ޚަބަރު

ށ. ފުނަދޫ އިސްރަށްވެހިންގެ ހިޔާވަހި ތަރައްޤީކުރުމަށް އެމްޓީސީސީއަށް


  • މިއީ 40 މީހުންގެ ޖާގައިގެ 2 ފަންގިފިލާގެ އިމާރާތެއް

  • ރެކްރިއޭޝަން ކަންކަމަށްވެސް ޚާއްސަ ސަރަޙައްދެއް

ށ. ފުނަދޫގައި އިސްރަށްވެހިންގެ ހިޔާވަހި ޤާއިމުކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގައި، މި އެއްބަސްވުމުގައި އެ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރ (ނ.މ.ޝ.ޢ) އިބްރާހިމް އިސްމާޢީލް ޢަލީއެވެ. އަދ،ި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މުބީނެވެ.

މި މަޝްރޫޢުގެ ދަށުން 40 މީހުންގެ ޖާގައިގެ 2 ފަންގިފިލާގެ އިމާރާތެއް ބިނާ ކުރެވޭނެވެ. މި މަސައްކަތުގެ ތެރޭގައި ސިއްޙީ ޚިދުމަތްދޭ ތަނަކާއި، އިދާރީ އޮފީހަކާއި އަދި އެހެނިހެން ޒަރޫރީ ޚިދުމަތް ދިނުމަށް ބޭނުންވާ ތަނެއް އިމާރާތްކުރުން ހިމެނެއެވެ. އަދި ރެކްރިއޭޝަން ކަންކަމަށްވެސް ސަރަޙައްދެއް ޚާއްސަކޮށްފައިވެއެވެ.

މި މަޝްރޫޢަކީ 37.46 މިލިޔަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

ފުނަދޫއަކީ 4186 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. ފުނަދޫ އިސްރަށްވެހިންގެ ހިޔާވަހި ޤާއިމުކުރުމުގެ މަސައްކަތް ނިމުމާއެކު ރަށުގެ އިސްރަށްވެހިންނަށް ރަށުގައި ތިބެގެން ލިބޭ ޞިއްޙީ ފަރުވާގެ ޚިދުމަތްތައް ފުޅާވެ އިސްރަށްވެހިންގެ ދުޅަހެޔޮކަން އިތުރުވެ އިޖުތިމާޢީ ގޮތުންވެސް ރަށަށް ގިނަގުނަ ފައިދާތަކެއް ކުރާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

އިސްރަށްވެހިންނަށް ދޭންޖެހޭ ރައްކާތެރިކަން ކަށަވަރުކޮށް، މުޖުތަމަޢުގައި އިސްރަށްވެހިންގެ ދައުރު ފުޅާކުރުމަކީ، ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތެކެވެ. ސަރުކާރުން ވަނީ، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އިސްރަށްވެހިންގެ މަރުކަޒު ޤާއިމުކުރުމަށް ނިންމަވާފައެވެ.

މާލެ ސަރަހައްދުގެ އިތުރުން މި އަހަރު އިސްރަށްވެހިންގެ ނާދީ ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ، ލ. އަތޮޅު، ދ. އަތޮޅު، ރ. އަތޮޅު އަދި ށ. އަތޮޅުގައެވެ. އަތޮޅުތަކުގައި ޤާއިމް ކުރާ އިސްރަށްވެހިންގެ ނާދީތައް ހިންގާނީ، އެ ރަށްރަށުގެ ކައުންސިލްތަކުންނެވެ. އެހެންނަމަވެސް ހަރަކާތްތައް ހިންގުމުގައި ބޭނުންވާ އެހީތެރިކަން ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ފޯރުކޮށްދޭނެއެވެ.