ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ކޭގައި ޕޯޗުގަލް އިން ކުޅުނު ފުރަތަމަ މެޗުގައި ހެދުނު ގޯސްތައް އުޒްބަކިސްތާން އާއި ބައްދަލުކުރި މެޗުގައި ރަނގަޅު ކުރެވިގެންދިޔަ ކަމުގައި ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ހާމަކޮށްފިއެވެ.
މާޓިނޭޒް ބުނީ ފުރަތަމަ މެޗުގައި ލަނޑެއް ޖެހުމަށްފަހު މެޗުގެ ކޮންޓްރޯލް ގެއްލިގެން ދިޔައީ ކަމަށެވެ. މިގޮތުން އެމެޗުގައި ޓީމުން ކުޅެން ބޭނުންވިގޮތަށް އޭގެ ފަހުން ކުޅެވިފައިނުވާ ކަމަށާއި ޓީމުގެ ޑިސިޕްލިން އެއްކޮށް ގެއްލިގެން ދިޔަ ކަމަށެވެ. އެހެން ކަމުން އުޒްބަކިސްތާން މެޗުގައި ބެލީ މިކަންކަން ރަނގަޅު ކުރުމަށް ކަމަށާއި އަދި ހާއްސަކޮށް ފައިނަލް ތަރޑްގައި ކުރީ ރެއަށްވުރެ ރަނގަޅު ކުޅުމެއް ހުރިހާ ކުޅުންތެރިންގެ ފަރާތުންވެސް ފެނިގެންދިޔަ ކަމަށެވެ.
މާޓިނޭޒް ބުނީ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނެލް މެސީއަކީ ފުޓްބޯޅަ ބަދަލުކޮށްލި ދެ ކުޅުންތެރިން ކަމަށާއި އެދެކުޅުންތެރިންވަނީ ފުޓްބޯޅަ އާ އުސްމިންތަކަކަށް ގެންގޮސްދީފަކަމަށެވެ. އަދި ދެކުޅުންތެރިންވެސް މިހާރު ތިބި ހިސާބަށް ދިއުމަށްޓަކައި މިދެކުޅުންތެރިންގެ މެދުގައި އޮތް ވާދަވެރިކަން ބޮޑު ދައުރެއް އަދާކުރިކަމަށްވެސް މާޓިނޭޒް ފާހަގަކުރިއެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނީ މިމެޗުގައި ޕޯޗުގަލްއިން އެޓީމުގެ ކުޅުން ރަނގަޅު ކޮށްފި ކަމަށެވެ. ބައެއް ފަހަރު ފުޓްބޯޅައިގާ އެންމެ ރަނގަޅަށް ނުކުޅެވޭ ދުވަސްވެސް އަންނާނެ ކަމަށާއި ނަމަވެސް މުހިންމު ކަމަކީ ޖެހިގެން އަންނަ މެޗަށް އެކަންކަން ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރުން ކަމަށެވެ. އަދި ނިމިގެން މިދިޔައީ ވަރަށް އުނދަގޫ ހަފްތާއެއް ކަމަށާއި އާންމުން ޓީމާއި މެދު ދެކެމުންދިޔައީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ.
ހާއްސަކޮށް އޭނާ އާއި ކޯޗާއި މެދު އާންމުން ދެކެމުންދިޔަގޮތް ވަރަށް ގޯސް ކަމަށެވެ. ނަމަވެސް މިއީ އާކަމެއް ނޫން ކަމަށާއި މިކުޅިވަރުގައި 23 އަހަރު ހޭދަކުރެވިފައިވާއިރު މިކަހަލަ ކަންތައްތަކާއި ކުރިންވެސް ކުރިމަތިލާން ޖެހިފައިވާކަމަށެވެ.
އޭނާ ބުނީ ހުރިހާ ކަމެއް ރަނގަޅަށް ދާއިރު ރޮނާލްޑޯ ވަރަށް މޮޅު ކަމަށާއި ނަމަވެސް ކަމެއް ގޯސްކޮށް ހިންގައްޖެނަމަ އޭނާ އަކީ އެއްވެސް މީހެއް ނޫން ކަމަށެވެ. އަދި މިއީ އަބަދުވެސް ކަން ވާގޮތް ކަމުގައިވެސް ރޮނާްލްޑޯ ފާހަގަ ކުރިއެވެ.
މިމެޗަށްފަހު ވާހަކަ ދައްކަމުން އުޒްބެކިސްތާންގެ ކޯޗު ފަބިއޯ ކަނަވާރޯ ބުނީ މުބާރާތުގެ ގުރުއަތުލުން ބޭއްވި ޕޯޗުގަލް އާއި ކޮލޮމްބިއާ އާއި އެއް ގްރޫޕަކަށް ދިއުމުން މިފަހަރުގެ މުބާރާތް އުނދަގޫ ވާނެވަރު އިހްސާސް ކުރެވިގެންދިޔަ ކަމަށެވެ.
މިއީ އުޒްބަކިސްތާންގެ ފުރަތަމަ ވޯލްޑް ކަޕް ކަމަށާއި އޭނާގެ ކުޅުންތެރިންނަށް މިމުބާރާތުގައި މިހާތަނަށް ކުޅުނު ދެމެޗުވެސް ވެގެންމިދިޔައީ އުނދަގޫ ދެމެޗަށް ކަމަށެވެ. ނަމަވެސް ކަނަވާރޯ ބުނީ ފުރަތަމަ ކޮލޮމްބިއާ އާއި ދެކޮޅަށް ކުޅުނު މެޗަށް ފަހުވެސް އޭނާ ޓީމާމެދު ފަހުރުވެރިވި ކަމަށާއި އަދި މިމެޗަށްފަހުވެސް އޭނާގެ ޓީމާއި މެދު ފަހުރުވެރިވާކަމަށެވެ.
އޭނާ ބުނީ މިދެމެޗުގައިވެސް އޭނާގެ ކުޅުންތެރިންގެ މޫނުމަތިން ހާސްކަން ފެނިގެންދިޔަ ކަމަށާއި އެންމެ ރަނގަޅަށް ނުކުޅެވިގެން އުޅުނުތަންވެސް ފެނުނު އިރު އެކުޅުންތެރިން ހިތްވަރު އެލުވާނުލާ އެންމެ ފަހު ވަގުތާއި ޖެހެންދެން މަސައްކަތް ކުރިތަން މާރަނގަޅަށް ފެނިގެންދިޔަ ކަމަށެވެ.