ޚަބަރު

ވެނެޒުއެލާ ބިންހެލުން: ގެއްލިފައިވާ އެތައް ހާސް ބަޔަކު ހޯދަނީ


ޖޫން 25 ވަނަ ދުވަހު ވެނެޒުއެލާއަށް އައި ބާރުގަދަ ބިންހެލުންތަކުގައި މަރުވެފައިވާ ކަން ކަށަވަރުކުރެވިފައިވާ މީހުންގެ އަދަދު 235 އަށް އުފުލިފައިވާއިރު، ގެއްލިފައިވާ ކަމަށް ބެލެވޭ އެތައް ހާސް މީހުން ހޯދުމުގެ މަސައްކަތް އިތުރަށް ފުޅާކޮށްފިއެވެ. ވެނެޒުއެލާއަށް އައި ބާރުގަދަ ދެ ބިންހެލުން ރެކޯޑު ކުރެވިފައި ވަނީ ރިކްޓަރ މިންގަނޑު 7.2 އަދި 7.5 ގައެވެ. އެ ލޮޅުންތަކުގައި ގިނަ އަދަދެއްގެ އިމާރާތްތައް ވެއްޓި، ބިނާރުތަކަށް ލިބިފައިވާ ގެއްލުންތަކުގައި 4,300 އަށްވުރެ ގިނަ މީހުން ޒަޚަމުވިއެވެ. މިއީ، ފާއިތުވި ގަރުނަކަށްވުރެ ގިނަ ދުވަހުގެ ތެރޭގައި އެ ޤައުމަށް އައި އެންމެ ބާރުގަދަ ބިންހެލުންތަކެވެ. ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވޭ މީހުން ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ހުއްޓުމެއްނެތި ކުރަމުންދާއިރު، އެތައް ހާސް ބަޔަކު ވީނުވީއެއް ނޭނގި ގެއްލިފައިވާތީ މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ރަސްމީ ފަރާތްތަކުން ލަފާކުރެއެވެ.

މި ކާރިސާގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ ވެރިރަށް ކަރާކަސްގެ އުތުރުން އައްސޭރިފަށުގައި އޮތް ލަ ގެއިރާއަށެވެ. ވެނެޒުއެލާގެ މައި ވައިގެ ބަނދަރު ހަލާކުވެ ބަންދުކުރުމުން، ބޭރުގެ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތްތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. އަދި، ރަށްތަކުގައި އިމާރާތްތައް ބިމާހަމަވެ، މަގުތައް ވަނީ ބޮޑަށް ފަޅަފަޅައިގެން ގޮސްފައެވެ. މީގެ އިތުރުން، މުވާޞަލާތީ ޚިދުމަތް މެދުކެނޑުމުން ޤައުމުން ބޭރުގައި ދިރިއުޅޭ މީހުންނަށް ޢާއިލާތަކާ ގުޅޭގޮތް ވަނީ ނުވެފައެވެ. އަދި، ކަރާކަސްގެ އެތައް ސަތޭކަ ބަޔަކު ރޭގަނޑު ހޭދަކޮށްފައި ވަނީ ރައްކާތެރިކަމަށް ޓަކައި ޕާކުތަކާއި ހާމަ ހުސްބިންތަކުގައެވެ.

މި ކާރިސާއަކީ މި އަހަރުގެ ޖަނަވަރީ މަހު ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކުރުމާ ގުޅިގެން ވެރިކަމާ ޙަވާލުވެވަޑައިގެންނެވި ވަގުތީ ރައީސް ދެލްސީ ރޮޑްރީގޭޒްއަށް ކުރިމަތިވެވަޑައިގެންނެވި އެންމެ ބޮޑު ގޮންޖެހުމުގެ ގޮތުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން
ސިފަކުރެއެވެ. ބިންހެލުމާ ގުޅިގެން އޭނާ ވަނީ، ފާއިތުވި ދަހަރަކަށްވުރެ ގިނަ ދުވަހު އިޤުތިޞާދީ ހީނަރުކަމެއްގައި އޮތް ވެނެޒުއެލާގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކުރައްވާފައެވެ. އަދި، ގެއްލުން ލިބިފައިވާ ހަސްފަތާލުތަކާއި ގެދޮރު އަލުން ބިނާކުރުމަށް 200 މިލިޔަން އެމެރިކާ ޑޮލަރުގެ ފަންޑެއް އެކުލަވައިލައްވައި، މީހުން ސަލާމަތްކުރުމަށް ބޭނުންވާ މެޝިނަރީއާއި އާލާތްތައް ފޯރުކޮށްދިނުމަށް ވިޔަފާރިވެރިންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.

ވެނެޒުއެލާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭރު ޤައުމުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. މި ގޮތުން، އެހީގެ ގޮތުގައި 2.6 މިލިޔަން ޑޮލަރު ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަން އިނގިރޭސިވިލާތުން ވަނީ އިޢުލާނުކޮށްފައެވެ. އެމެރިކާއިން ވެސް ވަނީ، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ބައިވެރިވާނެ ޓީމުތައް ފޮނުވަން ފަށާފައެވެ. އަދި، ވެނެޒުއެލާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ބައެއް ފިޔަވަޅުތަކަށް ލުއިދީފައެވެ. މީގެ އިތުރުން ޤަޠަރާއި، މެކްސިކޯއާއި، ބްރެޒިލާއި، ސްޕެއިނާއި، ޕޯޗުގަލް އަދި ކެނެޑާއިން ވެސް ވަނީ ވެނެޒުއެލާއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަން ހާމަކޮށްފައެވެ.