ޚަބަރު

ރާއްޖެ ޖޫނިއާ ވޮލީބޯލް ޗެމްޕިއަންޝިޕް 8 ޒޯނެއްގައި


  • މިމުބާރާތް ޚާއްސަކޮށްފައިވަނީ 14 އަހަރުންދަށް، 16 އަހަރުންދަށް އަދި 19 އަހަރުންދަށަށް

  • މުބާރާތް ހޯސްޓްކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން އިންތިޒާމުކޮށްގެން، ސްކޫލްތަކުގެ ދަރިވަރުންނަށް ކުރިއަށްގެންދާ ރާއްޖެ ޖޫނިއާ ވޮލީބޯލް ޗެންޕިއަންޝިޕް ކުރިއަށްދާނީ ރާއްޖެ 8 ސަރަހައްދަކަށް ބަހާލައިގެންކަމަށް ވީއޭއެމްއިން ބުނެފިއެވެ.

އަންހެން އަދި ފިރިހެން ޑިވިޝަންގެ ކުޅުން ކުރިއަށްދާ މިމުބާރާތް ޚާއްސަކޮށްފައިވަނީ 14 އަހަރުންދަށް، 16 އަހަރުންދަށް އަދި 19 އަހަރުންދަށުގެ އުމުރުފުރާތަކަށެވެ. މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލުމަށް ވީއޭއެމްއިން ނެރުނު އިއުލާންގައި ބުނެފައިވަނީ މިމުބާރާތް ކުރިއަށްދާނީ ރާއްޖެ 8 ސަރަހައްދަކަށް ބަހާލައިގެންކަމަށެވެ.

އެގޮތުން ރާއްޖެ ބަހާލާފައިވާގޮތަށް ބަލާއިރު، އޭގެ ތެރެއިން ޒޯން އެކެއްގައި ހިމެނެނީ ހއ، ހދ އަދި ށ އަތޮޅުގެ ސްކޫލްތަކެވެ. ޒޯން ދޭއްގައި ހިމެނެނީ ނ، ރ، ބ އަދި ޅ. އަތޮޅުގެ ސްކޫލްތަކެވެ. ޒޯން ތިނެއްގައި ހިމެނެނީ ކ، އއ، އދ އަދި ވ. އަތޮޅުގެ ސްކޫލްތަކެވެ. ޒޯން ހަތަރެއްގައި މ، ފ އަދި ދ. އަތޮޅުގެ ސްކޫލްތައް ހިމެނޭއިރު، ޒޯން ފަހެއްގައި ހިމެނެނީ ތ، އަދި ލ. އަތޮޅުގެ ސްކޫލްތަކެވެ. ޒޯން ހައެއްގައި ގްރޭޓަރ މާލޭ އޭރިއާގެ ސްކޫލްތަކުން ވާދަކުރާއިރު، ޒޯން ހަތެއްގައި ހިމެނެނީ ގއ. އަދި ގދ. އަތޮޅުގެ ސްކޫލްތަކެވެ. އަދި ޒޯން އަށެއްގައި ހިމެނެނީ ޏ. އަދި ސ. އަތޮޅުގެ ސްކޫލްތަކެވެ.

ރާއްޖެ ޖޫނިއާ ވޮލީބޯލް ޗެންޕިއަންޝިޕް ފަށާނީ އޮގަސްޓަމަހުގެ 8 ވަނަ ދުވަހުއެވެ. މި ތާރީޚުގައި މުބާރާތް ކުރިއަށްދާނީ ޒޯން އެކެއް، ޒޯން ދޭއް، ޒޯން ފަހެއް އަދި ޒޯން އަށެއްގައެވެ. ގްރޭޓާ މާލެ ހިމެނޭ ޒޯން ހައެއްގެ ކުޅުން އޮގަސްޓް 10 އިން ސެޕްޓެމްބަރުމަހުގެ 4 އަށް ރާވާފައިވާއިރު، ޒޯން ތިނެއް، ޒޯން ހަތަރެއް އަދި ޒޯން ހަތެއްގެ ކުޅުން އޮންނާނީ އޮގަސްޓް 12 އިން 22 ގެ ނިޔަލަށެވެ.

މުބާރާތް ހޯސްޓްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އުފުރުސަތުވެސް ވީއޭއެމްއިން މިހާރުވަނީ ހުޅުވާލާފައެވެ. އެގޮތުން އަންނަމަހުގެ ފުރަތަމަ ދުވަހާ ހަމައަށް މިފުރުސަތު އޮތްއިރު، މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި ހަމަވާނީވެސް ހަމަ އެދުވަހުއެވެ.