ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރި ދެކުނު ކޮރެއާ ޓީމުގެ ކޯޗު ހޮންގ މިޔުންގ ބޯ އިސްތިއުފާ ދީފިއެވެ.
ހޮންގ މިކަން ހާމަކޮށްފައިވަނީ މެކްސިކޯގެ ގުއަޑަލަހާރާގައި ހުރި ކޮރެއާ ޓްރެއިނިންގ ކޭމްޕްގައި ހުރެގެންނެވެ.
މިފަހަރުގެ ވޯލްޑް ކަޕްގައި މިދިޔަ ހޮނިހިރު ދުވަހު ކުޅުނު އެންމެ ފަހު މެޗުތަކާއެކު، މި މުބާރާތުގެ 32 ޓީމުގެ ބުރުން ދެކުނު ކޮރެއާއަށް ޖާގަ ނުލިބޭނެކަންވަނީ ޔަގީންވެފައެވެ.
ގްރޫޕް އޭގައި ކޮރެއާ ކުޅުނު ތިން މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. ހޮންގ ދެކުނު ކޮރެއާގެ ކޯޗު ކަމާ ހަވާލުވެފައިވަނީ 2024 ވަނަ އަހަރުގެ ޖުލައި މަހު އޭރު އެމަގާމުގައި ހުރި ކޯޗު ޔަރގެން ކްލިންސްމަންގެ ބަދަލުގައެވެ. އަދި މަގާމާ ހަވާލުވުމަށްފަހު އޭނާގެ ކޯޗު ކަމުގެ ދަށުން ހޮންގ މިވަނީ ޖެހިޖެހިގެން 11 ވަނަ ފަހަރަށް ފީފާ ވޯލްޑް ކަޕަށް ދެކުނު ކޮރެއާ ކޮލިފައިކޮށްދީފައެވެ.
މިފަހަރުގެ މުބާރާތުގައި ދެކުނު ކޮރެއާ، މުބާރާތް ބާއްވާ އެއް ޤައުމު ކަމުގައިވާ މެކްސިކޯ، ދެކުނު އެފްރިކާ އަދި ޗެކިއާ އާއެކު ގްރޫޕް އޭގައި ހިމެނުމާއި ޓީމުގައި ސޮންގ ހެއުންގ މިން، ލީ ކާންގ އިން އަދި ކިމް މިން ޖައި ފަދަ ކުޅުންތެރިން ތިބުމާއެކު ޓީމާއި މެދު ކުރެވުނު އުންމީދު ވަރަށް ބޮޑުވިއެވެ.
މިފަހަރުގެ މުބާރާތުގައި ޗެކިއާގެ މައްޗަށް 2 ލަނޑު އެއް ލަނޑުން ހޯދި ކާމިޔާބީ އާއެކު މުބާރާތް ފެށި ނަމަވެސް ޖެހިގެން އައި ދެމެޗުގައި މެކްސިކޯ އާއި ދެކުނު އެފްރިކާ އާއި ބައްދަލުކޮށްވަނީ އެއް ލަނޑު ސުން ލަނޑުން ބަލިވެފައެވެ. އަދި ގްރޫޕްގެ ތިންވަނަ އަށް ދިޔަ ނަމަވެސް ތިންވަނައަށް ދިޔަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި އަށް ޓީމުގެ ތެރޭގައި ދެކުނު ކޮރެއާ ހިމެނޭ ގޮތެއް ނުވިއެވެ.