ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އިން އިންތިޒާމުކޮށްގެން ލ.ކުނަހަންދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކުނަހަންދޫ ވިމެންސް ކަޕް އަންނަ ޖުލައިމަހުގެ 2 ވަނަ ދުވަހަށް ތާވަލުކޮށްފިއެވެ.
އަންނަމަހު ފެށުމަށް ހަމަޖެހިފައިވާ މުބާރާތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ލ. އަތޮޅު ކްރިކެޓް ޑިވެލޮޕްމަންޓް ކޯޗު ލިރުގާމް ސައީދު ހާމަކުރިގޮތުގައި މިއަހަރުގެ މުބާރާތުގައި ހަތަރު ޓީމަކުން ވާދަކުރާނެއެވެ.
މުބާރާތް ރާވާފައިވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ މަތިން ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލުގައި ކުޅޭގޮތަށެވެ. މުބާރާތުގައި ވާދަކުރާ ހަތަރު ޓީމަކީ ސްޕަރ ގާލްސް ޓީމް، ޕިންކީ ލޭޑީ ޓީމް، ސްކައި ވިމެންސް ޓީމް އަދި މޫން ސްޓާރ ޓީމެވެ.
މުބާރާތާ ގުޅޭގޮތުން އިތުރަށް މައުލޫމާތުދެމުން ލިރްގާމް ބުނީ މިމުބާރާތް އެންމެ ފުރަތަމަ ތާވަލުކުރީ މިމަހުގެ 16 ވަނަ ދުވަހަށު ފެށުމަށްކަމަށެވެ. އެހެންނަމަވެސް މޫސުން ގޯސްވެ، ކުރިކެޓް ކުޅޭ ސަރަހައްދަށް އުދައިގެ އަސަރުކުރަމުންދިއުމާއި ގުޅިގެން މުބާރާތް އަންނަމަހަށް ލަސްކުރީކަމަށް އޭނާ ހާމަކުރިއެވެ. މުބާރާތުގެ ތައްޔާރީތައް މިހާރުވެސް ފޯރީގައި ކުރިއަށްދާއިރު، ރަށުގެ ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ބޮޑުކަން ފާހަގަކޮށް، ލިރްގާމް ބުނީ މުބާރާތަށް ލިބުނު ތަރުހީބު ބޮޑުކަމަށެވެ.
ކުރިކެޓްގެ ފޯރިގަދަ ކުނަހަންދޫއަކީ އަންހެން ކުރިކެޓް ޓީމުގެ ގިނަ އަދަދެއްގެ ކުޅުންތެރިން ނިސްބަތްވާ ރަށެވެ. އެކި އުމުރުފުރާތަކުން ކުރިކެޓްގައި އެރަށުގެ ރައްޔިތުން ހަރަކާތްތެރިވަމުންދާއިރު، ކޮންމެ އަހަރަކުވެސް ފޯރި ގަދަ ގިނަ މުބާރާތްތަކެއް ރަށުގައި ކުރިއަށްގެންދާކަން ފާހަގަވެއެވެ.
ކުނަހަންދޫ ވިމެންސް ކަޕް އޮންނާނީ އަންނަމަހުގެ 2 އިން 10 ގެ ނިޔަލަށް ކުނަހަންދޫ ކުރިކެޓް ދަނޑުގައެވެ.