ޚަބަރު

މާލީ ވަޒީރަށް މަޖިލީހުން ރުހުން ދީފި


  • މާލީ ވަޒީރު ކަމަށް ޙަސަން ޒަރީރު ޢައްޔަން ކުރެއްވީ މި މަހުގެ 8ގައި

  • މާލީ ވަޒީރަށް ރުހުން ދޭން ފެންނަ ކަމަށް ފާސްވީ 49 މެންބަރުންގެ ވޯޓުން

މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރުގެ މަޤާމަށް އައްޔަންކުރައްވާފައިވާ، ޙަސަން ޒަރީރަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުން މިގޮތަށް ފާސްކުރީ ރައީސުލްޖުމްހޫރިއްޔާ މާލީ ވަޒީރަކަށް ޙަސަން ޒަރީރު އައްޔަން ކުރައްވައި، ރުހުން ހޯއްދެއްވުމަށް މަޖިލީހަށް ފޮނުއްވުމުން ސަރުކާރުގެ މަސްޢޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ރުހުން ދޭން ފެންނަ ކަމަށް ނިންމުމާ ގުޅިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރުގެ މަޤާމަށް ޙަސަން ޒަރީރު އައްޔަން ކުރައްވާފައިވަނީ، މި މަހުގެ 8 ވަނަ ދުވަހުއެވެ. ޤާނޫނުގައިވާ ގޮތުން ވަޒީރުންގެ މަޖިލީހަށް މެންބަރަކު އައްޔަންކުރެއްވުމަށްފަހު އެ ބޭފުޅަކަށް މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް ފޮނުއްވަން ޖެހިވަޑައިގަންނަވައެވެ. ޤާނޫނީ ބާރުވެރިކަން ވަޒީރަށް ލިބިވަޑައިގަންނަވަނީ، މަޖިލީހުން ވަޒީރަށް ރުހުން ދެއްވުމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ، މާލީ ވަޒީރުގެ މަޤާމަށް ޒަރީރަށް ރުހުން ދިނުމަށް ފޮނުވުމާ ގުޅިގެން އެ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ. އެ ކޮމިޓީން މައްސަލަ ދިރާސާ ކުރުމަށްފަހު ނިންމެވީ، ޒަރީރަށް ރުހުން ދޭން ފެންނަ ކަމަށެވެ. މިގޮތަށް ފާސްކުރީ، ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުންނެވެ.

ކޮމިޓީން މިގޮތަށް ފާސްކޮށް، މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވުމުން މަޖިލީހުން މާލީ ވަޒީރަށް ރުހުން ދޭން ފާސްކުރީ ޖަލްސާގައި ވޯޓުދެއްވި 49 މެންބަރުންގެ އިއްތިފާޤުންނެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ޑެޕިއުޓީ ކޮމިޝަނަރުކަމާއި، ކޮމިޝަނަރ ކަމުގެ މަޤާމު ފުރުއްވާފައިވާ ޒަރީރުއަކީ މާލީ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. ޒަރީރު ވަނީ، މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ، އައިއައިޔޫއެމުން ބެޗްލަރ އޮފް އެކައުންޓިންގެ އިތުރުން މާސްޓަރ އޮފް ސައިންސް ފިނޭންސް ހާސިލްކުރައްވާފައެވެ.