ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ތިން ވަނަ ހޮވާ މެޗުގައި މިރޭ ބައްދަލު ކުރާނީ މުބާރާތުގެ ސެމީ ފައިނަލުން ބަލިވި ދެ ގައުމު ކަމަށްވާ ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތެވެ. މީގެ ތެރެއިން ފަރަންސޭސީންނަކީ މުބާރާތުގެ 1998 އާއި 2018 ވަނަ އަހަރުގެ ޗެމްޕިއަނުންނެވެ.
ދުނިޔޭގެ އެންމެ ވަރުގަދަ ފުޓްބޯޅަ ލީގު އޮތް އިނގިރޭސިންނަކީ 1966ގެ ޗެމްޕިއަނުންނެވެ.މި ފަހަރު ވެސް ތަށްޓާ ހަމައަށް ނުދެވުމުގެ ހިތްދަތި ކަމާއެކު މިރޭގެ މެޗަށް މި ދެ ބައި މީހުން ނުކުންނައިރު ކުޅިބަލާ ބައެއް މީހުންގެ ނަޒަރުގައި މިއީ މާބޮޑު ބޭނުމެއް އޮތް މެޗެއް ނޫނެވެ. އެކަމަކު ހަގީގަތުގައި މިއީ މުހިންމު ބޮޑު މެޗެކެވެ.
މުބާރާތުގެ ތިން ވަނަ ޓީމު ގައުމަށް ދާނީ ޔަގީނުން ވެސް މެޑެއްޔަކާއެކުގަ އެވެ. އެ ބަޔަކަށް ލިބޭނީ ރަންވަންލޯ މެޑަލް އެވެ. އިނގިރޭސިންނަށް ވޯލްޑް ކަޕުގެ މެޑެއްޔެއް ނުހޯދޭތާ ވެސް މިހާރު 60 އަހަރު ވެއްޖެ އެވެ. މިހެންވެ އެއްގޮތަކުން ފްރާންސަށްވުރެ އިނގިރޭސިން މިކަމަށް އެދޭ މިންވަރު އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ. ވޯލްޑް ކަޕްގެ މެޑެއްޔެއް ހާސިލް ކުރުމަކީ ކޮންމެ ކޮންމެ ފަހަރަކު ވާނެ ކަމެއް ނޫނެވެ. މިހެންވެ ކުޅުންތެރިންގެ ފުޓްބޯޅަ ކެރިއަރުގެ މުހިންމު ހަނދާނަކަށްޓަކައި ވެސް މެޑެއްޔެއް ހާސިލް ކުރުމަކީ އެކަމުގެ އުފަލާއި ހިނިތުންވުން އެތައް ޒަމާނަކަށް ދެމިގެންދާނެ އުފާވެރި ހަނދާނަކަށް ވާނެ ކަމީ މުޖައްރިބު ކަމެކެވެ.
ދެން އޮތީ ފީފާއިން ކަނޑައަޅާފައިވާ ފައިސާގެ މިންވަރެވެ. ވޯލްޑް ކަޕުގެ ތިން ވަނަ ޓީމަށް ފީފާއިން ދޭނީ 29 މިލިއަން ޑޮލަރެވެ. ހަތަރު ވަނަ ޓީމަކަށް ދޭނީ 27 މިލިއަން ޑޮލަރެވެ. މާލީ ގޮތުން ބަލާއިރު މިއީ ވެސް މެޗުގެ މުހިންމުކަން ބޮޑުކޮށްދޭނެ ކަމެކެވެ. އަނެއް ކޮޅުން ބަލިވުމަކީ ފީފާގެ ރޭންކިން އަށް ވެސް ނޭދެވޭ އަސަރު ކުރާނެ ކަމެއް ވެސްމެ އެވެ.
މި މެޗަކީ މުބާރާތުގެ ވަކިވަކި އެވޯޑްތައް ހާސިލް ކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ މެޗެއް ވެސްމެ އެވެ. ހާއްސަކޮށް ފްރާންސްގެ ކީލިއަން އެމްބާޕޭ އަށް މި މެޗުގެ މުހިންމުކަން ބޮޑެވެ. އޭނާ އަކީ އަށް ގޯލާއެކު މުބާރާތުގެ ރަންބޫޓަށް ވާދަކުރާ ދެ ކުޅުންތެރިންގެ އެއް ކުޅުންތެރިޔާ އެވެ. އަނެއް ކުޅުންތެރިއަކީ ފައިނަލްގައި ކުޅޭ އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ އެވެ. ފައިނަލަށްވުރެ ތިން ވަނަ ހޮވާ މެޗުގެ ގޮތުން އެމްބާޕޭ އަށް ރަންބޫޓު ހޯދުމުގައި ފަސޭހަތަކެއް ހުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. މި ލިސްޓުގެ ތިން ވަނާގައި އިނގިރޭސި ކެޕްޓަން ހެރީކޭން އާއި މިޑްފީލްޑަރު ޖޫޑް ބެލިހަމް ތިބުމަކީ ވެސް މެޗުގެ ފޯރި ހިފާނެ ސަބަބެކެވެ. ހެޓްރިކެއް ހަދައިގެން މެސީ އާއި އެމްބާޕޭ އެއްވަނައިން ވައްޓާލެވިދާނެ އެވެ.
ފްރާންސް ވަނީ މިހާތަނަށް ދެ ފަހަރެއްގެ މަތީން ވޯލްޑް ކަޕްގެ ލޯމެޑަލް ހާސިލްކޮށްފަ އެވެ. އެއީ 1958ގައި 6-3އިން ހުޅަނގު ޖަރުމަނު ބަލިކޮށްގެންނެވެ. ދެ ވަނަ ފަހަރަށް މި މަގާމު ހޯދީ 1986 ވަނަ އަހަރު ބެލްޖިއަމް ބަލިކޮށްގެންނެވެ. ތިން ވަނަ ހޮވާ މެޗުގައި އިނގިރޭސިން އެންމެ ފުރަތަމަ ވާދަ ކުރީ 1990 ވަނަ އަހަރު އެވެ. މި ދެ ފަހަރު ވެސް ކުރިމަތިވީ ނާކާމިޔާބެވެ. 1990 ވަނަ އަހަރު އިޓަލީ އަތުން ބަލިވިއިރު 2018 ވަނަ އަހަރު ބަލިވީ ބެލްޖިއަމް އަތުންނެވެ. މިހެންވެ ތިން ވަނަ ފަހަރު ބަލިވުމަކީ މުޅި އިނގިރޭސި ފުޓްބޯޅަ އަށް ވެސް ބޮޑުވެގެންވާ ހުތުރަކަށް ވެދާނެތީވެ މިކަމުން ސަލާމަތް ވުމުގެ ވިސްނުން ކެޕްޓަން ހެރީކޭން ފަދަ ކުޅުންތެރިންގެ ސިނކުޑީގައި ހުންނާނެ ކަމީ ޔަގީން ކަމެކެވެ.