ސިނގިރޭޓުން ނަގާ ޑިއުޓީގެ އަގު ކުޑަކުރުމަށް ސަރުކާރުގެ ފަރާތުން ޤާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމެވެ.
ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓު ޤާނޫނު މިހާރު އޮތްގޮތުން ސިނގިރޭޓަކުން ނަގަނީ 8 ރުފިޔާގެ ޑިއުޓީއެވެ. ނަމަވެސް ޤާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވަނީ އެ އަދަދު ދަށްކޮށް، 4 ރުފިޔާއަށް ބަދަލުކުރުމަށެވެ.
މި އިސްލާހުތަކާއެކު ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުވުމަށް ޚާއްސަކޮށް ތައްޔާރުކޮށްފައި ހުންނަ ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗާއި އެފަދަ އެހެނިހެން ބާވަތްތަކުން ނަގާ ޑިއުޓީ ދައްކަން ނުޖެހޭ ގޮތަށްވެސް ސަރުކާރުން ވަނީ އިސްލާހު ހުށަހަޅުއްވާފައެވެ.
ޤާނޫނުުގެ 7ވަނަ މާއްދާއަށް ހުށަހަޅުއްވާފައިވާ އިސްލާހުގައި ދުންފަތުގެ 3 ބާވަތަކުން ނަގާ ޑިއުޓީ ކުޑަކުރުމަށް ވަނީ ހިމަނާފައެވެ. އެގޮތުން، ސިނގިރޭޓުގެ އިތުރުން ބިޑިއާއި ހީޓަޑް ޓޮބޭކޯ އުފެއްދުންތައް ނުވަތަ ރޯކުރުމަކާނުލައި ހޫނުކޮށްގެން ބޭނުންކުރެވޭގޮތަށް އުފައްދާފައިވާ ހުންނަ ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރުމަށް ވަނީ ހުށަހަޅުއްވާފައެވެ. މިހާރު މީގެން ކޮންމެ އެއްޗަކުން ނަގަމުން އަންނަނީ 8 ރުފިޔާގެ ޑިއުޓީއެކެވެ.
ބިލުގައި ސަރުކާރުން ފާހަގަކުރައްވާފައިވާގޮތުގައި މި އިސްލާހާއެކު މިއަހަރުގެ ބަޖެޓުގައި އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބޭނެކަމަށް ލަފާ ކުރި އާމްދަނީ ދަށްވާނެއެވެ. އަދި އެގޮތުން، ޖުލައި މަހުގެ 1ވަނަ ދުވަހުން ފެށިގެން މި އިސްލާހުތައް ގެނެސްފިނަމަ އަންދާޒާކުރި އަދަދާ އަޅާބަލާއިރު 21 މިލިޔަން ރުފިޔާ ދަށްވާނެ ކަމަށް ވަނީ ފާހަގަކުރައްވާފައެވެ.
ބިލު ދިރާސާކުރުމަށް ފޮނުވުމުން މުޅި މަޖިލީހުގެ ކޮމިޓީން ނިންމީ ބިލަށް އިތުރު އިސްލާހެއް ނުގެނެސް ބިލު ފާސްކުރުމަށް ފެންނަ ކަމަށެވެ. މިގޮތަށް އެ ކޮމިޓީން ނިންމީ ކޮމިޓީގައި ވޯޓުދެއްވި 69 މެންބަރުންގެ އިއްތިފާގުންނެވެ.