ފީފާ ވޯލްޑްކަޕްގެ ގްރުޕް އެލް ގައި މިރޭ އެފްރިކާގެ ގަދަ ބާރެއް ކަމުގައިވާ ގާނާ އާއި ދެކޮޅަށް އިންގްލޭންޑް ނިކުންނައިރު މި ދެ ޓީމުވެސް ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން މޮޅުވެފަ އެވެ. އެހެންކަމުން މި މެޗުން މޮޅުވާ ޓީމަކަށް މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ލިބިގެންދާނެ އެވެ.
އިންގްލެންޑް އިން ވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި 2022 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕްގެ ސެމީ ފައިނަލުގައި ކުޅުނު ކްރޮއޭޝިޔާ 4-2 ގެ ނަތީޖާއަކުން ބަލިކޮށްފަ އެވެ. އެ މެޗުގައި އިންގްލޭންޑްގެ ކެޕްޓަން ހެރީ ކޭން ވަނީ ދެ ލަނޑު ޖަހާފަ އެވެ.
ގާނާ އިން ވަނީ ފުރަތަމަ މެޗުގައި ޕެނަމާ އާއި ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވަގުތު ކާމިޔާބުކުރި ލަނޑާއެކު 1-0 ގެ ނަތީޖާއަކުން މޮޅުވެ ތިން ޕޮއިންޓް ހޯދާފަ އެވެ.
ފީފާ ވޯލްޑްކަޕްގައި. މި ދެ ޓީމު އަލަށް ވާދަކުރި ނަމަވެސް 2011 ވަނަ އަހަރުގެ މާޗް މަހު މި ދެ ޓީމު ވަނީ އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއްގައި ބައްދަލުކޮށްފަ އެވެ. ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު އެ މެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
މި މެޗަށް ނިކުންނައިރު އިންގްލޭންޑްގެ ކޯޗު ތޯމަސް ޓުޗެލް ބުނެފައިވަނީ ގާނާ އަކީ ފިޒިކަލީ ވަރުގަދަ އަވަސް ގޭމެއް ކުޅޭ ޓީމެއް ކަމަށާއި އަދި މެޗު ޑޮމިނޭޓްކޮށްގެން އެ ޓީމުން ނުކުޅުނު ނަމަވެސް ލިބޭ ފުރުސަތުތަކުގައި އެ ޓީމަކީ އިދިކޮޅު ޓީމަށް ނުރައްކާ ކުރާ ޓީމެއް ކަމަށްވެސް ޓުޗެލް ވަނީ ބުނެފަ އެވެ.
ގާނާގެ ޑިފެންޑަރ ގިޑިއޮން މެންސާ ބުނެފައިވަނީ ވޯލްޑްކަޕަކީ ދުނިޔޭގެ އެންމެ ވަރުގަދަ ގައުމުތަކާއި އަދި ކުޅުންތެރިންނާއި ދެކޮޅަށް ކުޅޭ މުބާރާތަކަށްވާތީ މިފަދަ މެޗަކަށް ނިކުންނާނީ އެ ހުރިހާ ކަމަކަށް ތައްޔާރުވެގެން ކަމަށެވެ. އަދި އިންގްލޭންޑަކީ ޕެނަމާ އާއި ތަފާތު ޓީމެއް ކަމަށާއި އެހެންކަމުން މި މެޗަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށްވެސް މެންސާ ވަނީ ބުނެފަ އެވެ.
ގާނާ އާއި އިންގްލޭންޑް ބައްދަލުކުރާ މެޗުން ކޮންމެ ޓީމެއް މޮޅުވި ނަމަވެސް އެ ޓީމަކަށް މުބާރާތުގެ ގަދަ 32 ގެ ޖާގައެއް ކަށަވަރުވެގެންދާނެ އެވެ.