ޚަބަރު

ވިލުންވެށި ގްރާންޓް ޕްރޮގްރާމް އިފްތިތާޙުކޮށްފި


  • ގްރާންޓް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ވަޒީރު ޢަލީ ޝަރީފް

  • މަޤްޞަދަކީ އައު އީޖާދީ ޚިޔާލުތައް ތަންފީޒުކުރަން ކުރިމަތިވާ މާލީ ހުރަސްތައް ނައްތާލުން

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން "ވިލުންވެށި ގްރާންޓް ޕްރޮގްރާމް" ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. މިއީ، މޫސުމީ ބަދަލުތަކުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކަށް ވިލުންތެރިވުމަށާއި، ތިމާވެއްޓާއި ރައްޓެހި ދެމެހެއްޓެނިވި އުސޫލުތަކުން ކާނާގެ ޔަޤީންކަން ކަށަވަރުކުރުމުގެ މަޤުޞަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ގްރާންޓް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ، މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒީރު ޢަލީ ޝަރީފެވެ.

ތިމާވެއްޓާއި ބެހޭ ވުޒާރާއިން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ، ވިލުންތެރި އައު އީޖާދުތަކާއި ޑިޖިޓަލް ވަޞީލަތްތަކަށް ހިތްވަރުދީ، ތިމާވެށި ރައްކާތެރިކުރުމަށް ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދޭނެ ފުރުޞަތުތައް ފަހިކޮށްދިނުމަށް އެކުލަވާލާފައިވާ މަޝްރޫޢެކެވެ. މި ޕްރޮގްރާމް ކުރިއަށްގެންދަނީ، އެސް.އެމް.އީ ޑިޖިޓަލް އަދި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް ގުޅިގެންނެވެ.

މި ޕްރޮގްރާމް އިފްތިތާޙު ކޮށްފައިވަނީ، "މޫސުމީ ބަދަލުތަކަށް ހޭނުމުގެ މަހާސިންތާ"ގެ ތެރެއިންނެވެ. މިއީ، މިނިސްޓްރީން ތަންފީޒު ކުރަމުންދާ "އެންހާންސިންގ ކްލައިމެޓް ރެސިލިއަންސް އެންޑް ފުޑް ސެކިއުރިޓީ" މަޝްރޫޢުގެ ދަށުން، މޫސުމީ ނުރައްކާތަކުން ތިމާވެއްޓާއި މުޖުތަމަޢު ރައްކާތެރިކުރުމަށް ކުރިއަށްގެންދާ މުހިއްމު މަސައްކަތެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ތިމާވެއްޓާއި ބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުވީ، މޫސުމީ ބަދަލުތަކުން ކުރާ އަސަރުތަކުން އަރައިގަތުމުގެ ޤާބިލުކަން އިތުރުކުރުމާއި ދެމެހެއްޓެނިވި ތަރައްގީ ކަށަވަރު ކުރުމުގައި އަމިއްލަ ވިޔަފާރިތަކުން އަދާކުރާ މުހިއްމު ދައުރެއް އަދާކުރާ ކަމަށެވެ. އަދި މެޗިންގ ގްރާންޓް ސްކީމް މެދުވެރިކޮށް، ކާނާއާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި، ޑިޖިޓަލައިޒޭޝަން ފަދަ އިސްކަންދޭ ދާއިރާތަކަށް ޢަމަލީ ގޮތުން އެހީތެރިކަން ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ޕްރޮގްރާމް ހިންގުމުގެ މައިގަނޑު މަޤުޞަދަކީ އައު އީޖާދީ ޚިޔާލުތައް ތަންފީޒުކުރުމަށް ކުރިމަތިވާ މާލީ ހުރަސްތައް ނައްތާލައި، ފަރުދުންނާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި، އީޖާދީ މަސައްކަތްކުރާ ޒުވާނުންނާއި އަންހެނުންގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.