އެމެރިކާގެ ނިއު ޖާޒީގައި ސެނެގާލް ބަލިކޮށް، ނޯވޭއިން ވޯލްޑް ކަޕްގެ ގަދަ 32 ގެ ޖާގައެއް ކަށަވަރުކުރިއިރު، އާލިންގ ބްރައުޓް ހާލަންޑް ދެ ލަނޑާއެކު އިތުރު ރެކޯޑެއް ހަދައިފިއެވެ. ނޯވޭ މިމެޗު ކާމިޔާބުކުރީ 3-2 އިންނެވެ.
މުބާރާތުގެ އެންމެ ދެ މެޗަށްފަހު، މެންޗެސްޓަރ ސިޓީގެ ފޯވާޑް މިހާރު ވަނީ ޖުމްލަ ހަތަރު ލަނޑު ޖަހައި، ނޯވޭގެ ތާރީޚުގައި ވޯލްޑް ކަޕެއްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. މިއީ އެ ގައުމުގެ އެހެން ކުޅުންތެރިއަކަށް ވޯލްޑް ކަޕެއްގައި ކާމިޔާބު ކުރެވުނު އެންމެ ގިނަ ލަނޑުގެ އަދަދަށްވުރެ ދެގުނަ އިތުރު އަދަދެކެވެ.
މެޗުގެ ކުރީކޮޅު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ފުލް-ބެކް މާކަސް ޕެޑަރސަން ވަނީ، ފުރަތަމަ ހާފު ނިމެން ގާތްވެފައިވަނިކޮށް، ސެނެގާލްގެ ކެޕްޓަން ކަލިދޫ ކުލިބާލީއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ނޯވޭއަށް 1-0 އިން ކުރި ހޯދައިދީފައެވެ.
މެޗުގެ ދެވަނަ ހާފުގައި ފެނިގެންދިޔައީ ހާލަންޑްގެ މޮޅު ކުޅުމެވެ.
މެޗުގެ 48 ވަނަ މިނެޓުގައި މާޓިން އޮޑެގާޑް ތަނަވަސްކޮށްދިން ރީތި ފުރުސަތަކުން ހާލަންޑް ވަނީ ނޯވޭގެ ލީޑު ފުޅާކޮށްދީ، ވޯލްޑް ކަޕްގެ ތާރީޚުގައި ނޯވޭއަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑް މުގުރާލާފައެވެ.
އޭގެ ފަހުން އިސްމާއިލާ ސާރ ލަނޑެއް ޖަހައި ސެނެގާލަށް އުންމީދެއް ހޯދައިދިން ނަމަވެސް، އޭގެ ފަސް މިނެޓު ފަހުން ހާލަންޑް ވަނީ ހިތްގައިމު ވޮލީއަކުން އިތުރު ލަނޑެއް ޖަހައި، އަލުން ދެ ގޯލުގެ ފަރަގު ދަމަހައްޓާފައެވެ.
ހާލަންޑް މިހާރު ވަނީ ނޯވޭގެ ގައުމީ ޓީމަށް އެންމެ ފަހުން ކުޅުނު 12 މެޗުގައި ވިދިވިދިގެން ލަނޑު ޖަހާފައެވެ. މީގެ ތެރެއިން އެންމެ ފަހުން ކުޅުނު ހަ މެޗުގެ ކޮންމެ މެޗެއްގައި އޭނާ ވަނީ މަދުވެގެން ދެ ލަނޑު ކާމިޔާބުކޮށްފައެވެ.
ނޯވޭ އާއި ފްރާންސް މިހާރު ވަނީ ގްރޫޕް އަައި އިން މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. މުބާރާތުގެ ނޮކްއައުޓް ބުރަށް ދިއުމުގެ ފުރުސަތެއް ހޯދުމަށްޓަކައި، ގްރޫޕްގެ ފަހު މެޗުގައި އިރާގު އަތުން މޮޅުވަން ސެނެގާލަށް މިހާރު ވަނީ މަޖުބޫރުވެފައެވެ.