ޚަބަރު

ދާރުލް ޢުލޫމް: އިހުގެ ސިފަތަކާއެކު އަލުން ތަރައްޤީކުރަނީ


  • ދާރުލްޢުލޫމަކީ ޚާއްޞަ ރަސްމިއްޔާތުތައް ބޭއްވޭ ފަދަ ޝަރަފުވެރި ބިނާއެއް

  • ޢާއްމުނަށް ބޭނުން ކުރެވޭނެ ގޮތަށް އެ ތަން ތަރައްޤީކުރާނެ

މަޖީދިއްޔާ ސްކޫލުގެ ގޯތިތެރޭގައި ހުރި ތާރީޚީ ބިނާއެއްކަމުގައިވާ "ދާރުލްޢުލޫމް" އިމާރާތް، އޭގެ އަސްލު ފެންނަގޮތަށް އަލުން ތަރައްޤީކުރުމަށް ނިންމަވާފައިވާކަމަށް ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. އަހުމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.

މަޖީދިއްޔާ ސްކޫލަށް 100 އަހަރުފުރުން ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތައް ވިލަރެސްކުރާ ސްޓިއަރިން ކޮމިޓީގެ ޗެއަރކަންވެސް ކުރައްވާ ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. އަހުމަދު މުހައްމަދު މިފަދައިން ވިދާޅުވީ މަޖީދިއްޔާއަށް 100 އަހަރު ފުރުމަށް ކުރެވޭ މަސައްކަތްތަކާއި ގުޅޭގޮތުން ޕީއެސްއެމްނިއުސްގެ ރާއްޖޭ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެއެވެ.

ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. އަހުމަދު މުހައްމަދު ވިދާޅުވީ މަޖީދިއްޔާ ސްކޫލް ގޯތިތެރޭގައި ހުންނަ ދާރުލް އުލޫމާއި ކުރިބޯށި އިމާރާތަކީ ތާރީޚީ ދެ އިމާރާތްކަމަށާއި މިއީ ތައުލީމީ ބިނާތަކުގެ ތެރޭގައި ހުރި އެންމެ ތާރީޚީ ދެ އިމާރާތްކަމަށެވެ.

މަޖީދިއްޔާގެ ސައްތަވީ ބިނާ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރައްވާފައިވާ ފަދައިން، ކުރިބޯށި އިމާރާތާއި ދާރުލްޢުލޫމް ތަރައްޤީކުރެވޭނީ ރާއްޖޭގެ "ނެޝަނަލް އެޑިޔުކޭޝަން މިއުޒިއަމް" ގެ ގޮތުގައެވެ. މި މިއުޒިއަމްއިން ރާއްޖޭގެ ތަޢުލީމީ ތާރީޚާއި، މަޖީދިއްޔާ ސްކޫލުގެ 100 އަހަރުގެ ދިގު މާޒީ ފެންނާނެހެން މަސައްކަތްތައް ބައްޓަންކުރެވޭނެ ކަމަށް ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢުގެ ތަފްޞީލު ހިއްސާކުރައްވަމުން އޭނާ ވިދާޅުވީ، ކުރިބޯށި އިމާރާތުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ މަޖީދިއްޔާގެ އައު އިމާރާތް ނިމުމުން ކަމަށެވެ. ނަމަވެސް، ދާރުލްޢުލޫމް މަރާމާތުކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށުމަށް ނިންމާފައިވާކަމަށް ވިދާޅުވިއެވެ.

ދާރުލްޢުލޫމްގެ ހޯލަށް އެކި ދުވަސްވަރު ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން، އިހުގެ ބައެއް ސިފަތައް ގެއްލިފައިވާކަން ފާހަގަކުރައްވައި ޑރ. އަޙުމަދު މުޙައްމަދު ވިދާޅުވީ، އެ ބިނާގެ އަސްލު ރީތިކަމަށް ރުޖޫޢަކުރުމަށްޓަކައި ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. މި މަސައްކަތް ކުރިއަށްދާނީ ތަޢުލީމީ ވުޒާރާއާއި، މަޖީދިއްޔާގެ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާ އަދި ކަމާގުޅުންހުރި ފަރާތްތަކުގެ އެހީތެރިކަމާއެކުގައިކަމަށެވެ. އަމާޒަކީ ދާރުލްޢުލޫމްގެ ހޯލަކީ ޚާއްޞަ ރަސްމިއްޔާތުތައް ބޭއްވޭ ފަދަ ޝަރަފުވެރި ބިނާއަކަށް ހެދުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ވަޒީރު ވަރަށް ބޮޑައް އިރުޝާދު ދެއްވާފައި އޮތް އެއްކަމަކީ. މި ހޯލަކީ ރާއްޖޭގައި މިހެން ބޭއްވޭ ވަރަށް މުހިންމު ބައެއްކަހަލަ ކުދި ކުދި ހަފްލާތައްވިއަސް ކަންތައް ކުރެވޭނެ ކަހަލަ ގޮތަކަށް ތަރައްޤީކުރެވިގެންދާ ރީތި ހޯލެއްގެ ގޮތުގައި ތާރީހީ އާސާރީ ތަނެއްގެ ގޮތުގައި އަދި އާންމުނަށްވެސް ބޭނުން ކުރެވޭނެ ގޮތަށް އެތަން ތަރައްޤީކުރަން" ސްޓޭޓް މިނިސްޓަރ ޑރ. އަހުމަދު މުހައްމަދު ވިދާޅުވިއެވެ.

ދާރުލް އުލޫމުގެ މާނައަކީ "ހައުސް އޮފް ނޮލެޖް"އެވެ. ދިވެހިބަހުން ކިޔާގޮތުންނަމަ އެއީ "ތަޢުލީމުގެ ގެ"އެވެ. މިއީ ކުރީ ޒަމާނުގައި މާލޭގައި ހުރި ދަޢުލަތުގެ އެންމެ މުހިންމު ބިނާތަކުގެ ތެރޭގައި ހިމެނޭ ބިނާއެކެވެ. އެގޮތުން މިއީ ރަސްމީ ބައްދަލުވުންތައްވެސް ބާއްވަމުން އައި މައި އެއް ބިނާއެވެ. ދާރުލް އުލޫމު އިމާރާތް އެޅުމުގެ މަސައްކަތް ކުރެއްވީ މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނުގެ ބޮޑުވަޒީރުކަމުގައި 1952ގައެވެ. ދާރުލް ޢުލޫމް ހުޅުވާފައިވަނީ ހިޖުރީގޮތުން، 12ރަބީޢުލްއައްވަލް 1382ގައެވެ. އެއީ މީލާދީން 1952ގައެވެ.

މި ބިނާއަކީ ދަޢުލަތުން ބާއްވާ މުހިންމު ބައްދަލުވުންތައް ބޭއްވުމަށް ބިނާކުރި ތަނެކެވެ. ޖަލްސާކުރާ ހޯލެއްގޮތަށް ހަދާފައިވާ މި ބިނާގައި ބޭއްވުނު އެންމެ މުހިންމު ހަރަކާތަކީ، އެތައް އަހަރެއްވަންދެން ރާއްޖޭގައި އޮތް ރަސްކަމުގެ ނިޒާމު ނިމުމަކަށްގެނެސް، 1 ޖެނުއަރީ 1953ވަނަ އަހަރުގައި ޖުމްހޫރީ ވެރިކަމަކަށް ބަދަލުވެގެންއައި ތާރީޚީ ރަސްމިއްޔާތެވެ. ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް މުޙައްމަދު އަމީން ދޮށިމީނާކިލެގެފާނު ވެރިކަމާއި ހަވާލުވި ތާރީޚީ ރަސްމިއްޔާތެވެ.

ދާރުލް އުލޫމުއިމާރަތް ބޭނުންކުރަން ފެށުމުގެ ކުރިން މުހިންމު ޙަފްލާތައް ބާއްވަމުން ދިޔައީ ޤުރުއާނާބެހޭ މަރުކަޒު ހުރި އިމާރާތްތައްފަދަ އިމާރާތްތަކުގައެވެ. ދާރުލް އުލޫމުގައި ރަސްމީ ހަރަކާތްތައް ބޭއްވުން ހުއްޓުނީ 1984ގައި އިސްލާމީ މަރުކަޒު އިމާރާތްކޮށް ބޭނުންކުރަން ފެށުމުންނެވެ. އަދި އެއަށްފަހު 90ގެ ސާކްސަމިޓަށް އިމާރާތްކުރި ދަރުބާރުގެއަކީ މިހާރު ރާއްޖޭގައި ބާއްވާ އެންމެ މަތީ ރަސްމީ އިޙުތިފަލުތައް ބާއްވަމުން އަންނަ އެންމެ މުހިންމު ބިނާއެވެ.

ދާރުލް އުލޫމު ފާހަގަވެގެން މިދަނީ ރާއްޖެއަށް ތާރީޚީގޮތުން މުހިންމު ބިނާއެއްގެގޮތުގައެވެ. މިފަދަ އާސާރީ ބިނާތައް ޙިމާޔަތްކޮށް، އެފަދަ ތަންތަނުގެ މަޢުލޫމާތު ފަސޭހައިން ފެންނާނެގޮތަށް ބެހެއްޓުމަކީ ކޮންމެހެން ކުރަންޖެހިފައިވާ މުހިންމު މަސައްކަތެކެވެ.