ޚަބަރު

ބިސްބުރުގެ ކޯޗުކަމުން އިހުސާން ވަކިވެއްޖެ


  • ލިއުބީ ވަނީ ބިސްބުރު ފުރަތަމަ ޑިވިޝަނަށް ގެންގޮސްދީފައި

  • ބިސްބުރުން ވަނީ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދާފައި

ދިވެހި ފުޓުބޯޅައިގައި ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނަ ބިސްބުރު ސްޕޯޓްސް ކުލަބުގެ ކޯޗުކަމުގެ މަގާމުން، މުޙައްމަދު އިހުސާން ސަޢީދު (ލިއުބީ) ވަކިވެއްޖެއެވެ.

ބިސްބުރާއެކު އިހުސާން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާއިރު، އެ އެއްބަސްވުން އައުނުކުރާނެކަން އޭނާ ވަނީ "ޕީއެސްއެމް ނިއުސް" އަށް ކަށަވަރުކޮށްދީފއެވެ. އަދި މި ނިންމުމަކީ ކުލަބާއެކު ކުރި މަޝްވަރާތަކަށްފަހު، ދެ ފަރާތް އެއްބަސްވާގޮތުގެ މަތިން ނިންމި ނިންމުމެއްކަމަށް ލިއުބީ ބުނެފައިވެއެވެ.

ކެރިއަރުގެ ކުރިމަގާ ގުޅޭގޮތުން "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން އިހުސާން ބުނީ، ކުރިއަށް އޮތް އެފްއޭއެމް އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕުގައި ވާދަކުރާ ބައެއް ޓީމުތަކުން އޭނާއަށް ހުށަހެޅުންތައް އަންނަ ކަމަށާއި، މި ހުށަހެޅުންތަކާ މެދު ވިސްނަމުންދާ ކަމަށެވެ. އެހެންނަމަވެސް މިހާތަނަށް މިކަމުގައި އެއްވެސް ގޮތެއް ނިންމާފައި ނުވާކަމަށް އޭނާ ބުންޏެވެ.

ޤައުމީ ފުޓްސަލް ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައިވާ ލިއުބީގެ އިރުޝާދުގެ ދަށުން ބިސްބުރުން ބޮޑެތި ކުރިއެރުންތަކަކާއި ކާމިޔާބީއެއް ހޯދާފައިވާއިރު އޭނާއަކީ ފުޓްސަލްގައި ވެސް ނަން މަޝްހޫރު، މަތީ ފަންތީގެ ކޯޗެކެވެ.

ފުޓްސަލް ކޯޗިންގައި ރާއްޖޭގެ ތިބި ތަޖުރިބާކާރުންގެ ތެރެއިން އެންމެ މަތީ ލައިސެންސް ހާސިލު ކުރި ދެ ކޯޗުންގެ ތެރޭގައި ވެސް ލިއުބީ ހިމެނެއެވެ. އޭނާގެ އިރުޝާދުގެ ދަށުން ޓީމުތަކުން ފުޓްސަލްގައި ވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައިވެއެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި ލިއުބީގެ އިރުޝާދުގެ ދަށުން ފާއިތުވީ ދެ އަހަރެއްހައި ދުވަހުގެ ތެރޭގައި ބިސްބުރުން ވަނީ ގިނަ ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއަކީ، މިފަހަރުގެ ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް ނުވަތަ މާލޭ ރީޖަނަލް ލީގުގެ ޗެމްޕިއަންކަން ހޯދައި، ދިވެހި ލީގު ކޮލިފިކޭޝަންގައި ދެވަނަ ހޯދައި، އަންނަ ސީޒަނުގެ ފުރަތަމަ ޑިވިޝަނުން ފުރުސަތު ހޯދުމެވެ.