ޚަބަރު

މެސީގެ ރެކޯޑާއެކު އާޖެންޓީނާ ގަދަ 32އަށް


  • އާޖެންޓީނާ މޮޅުވީ 0-2އިން

  • ދެ ލަނޑުވެސް ޖަހައިދިނީ މެސީ

ފީފާ ވޯލްޑް ކަޕް 2026ގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެވަނަ މެޗުގައިވެސް، ކެޕްޓަން ލިއޮނެލް މެސީ ދެއްކި މޮޅު ޖާދުލާއެކު، އެންމެފަހުގެ ޗެމްޕިއަން އާޖެންޓީނާއިން މި މުބާރާތުގެ ގަދަ 32 ޓީމުގެ ބުރުން ޖާގަ ހޯދައިފިއެވެ.

ޑެލަސް ސްޓޭޑިއަމުގައި އޮސްޓްރިއާ އާއި ދެކޮޅަށް ކުޅުނު މި މެޗުން އާޖެންޓީނާ މޮޅުވީ 0-2 ގެ ނަތީޖާއަކުންނެވެ. މެޗުގައި އެ ޓީމުން ޖެހި ދެ ލަނޑަކީވެސް، ކެޕްޓަން ލިއޮނެލް މެސީ ކާމިޔާބުކޮށްދިން ދެ ލަނޑެވެ.

މެޗުގެ 9ވަނަ މިނެޓުގައި މެސީއަށް ވަނީ ލަނޑުޖަހާނެ ރަނުގެ ފުރުސަތެއް ލިބިފައެވެ. އޭރިއާ ތެރެއިން އާޖެންޓީނާގެ ލައުޓާރޯ މާޓީނޭޒަށް އޮސްޓްރިއާގެ ކުޅުންތެރިއަކު ކުރި ފައުލަކާ ގުޅިގެން އެ ޓީމަށް ޕެނަލްޓީއެއް ލިބުނުއިރު، މެސީ ފޮނުވާލި ޕެނަލްޓީ ދިޔައީ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.

މެޗުގައި އާޖެންޓީނާގެ ފުރަތަމަ ލަނޑު މެސީ ޖަހައިދިނީ ފުރަތަމަ ހާފުގައި، މެޗުގެ 38 ވަނަ މިނެޓުގައެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ފަކުންޑޯ މެޑީނާ ނަގައިދިން ހުރަަހަކަށް އަރައި، އޭރިއާ ރޮނގުމަތިން ކަހަލަގޮތަކަށް ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.

މި ލަނޑާއެކު މެސީ ވަނީ، މީގެ 12 އަހަރުކުރިން ޖަރުމަނުގެ މިރޮސްލާޗް ކްލޯސާ ގާއިމްކުރި ވޯލްޑް ކަޕުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑު މުގުރާލާފައެވެ. ކްލޯސާ މި ރެކޯޑު ގާއިމްކުރީ 16 ލަނޑު ޖަހައިގެންނެވެ. މެސީ ވަނީ މިފަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުގައި އަލްޖީރިއާ ކޮޅަށް ކާމިޔާބުކުރި ހެޓްރިކާއެކު ކްލޯސާގެ ރެކޯޑާ އަރާ ހަމަކޮށްފައެވެ. އޮސްޓްރިއާ ކޮޅަށް ޖެހި ފުރަތަމަ ލަނޑާއެކު މެސީ ވަނީ ވޯލްޑް ކަޕުގައި ޖެހި ޖުމްލަ ލަނޑުގެ އަދަދު 17 އަށް އަރުވާފައެވެ.

މެސީ އޭނާގެ ރެކޯޑު އިތުރަށް ބޮޑުކުރީ މެޗުގެ ފުރިހަމަވަގުތު ހަމަވެ ދެއްކި އިތުރުވަގުތުގެ ތެރޭގައެވެ. މެޗުގެ އިތުރު ވަގުތުގައި މެސީއަށް އޮސްޓްރިއާ އޭރިއާތެރެއިން ދެ ފަހަރެއްގެ މަތިން ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފައި، އޭނާ ވަނީ ދެވަނަ ގޯލު ޖަހާފައެވެ. މިއީ ވޯލްޑް ކަޕުގައި އޭނާގެ 18ވަނަ ލަނޑެވެ.

މި މެޗުން ހޯދި މޮޅާއެކު، ޖުމްލަ ހަ ޕޮއިންޓު ހޯދައި އާޖެންޓީނާއަށް ގަދަ 32ގެ ޖާގައެއް ކަށަވަރުވީ، ކުރިއަށް އޮތް މެޗުން ބަލިވި ނަމަވެސް، ގުރޫޕުގެ ތިންވަނަ ޓީމުގެ ގޮތުގައި ވިޔަސް އާޖެންޓީނާއަށް އެ ފުރުސަތު ލިބޭނެތީއެވެ.

މި ފަހަރުގެ މުބާރާތުގައި ޖުމްލަ 12 ގުރޫޕެއްގައި ޓީމުތައް ކުޅޭއިރު، ގަދަ 32ގެ ޖާގައެއް، ތިންވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އަށް ޓީމަކަށް ލިބިގެންދާނެއެވެ.