ޚަބަރު

މޫދު: ދިވެހިންނަށް ލިބިފައިވާ ޤުދުރަތީ ޖިމް


  • ފެތުމަކީ ހަށިގަނޑުގެ މަސްތަކާއި، ހުޅުތަކަށް ލުއިކަން ލިއްބައިދޭކަމެއް

  • ހަށިގަނޑުގެ އެކި ތަދުތައް ހުންނަ ފަރާތްތަކަށް މޫދަކީ ކަސްރަތު ކުރުމަށް އެންމެ އެކަށީގެންވާ އެއް މާހައުލު

ދިވެހިރާއްޖެއަކީ ކަނޑުގެ ބޮޑު ސަރަޙައްދަކަށް ފެތުރިފައިވާ، ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ޤައުމެކެވެ. ދިވެހިންގެ ދިރިއުޅުމުގެ ކޮންމެ ދާއިރާއަކާ މޫދާއި ކަނޑު ވަނީ ގުޅިލާމެހިފައެވެ. އިޤްތިޞާދީ އަދި އިޖުތިމާޢީ ފައިދާތަކުގެ އިތުރުން، މޫދަކީ ދިވެހިންގެ ދުޅަހެޔޮކަމާއި ހަށިހެޔޮކަމަށްޓަކައި ލިބިފައިވާ، އަގުނުކުރެވޭ ފަދަ ރަނުގެ ވަސީލަތެކެވެ.

މޫދުގައި ކުރާ ކަސްރަތަކީ ހަށިގަނޑުގެ ހުރިހާ ގުނަވަންތަކަކަށް އޭގެ ފައިދާ ފޯރުވައިދޭ ކަމެކެވެ. ޚާއްޞަކޮށް ފެތުމަކީ ހަށިގަނޑުގެ މަސްތަކާއި، ހުޅުތަކަށް ލުއިކަން ލިބިދޭ، ހިތުގެ ހިނގުން ރަނގަޅުކޮށްދޭ ފުރިހަމަ ކަސްރަތެކެވެ.

އެއްގަމުގައި ކުރާ ކަސްރަތުތަކާ ޚިލާފަށް، މޫދުގައި ކަސްރަތު ކުރުމަކީ ހަށިގަނޑުގެ ބަރުދަން ލުއިކޮށްދީ، ހުޅުތަކަށް ކުރާ ބާރު ކުޑަކޮށްދޭ ކަމެކެވެ. މީގެ ސަބަބުން އުމުރުން ދުވަސްވީ މީހުންނަށާއި، ހަށިގަނޑުގެ އެކި ތަދުތައް ހުންނަ ފަރާތްތަކަށް މޫދަކީ ކަސްރަތު ކުރުމަށް އެންމެ އެކަށީގެންވާ މާޙައުލެވެ.

ޒަމާނީ ދިރިއުޅުމުގެ އާދަކާދަތަކަށް އައި ބަދަލާއެކު، ހަރަކާތްތެރިވެ އުޅޭ މިންވަރު މަދުވުމުގެ ސަބަބުން ދިވެހިންގެ ތެރޭގައި ފަލަވުމާއި، ގައިންގަޔަށް ނާރާ ބަލިތައް ވަނީ އިތުރުވެފައެވެ. މޫދު ކަސްރަތަކީ މިފަދަ ބަލިތަކުން ދުރުހެލިވެ، ހަށިހެޔޮ ދުޅަހެޔޮ އިންސާނަކަށް ވުމަށް އެހީތެރިވެދޭ ވަސީލަތެކެވެ. ހަށިގަނޑުގެ ބައްޓަން ރީތިކުރުމަށާއި، ނޭވާލާ ނިޒާމުގެ ދުޅަހެޔޮކަމަށް މޫދުގެ ލޮނުގަނޑުގެ ތެރޭގައި ކުރެވޭ ތަފާތު ހަރަކާތްތަކުން ބޮޑު ބަދަލެއް ގެނުވައެވެ.

ރާއްޖޭގެ އާބާދީއަކީ ބަލިމަޑުކަމުން ސަލާމަތްވެފައިވާ ދުޅަހެޔޮ އާބާދީއަކަށް ހެދުމަށްޓަކައި މޫދުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފަންޖެހެއެވެ. ކޮންމެ ރަށެއްގެ ގޮނޑުދޮށުން ފެށިގެން އޮންނަ ފަޅަކީ އެއްވެސް ޚަރަދަކާ ނުލައި ކަސްރަތު ކުރެވެން އޮތް "ޤުދުރަތީ ޖިމް" އެކެވެ.

ހެނދުނާއި ހަވީރުގެ ވަގުތުތަކުގައި މޫދަށް އެރުމަކީ ހަމައެކަނި ހަށިގަނޑަށް ލިބޭ ކަސްރަތެއް ނޫނެވެ. އެއީ ނަފްސާނީ ދުޅަހެޔޮކަމަށްވެސް އޮތް ފަރުވާއެކެވެ. މޫދުގެ ހިތްގައިމު މާޙައުލުގެ ސަބަބުން ހާސްކަމާއި ފިކުރުތަކުން މީހާ ދުރުކޮށްދީ، މުޅި މުޖުތަމަޢުގެ ދުޅަހެޔޮކަން އިތުރުވެގެންދެއެވެ.

ރާއްޖޭގެ އާބާދީއަކީ ދުޅަހެޔޮ، ގައިންގަޔަށް ނާރާ ބަލިތަކާ ދުރު އާބާދީއަކަށް ހެދުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިސްނެންގެވުމުގެ މަތިން "ހަށިހެޔޮ ރާއްޖެ"ގެ ނަމުގައި ރާއްޖެ އެކި ސަރަހައްދުތަކަށް ބަހާލައިގެން ކަސްރަތު ޕްރޮގްރާމުތަކެއް ފަށާފައިވާއިރު، މި ހަރަކާތުގެ ދަށުން މޫދު ކަސްރަތު ޕްރޮގްރާމުތައްވެސް ކުޅިވަރު ވުޒާރާއިން ކުރިއަށްގެންދެއެވެ.

މި ހަރަކާތުގެ ދަށުން ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް އެރަށަކުން ލިބެންހުރި ވަސީލަތްތަކާއެކު މި ޕްރޮގްރާމު ރާވާ ހިންގުމަށްދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. މި ހަރާކާތުގައިވެސް މޫދު ކަސްރަތު ހިމަނާފައިވާއިރު، އެކަމުގެ ސަބަބުތައް ޕީއެސްއެމް ނިއުސްއާ ހިއްސާކޮށްދެއްވީ މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނެސް އެންޑް ރެކްރިއޭޝަންގެ ޑެޕިއުޓީ މިނިސްޓަރ ޢަބްދުﷲ އިބްރާހިމްއެވެ.

"ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް މޫދެއް އޮންނާނެ. މޫދު މިއީ އަޅުގަނޑުމެންނަށް ލިބެން އޮތް އެންމެ ރަނގަޅު އެއް ވަސީލަތް ކަސްރަތުކުރާ ބޭފުޅުންނަށްވެސް. އެގޮތުން އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރާއްޖެއަށް އެންމެ މުހިންމު އެއް ކަސްރަތަކީ މޫދު ކަސްރަތު. އަދި އަމުދުން މުޅިން އަލަށް ކަސްރަތުކުރަން ފަށާ ބޭފުޅުން މިކަން މުހިންމު. މޫދުގައި ހިންގާ ކޮންމެ މޫވްމެންޓަކީ ކަސްރަތެއް. އެކަމުގެ ސަބަބުން މަސްތަކުގަ ބާރުޖެހޭ" ޢަބްދުﷲ ވިދާޅުވިއެވެ.

ދިވެހިންނަށް މޫދަކީ ލިބިފައިވާ ޤުދުރަތީ ރަނުގެ ވަސީލަތެކެވެ. ދުނިޔޭގެ އެހެން ޤައުމުތަކުގައި މިފަދަ ވަސީލަތްތައް ހޯދުމަށް ބޮޑެތި ޚަރަދުތައް ކުރަންޖެހުނު ކަމުގައިވިޔަސް، ދިވެހިންނަށް މި ނިޢުމަތް ވަނީ ހިލޭ ލިބިފައެވެ. އެހެންކަމުން، މި ވަސީލަތުގެ ބޭނުން ހިފައި، ކޮންމެ ދުވަހެއްގެ ތާވަލުގައިވެސް މޫދު ކަސްރަތަށް ވަގުތު ހުސްކުރުމަކީ އަމިއްލަ ނަފްސަށާއި ޤައުމަށްޓަކައި ކުރެވޭނެ އަގުހުރި މަސައްކަތެކެވެ.

މޫދަކީ ދިވެހިންގެ ދިރިއުޅުމުގެ ބައެކެވެ. ހަށިހެޔޮ، ދުޅަހެޔޮ އާބާދީއެއް ބިނާކުރުމަށްޓަކައި މޫދަކީ އެންމެ މުހިންމު އެއް ވަސީލަތެވެ. ވީމާ، ރާއްޖޭގެ ކޮންމެ ރަށެއްގައި އޮތް މި ރަނުގެ ވަސީލަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، ދުޅަހެޔޮ ދިރިއުޅުމަކަށް ދިވެހި އާބާދީ އަހުލުވެރިވުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ.