ޚަބަރު

ޑިއުޓީ ބޮޑުކުރީ ޒުވާނުން ސިނގިރޭޓު ހިޔާރުކޮށްފާނެތީ: މަޖިލިސް މެމްބަރުން


  • ވޭޕް ބޭންކުރުމުން ސިނގިރޭޓް ހިޔާރު ނުކުރާކަން ދިރާސާތަކުން އެނގޭ

  • ޖެނަރޭޝަނަލް ބޭންއާއެކު ވަށާޖެހޭ ހައްލެއް ލިބިފައިވޭ

ރާއްޖެއަށް ވޭޕް އެތެރެކުރުމާއި ބޭނުންކުރުން މަނާކުރުމަށް ޤާނޫނަށް ގެނައި އިސްލާހާއެކު ސިނގިރޭޓުގެ އަގު ބޮޑުކުރުމަށް އޭރު ސަރުކާރުން ނިންމެވީ ވޭޕް ބޭނުންކުރާ ޒުވާނުން ބަދަލެއްގެ ގޮތުގައި ސިނގިރޭޓު ހިޔާރުކޮށްފާނެތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވެއްޖެއެވެ.

މެންބަރުން މިހެން ވިދާޅުވީ ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީއަށް ބަދަލުގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ އެކްސްޕޯޓް އިމްޕޯޓް ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ. މި ބިލަށް ބަހުސްކުރައްވަމުން އިދިކޮޅުގެ ގިނަ މެންބަރުން ވަނީ ސަރުކާރުން ކުރިން ސިނގިރޭޓުގެ އަގު ބޮޑުކުރުމަށްފަހު އަލުން އޭގެ އަގު ދަށްކުރުމަށް ނިންމި ނިންމުމަށް ފާޑުކިޔާފައެވެ. މި ބިލު މަޖިލީހަށް ބަލައިގަނެ، މުޅި މަޖިލީހުގެ ކޮމެޓީއަށް މިހާރު ވަނީ ފޮނުވާފައެވެ.

މިބިލަށް ބަހުސްކުރައްވަމުން މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުސްތަފާ ވިދާޅުވީ ސަރުކާރުން މިބަދަލުތައް ގެންނަވަނީ ރޭވުންތެރިކަމާއެކުގައި ކަމަށެވެ.

ރާއްޖޭގައި ވޭޕް ބޭނުންކުރުން މަނާކުރީ އޭރު، ސްކޫލް ދަރިވަރުންގެ މެދުގައި ވޭޕް ބޭނުންކުރުން އިތުރުވެ، އެއާއެކު މަސްތުވާތަކެތި ހިމަނައިގެން ބޭނުންކުރުން އިތުރުވާކަން ފާހަގަކުރެވިގެން ކަމަށް މެންބަރު ވިދާޅުވިއެވެ. ނަމަވެސް އެފަދަ އެއްޗެއް ބޭންކުރުމުން ބަދަލެއްގެ ގޮތުގައި އެ ޒުވާނުން ސިނގިރޭޓު ބޭނުންކުރަން ފަށާނެކަމަށް ލަފާ ކުރެވުނު ކަމަށާއި އޭރު ސިނގިރޭޓުގެ އަގު ބޮޑުކުރަން ސަރުކާރުން ނިންމެވީ އެ ފުރުސަތު ނުދިނުމަށް ކަމަށްވެސް ވިދާޅުވިއެވެ.

މެންބަރު މުޙައްމަދު މުސްތަފާ ވިދާޅުވީ އެ ނިންމުންތަކުގެ ސަބަބުން ވޭޕް ބޭނުންކުރުން މަނާކުރުމުންވެސް ޒުވާނުން ސިނގިރޭޓު ޚިޔާރު ނުކުރާ ކަމަށެވެ. އަދި ސިނގިރޭޓުގެ އަގު ބޮޑުކުރުމުން ގިނަ ބަޔަކު ސިނގިރޭޓު ބޭނުންކުރުން ހުއްޓާލާފައިވާކަންވެސް ދިރާސާތަކުން އެނގޭ ކަމަށާއި އަދި ޖެނަރޭޝަނަލް ބޭންއާއެކު ވަށާޖެހޭ ހައްލެއްވެސް ލިބިފައިވާތީ އަނބުރާ ސިނގިރޭޓުން ނަގާ ޑިއުޓީ ކުޑަކުރަން ނިންމީ ކަމަށް ވިދާޅުވިއެވެ.

"މިކަން (ސިނގިރޭޓުގެ އަގު ބޮޑުކުރީ) އޭރު ކުރީ މިއަށް ކުދިންތަކެއް އެނބުރި ހިނގައިދާނެ ކަމަށް. މިއަދު އަޅުގަނޑުމެން މިކަން (ސިނގިރޭޓުގެ އަގު ކުޑަކުރަނީ) މިދިރާސާގައި އެކަން އެގޮތަށްނުކޮށް ދިޔުމާއި އަދި އޭގެ ފަހުން އަޅުގަނޑުމެން ޤާނޫނަށް ގެނައި ބަދަލެއް އެބައޮތް، އެއް އުމުރު އަޅުގަނޑުމެން މިއޮތީ ބޭންކޮށްފައި. އެހެންވީމަ އެ އުމުރުގެ ފަހުން ދުންފަތުން އިސްތިއުމާލުނުކުރާނެކަންވެސް އަޅުގަނޑުމެންނަށް އެބައިނގޭ. އެހެންވެ މި ހުރިހާކަމެއް ހަމަ މަގަށް އެޅުމަށްފަހު އަޅުގަނޑުމެން އަނެއްކާވެސް މިދަނީ ޑިއުޓީ ކުޑަކުރަން. އެއީ ދިރާސާތަކުގެ މައްޗަށް ބިނާކޮށް." މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުސްތަފާ ވިދާޅުވިއެވެ.

ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު ވިދާޅުވީ ރާއްޖޭގައި ދުންފަތުގެ ބޭނުންކުރާ މުޖުތަމަޢެއް އޮތުމަށް ސަރުކާރުން ބޭނުންނުވާ ކަމަށެވެ.

ސަރުކާރުން އަޅުއްވާފައިވާ ފިޔަވަޅުތަކަކީ ކާމިޔާބު ފިޔަވަޅުތަކެއް ކަމަށާއި އަލުން ސިނގިރޭޓުގެ ޑިއުޓީ ކުޑަކުރުމަށް ނިންމާފައިވަނީ ވޭޕް ބޭނުންކުރި ޒުވާނުން ސިނގިރޭޓު ޚިޔާރުނުކުރާކަން ދިރާސާތަކުން ކަށަވަރުވާތީ ކަމަށްވެސް ޝުޖާޢު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ބަދަލު ގެނައިއިރު ކޮލިޓީ ދަށް ސިނގިރޭޓުގެ ބާވަތްތަކާއި ފޭކު ސިނގިރޭޓު އިޙްތިޔާރުކުރި ފަރާތްތައްވެސް މަދެއްނޫންކަން އަޅުގަނޑުމެން ފާހަގަކުރަން. މިއީ ވަރަށް ހިތާމަހުރި ކަމެއް. މިއީވެސް އަޅުގަނޑުމެން ވިސްނާލަންޖެހޭ ޕޮއިންޓެއް. މި ބަދަލު ގެނައުމާ ގުޅިގެން ތަފާތު ބާވަތްތަކުގެ ފޭކު ސިނގިރޭޓާއި ފޭކު ބިޑިއާއި މިފަދަކަންތައްތައް އާންމުވެގެންދިޔަ. އަޅުގަނޑުމެން އުއްމީދު މިކުރަނީ މިދެންނެވި މެޝަރސްތައް ނެގިގެން، މިބަދަލު (ސިނގިރޭޓުގެ އަގު ކުޑަކުރުން) އާއެކުގައި ޖުމްލަ ސޮލިއުޝަނެއް މިކަމަށް ލިބިގެންދާނެ ކަމަށް." ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު ވިދާޅުވިއެވެ.

ސަރުކާރުން މަޖިލީހަށް ހުށަހަޅުއްވާފައި ބިލުގައިވާގޮތުން ސިނގިރޭޓާއި ބިޑި އަދިި ހީޓަޑް ޓޮބޭކޯފަދަ ބާވަތްތަކުން ނަގާ ޑިއުޓީ 8 ރުފިޔާއިން 4 ރުފިޔާއަށް ދަށްކުރުމަށް ވަނީ ހުށަހަޅުއްވާފައެވެ. އަދި ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗްފަދަ ތަކެތިން ނަގާ ޑިއުޓީ އުނިކުރުމަށްވެސް މި ބިލުގައި ވަނީ ހިމަނުއްވާފައެވެ.