ޚަބަރު

"މުއައްސަސާތައް ހަރުދަނާކުރުމުގެ މަސައްކަތުގައި ސަރުކާރު ދެމިއޮންނާނެ"


  • ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ އަގުވަޒަންކުރެއްވި

ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދޭ ދައުލަތުގެ މުއައްސަސާތައް ހަރުދަނާކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އދގެ ޕަބްލިކް ސަރވިސް ޑޭ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޕަބްލިކް ސަރވަންޓުން ނުވަތަ ދައުލަތުގެ ހިދުމަތްތެރިންނަކީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށާއި، މުޖްތަމައުގެ ކުރިއެރުމަށާއި، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ވަރުބަލިކަމެއް ނެތި މަސައްކަތް ކުރާ ބައެއް ކަމަށެވެ. އަދި މިއަދު އދގެ ޕަބްލިކް ސަރވިސް ޑޭ ފާހަގަކުރާއިރު، ދައުލަތުގެ ޚިދުމަތްތެރިން ސާބިތުކަމާއެކު ކޮށްދެއްވާ މިންނަތް މަސައްކަތުގެ އަގު ވަޒަންކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައްޔިތުންނަށް ހިދުމަތްދޭ މުއައްސަސާތައް ހަރުދަނާކުރުމުގެ މަސައްކަތުގައި ސަރުކާރު ދެމި އޮންނާނެކަމުގެ ޔަގީންކަން ދެއްވާކަމަށެވެ. އަދި ނަޒާހަތްތެރިކަމާއެކު ރައްޔިތުން ގަބޫލުކުރާފަދަ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުންވެސް ލިބޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހި ރައްޔިތުންގެ ފާގަތިކަމާއި ކުރިއެރުމަށް ދައުލަތުގެ މުައައްސަސާތަކާއި ހިދުަމަތްތެރިން ސާބިތުކަމާއި އިހްލާސްތެރިކަމާއެކު ފޯރުކޮށްދޭ ހިދުމަތް ފާހަގަކޮށް، ހިތުގެ އެންމެ ފުންމިނުން ޝުކުރު އާަދާކުރައްވާކަމަށެވެ.

އދ.ގެ ޕަބްލިކް ސާވިސް ޑޭ ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 23ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރަނީ ޕަބްލިކް ސާވަންޓުން ކުރައްވާ މަސައްކަތް ދެނެގަނެ، އެމީހުން ކުރައްވާ މަސައްކަތުގެ އަގު ވަޒަންކުރުމަށެވެ.

މީގެ އިތުރުން، ޤައުމީ ތަރައްޤީއަށް ދައުލަތުގެ ޚިދުމަތްތެރިންގެ ހިއްސާ ދެނެގަނެ، ޒުވާނުން ސަރުކާރުގެ މުއައްސަސާތަކާއި އިދާރާތަކުގައި މަސައްކަތްކުރުމަށް ހިތްވަރު ދިނުމަކީވެސް މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްސަދެކެވެ.