޕޮއިންޓެވެ.