އާދީއްތަ ދުވަހު، ފަރަންސޭސިވިލާތުގެ ތޮމްބްލެއިންގައި މަތިންދާ ބޯޓެއް ވެއްޓި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެ ޤައުމުގެ ރައީސް އެމަނުއެލް މެކްރޯންއަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މަތިންދާ ބޯޓުން ދަތުރުކުރި ހުރިހާ ފަޅުވެރިންނާއި ފަސިންޖަރުންގެ ފުރާނަ ގެއްލުނު މި ހިތާމަވެރި ހާދިސާގެ ޚަބަރު އަޑުއެއްސެވީ، ފުން ހިތާމައާ އެކުގައިކަން ފާހަގަކުރެއްވިއެވެ. އަދި، ދިވެހި ސަރުކާރާއި، ރައްޔިތުންގެ ނަމުގައި އެމަނިކުފާނު ވަނީ، ފަރަންސޭސިވިލާތުގެ ރައީސަށާއި، ސަރުކާރާއި ރައްޔިތުން އަދި މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ވިދާޅުވެ، ހަމްދަރުދީ ފާޅުކުރައްވާފައެވެ.
މީގެ އިތުރުން، ހާދިސާ ހިނގި ސަބަބު ދެނެގަތުމަށް ކުރިއަށްގެންދާ ތަޙުޤީޤުގައި ކާމިޔާބީ މިންވަރުކުރެއްވުމަށް، އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
ބޭރުގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި ވެއްޓިފައިވަނީ ސްކައިޑައިވިންގައި ބޭނުންކުރާ މަތިންދާ ބޯޓެކެވެ. މި ހާދިސާގައި މަތިންދާ ބޯޓުގައި ތިބި 11 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ ތެރޭގައި ހިމެނެނީ ޕައިލެޓާއި 5 އިންސްޓްރަކްޓަރުންނައި 5 ދަރިވަރުންނެވެ.