ޚަބަރު

ތަންފީޒީ އިދާރާތަކުގެ ގުޅުން ހަރުދަނާކުރުމަށް އެމެެރިކާއާއެކު އެއްބަސްވުމެއް


  • ގުޅުންހުރި ކަންކަމުގައި ދެ ފަރާތުން މަޝްވަރާކޮށް މައުލޫމާތު ބަދަލުކުރާނެ

  • ބޯޑަރު ހުރަސްކޮށް ހިންގާ ޖިނާއީ ކުށްތައް ހުއްޓުވައި ތަޙްޤީޤުކުރުމަށް މަސައްކަތް ކުރާނެ

ތަންފީޒީ އިދާރާތަކުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އެމެެރިކާގެ ހޯމްލޭންޑް ސެކިއުރިޓީއާއެކު ދިވެހި ފުލުހުންގެ ޚިދުމަތުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މި ފަހުމުނާމާއަކީ ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތަކާ ދެކޮޅަށް މަސައްކަތްކުރުމަށާއި، ތަންފީޒީ އިދާރާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މަގުސަދުގައި ސޮއިކުރެވުނު ފަހުމުނާމާއެއް ކަމަށެވެ.

ދިވެހި ފުލުހުންގެ ޚިދުމަތާއި އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީ، އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް، ހޯމްލޭންޑް ސެކިއުރިޓީ އިންވެސްޓިގޭޝަންސް އާ ދެމެދު ފަހުމުނާމާގައި ސޮއިކޮށްފައިވަނީ އިސްކަންދަރު ބިލްޑިންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މި ފަހުމުނާމާގައި ހޯމްލޭންޑް ސެކިއުރިޓީ އިންވެސްޓިގޭޝަންސްގެ ފަރާތުން ސޮއިކުރެއްވީ ރީޖަނަލް އެޓޭޗޭ އާލް މަޓިއަރއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ.

މި ފަހުމުނާމާގެ ދަށުން، ގުޅުންހުރި ކަންކަމުގައި ދެފަރާތުން މަޝްވަރާކުރުމާއި، މައުލޫމާތު ބަދަލުކުރުމާއި، އަދި ބޯޑަރު ހުރަސްކޮށް ހިންގާ ޖިނާއީ ކުށްތައް ހުއްޓުވައި ތަހުގީގުކުރުމަށް ދެ ފަރާތް ގުޅިގެން މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އާންމު ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ތަހުގީގީ ދާއިރާގެ ގާބިލުކަން އިތުރުކުރުމުގެ އިތުރުން، ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ހުއްޓުވުމާއި ސަލާމަތީގޮތުން ކުރިމަތިވަމުން އަންނަ ނުރައްކާތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް މި އެއްބަސްވުމާއެކު ހަރުދަނާވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.