ޚަބަރު

ޕެނަމާ މެޗު ފަސޭހައެއް ނޫން، ކުޅުމާމެދު ހިތްހަމަޖެހޭ: އިންގްލަންޑް ކޯޗު


  • މިމެޗު އިންގްލަންޑް ކާމިޔާބު ކުރީ 2 ލަނޑު ސުން ލަނޑުން

ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ގްރޫޕް އެލްގައި އިންގްލަންޑާއި ޕެނަމާ ބައްދަލުކުރި މެޗު ވީ ހީކުރި ވަރަށް ވުރެ އުނދަގޫ މެޗަކަށް ކަމަށާއި ނަމަވެސް މެޗުގައި ކުޅުންތެރިން ދެއްކި ކުޅުން ގޯސް ނޫން ކަމުގައި އިންގްލަންޑްގެ ކޯޗު ތޯމަސް ޓުކެލް ބުނެފިއެވެ.

ޕެނަމާ މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓުކެލް ބުނީ ކުޅުން ގޯސް ނޫން ކަމަށާއި މިމެޗުވީ އެޓީމަށް އުނދަގޫ މެޗަކަށް ކަމަށެވެ. މިމެޗުގައި އިދިކޮޅުން ފެނިގެންދިޔައީ އެޓީމު އެންމެ ފުރަތަމަ ކުޅުނު ދެމެޗުގައި އެއްވެސް ފުރުސަތެއް ނުދީ ކުޅުނު ޓީމެއް ކަމަށެވެ. އެޓީމުން ގާނާ އާއި ބައްދަލުކުރި މެޗުގައި ބައިކޮޅަށް ލަނޑު ވަދެފައިވަނީ 95 ވަނަ މިނެޓުގައި ކަމަށާއި އަދި ކްރޮއޭޝިއާ މެޗުގައި އެޓީމުން ލަނޑު ޖެހީ ލިބުނު ފަޅި ފުރުސަތެއްގައި ކަމަށެވެ. އެހެން ނަމަވެސް މިމެޗުގައި އިންގްލަންޑުން 2 ލަނޑު ޖަހާ އިތުރު ފުރުސަތު ތަކެއް ތަނަވަސް ކޮށްފައިވާކަމަށް ޓުކެލް ބުންޏެވެ.

މިމެޗުގައި އިންގްލަންޑްގެ ކެޕްޓަން ހެރީ ކޭން ކާމިޔާބު ކުރި ލަނޑާއެކު އޭނާ މިހާރުވަނީ ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖެހި އިންގްލަންޑްގެ ކުޅުންތެރިޔާއަށް ވެފައެވެ. ރޭގެ މެޗުގައި ކޭން ޖަހާފައިވަނީ ވޯލްޑް ކަޕްގައި ކާމިޔާބު ކުރި 11 ވަނަ ލަނޑެވެ. މިރިކޯޑް ކުރިން އޮތީ ގެރި ލިނެކަރ އަތުގައެވެ. ޓުކެލް ބުނީ ކޭންއަށް ހޯދުނު ކާމިޔާބީގައި ޓީމުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ބައިވެރިވާކަމަށެވެ. އަދި ކޭންއަށް ވޯލްޑް ކަޕްގެ ތެރޭގައި މިރިކޯޑް ގާއިމް ކުރުމުގެ ފުރުސަތު ލިބިގެންދިއުމުން ލިބޭ ހިތްހަމަ ޖެހުން އިތުރު ވާނެކަމަށްވެސް ޓުކެލް ބުނެއެވެ. އަދި ކޭން ހުރީ މިމުބާރާތުގެ ފައިނަލަށް ގޮސް ތަށި އުފުލާލުމުގެ އަޒުމާއެކުކަންވެސް އޭނާ ފާހަގަ ކުރިއެވެ.

ޕެނަމާގެ ކޯޗު ތޯމަސް ކްރިސްޓިއަންސެން ބުނީ އޭނާއަށް ޕެނަމާ ޓީމާއެކު މިހާރު 6 އަހަރު ހޭދަކުރެވިފައިވާކަމަށެވެ. އަދި ޕެނަމާއާއެކު ހަދާފައިވާ އެއްބަސްވުން ދެތިން ދުވަހުގެ ތެރޭގައި ހަމަވާނެ ކަމަށެވެ. ނަމަވެސް މިފަހަރު އެއްބަސްވުން އާކުރުމާމެދު ވިސްނާނީ އޭނާގެ ޓީމާއި އާއިލާ އާއި ހިއްސާ ކުރުމަށްފަހު ކަމަށް އޭނާ ބުންނެވެ. މިފަހަރުގެ މުބާރާތުގައި ޕެނަމާއިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައި ކަމަށާއި އަދި އެޓީމުން ވަރަށް ބުރަކޮށް މަސައްކަތް ކޮށްފައިވާކަމަށް ޕެނަމާގެ ކޯޗު ހާމަކުރިއެވެ.