ޚަބަރު

ފީފާ ވޯލްޑް ކަޕް 2026: ނޯވޭ - ސެނެގާލް


  • ސްޓޭޑިއަމް: ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމް

  • މެޗު ފަށާ ގަޑި: 05:00

ފީފާ ވޯލްޑްކަޕްގެ ގްރޫޕް އައި ގައި މިރޭ ނޯވޭ އާއި ދެކޮޅަށް އެފްރިކާގެ ސެނެގާލް ނިކުންނައިރު, ނޯވޭ އިން ވަނީ ފުރަތަމަ މެޗުގައި 4-1 ގެ ނަތީޖާއަކުން އިރާގު ބަލިކޮށް ތާވަލުގެ ކުރީގަ އެވެ.

ނަމަވެސް ސެނަގާލް ވަނީ ފްރާންސާ ދެކޮޅަށް މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން 3-1 ގެ ނަތީޖާއަކުން ބަލިވެފަ އެވެ.

އެމެރިކާގެ ނިއު ޔޯކް ނިއު ޖާރޒީ ސްޓޭޑިއަމްގައި މި ދެ ޓީމު ބައްދަލުކުރާއިރު މިއީ ވޯލްޑްކަޕްގައި މި ދެ ޓީމު ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. ފްރާންސް އަތުން ބަލިވި މެޗަށްފަހު މިރޭ ދުނިޔޭގެ އެންމެ ނުރައްކާތެރި އެއް ފޯވަޑުގެ ގޮތުގައި ފާހަގަ ކުރެވޭ އާލިން ހާލަންޑްގެ ނޯވޭ އާއި ދެކޮޅަށް ސެނެގާލް ނިކުންނައިރު ފުރަތަމަ މެޗާއި އަޅާބަލާއިރު މިރޭ ފުރަތަމަ އެގާރައިން ބަދަލުތަކެއް ފެނިގެންދާނެ އެވެ.

ސެނެގާލްގެ ކޯޗު ޕާޕޭ ތިއާއޯ މެޗުގެ ކުރިން ބުނެފައިވަނީ މިއީ ހުރިހާ ގޮތަކުންވެސް އުނދަގޫ މެޗެއް ކަމަށާއި އިރާގާއި ދެކޮޅަށް ނޯވޭ ކުޅުނު މެޗުން ގިނަ ކަންތައްތަކެއް ދަސްކޮށް މި މެޗަށް ވަރަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ.

އޭނާ އިތުރަށް ބުނެފައިވަނީ މި މެޗުން ބަލިވެއްޖެނަމަ މުބާރާތުގެ ދެވަނަ ބުރާއި މެދު ކުރެވޭ އުންމީދުތައް ގެއްލިގެންދާނެ ކަމަށާއި އެހެންކަމުން ނޯވޭ އާއި ދެކޮޅަށް ރަނގަޅު ނަތީޖާއެއް ހޯދުމަކީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ.

ނޯވޭ އިން މި މެޗަށް ނިކުންނައިރު, އެ ޓީމުންވެސް ބަދަލުތަކެއް ފެނިގެންދާނެ އެވެ. އަދި މި މެޗުން މޮޅުވެ ތިން ޕޮއިންޓް ކަށަވަރުވެއްޖެނަމަ އެ ޓީމަށް މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވެގެންދާނެ އެވެ.