ދިވެހިރާއްޖޭގެ މުއްސަނދި ސަގާފީ ތަރިކަ ދައްކުވައިދޭ މިއުޒިއަމްތައް ރިޒޯޓުތަކުގައި ބިނާކުރުމަކީ މުހިންމުކަމެއްކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ކްރޮސްރޯޑްސް މޯލްޑިވްސްގައި ހުންނަ "މޯލްޑިވްސް ޑިސްކަވަރީ ސެންޓަރ" އަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުންނެއެވެ.
ކްރޮސްރޯޑްސްގައި ގާއިމުކޮށްފައިވާ މި މަރުކަޒަކީ ރާއްޖޭގެ ސަގާފަތާއި، ތަރިކައާއި، އާދަކާދަތައް ވަރަށް ފުރިހަމައަށް ހާމަކޮށްދޭ ތަނެއްކަން ފާހަގަކުރައްވަމުން ވަޒީރު ހީނާ ވަލީދު ވިދާޅުވީ، ރާއްޖެ އުފެދިގެން އައި ގޮތާއި، ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި، ކާބަފައިން ބޭނުންކުރި ސަގާފީ ތަކެތީގެ އިތުރުން ރާއްޖެއާ ގުޅޭ މުހިންމު މައުލޫމާތުތަކެއް މި ސެންޓަރުން ލިބިގެންދާ ކަމަށެވެ.
ރިޒޯޓުތަކުގައި މިފަދަ މިއުޒިއަމްތައް ހުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، މީގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ދިވެހިރާއްޖޭގެ ތާރީޚާއި، ސަގާފަތާއި، އާދަކާދަތަކުގެ އިތުރުން ދިވެހިންގެ ދިރިއުޅުން ކުރިން ހުރި ގޮތުގެ ފުރިހަމަ މައުލޫމާތު ލިބިގެންދާނެ ކަމަށެވެ.
ވަޒީރު ވިދާޅުވީ ޝައުގުވެރިވާނެ ފަދަ ގޮތްގޮތަށް ފަރުމާކޮށްފައިވާ މިފަދަ މިއުޒިއަމްތަކުގެ ސަބަބުން، ސްކޫލް ކުދިންނަށާއި ކުޑަކުދިންނަށް ރާއްޖޭގެ ބަހާއި ތާރީޚާ ގުޅޭ މައުލޫމާތު މުއްސަނދިވެ، އެކަންކަމަށް ލޯހުޅުވިގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވަނީ އަމިއްލަ ފަރާތްތަކުން ކުރާ މަސައްކަތްތަކުގެ ތެރޭގައިވެސް ދިވެހި ބަހާއި، ސަގާފަތާއި، އާދަކާދަތައް ކުރިއެރުވޭނެ ފަދަ ކަންކަން ހިމެނުމަށް ބާރުއަޅުއްވާފައެވެ.
"ވަރަށް ރަނގަޅު ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ. އެހެން ފަރާއްތަކަށްވެސް ޕްރައިވެޓް ސެކްޓަރގައި އެބޭފުޅުންގެ މަސައްކަތްތަކުގެ ތެރޭގައި ބަސް ސަގާފަތް، އާދަކާދަ، ސަގާފަތް މިކަހަ، މައުލޫމާތު އާންމު ރައްޔިތުންނަށް ލިބޭނެ ގޮތަކަށް ފަރުމާކޮށްގެން ކުރިއަށް ގެންދިޔުން. އެކަން ކުރުމައްޓަކައި އަޅުގަނޑުމެންގެ ފަރާތުން ދޭންޖެހޭ އެއްބާރުލުން ލިބިގެންދާނެ. އަދިހަމަ އެއާއެކު މިފަދަ މައުލޫމާތު ތަކަކީ ކުޑަކުދިންނަށާއި ފަތުރުވެރިނައްވެސް މުހިންމު މައުލުމާތުތަކަށްވާއިރު ހުރިހާ ފަރާއްތަކުންވެސް މިގޮތައް މަސައްކަތްކުރުމަށް އަޅުގަނޑުމެން އެދެން." ވަޒީރު ހީނާ ވިދާޅުވިއެވެ.
ކްރޮސްރޯޑް މޯލްޑިވްސްގައި ފުރަތަމަ އިފްތިތާހުކުރެވުނު "މޯލްޑިވްސް ޑިސްކަވަރީ ސެންޓަރ" އަކީ ތަޢުލީމީ އަދި މުނިފޫހިފިލުވައިދޭ ގޮތަށް ފަރުމާކޮށްފައިވާ އިންޓަރެކްޓިވް މިއުޒިއަމްއެކެވެ. މި މަރުކަޒަކީ ރާއްޖޭގެ މުއްސަނދި ސަގާފަތާއި ތާރީޚާ ގުޅޭ މުހިންމު މަޢުލޫމާތުތައް އެއްފުރާޅެއްގެ ދަށުން ފޯރުކޮށްދޭ ޚާއްޞަ ތަނެކެވެ. ކްރޮސްރޯޑްސްއިން ފާހަގަކުރާ ގޮތުގައި، މި ސެންޓަރަކީ ގިނަ ބައެއްގެ މަޤްބޫލުކަން ލިބިފައިވާ، ޝައުގުވެރި މަންޒިލެކެވެ. އަދި މިތަނުގެ ކޮންމެ ބަޔަކީވެސް ޒިޔާރަތްކުރާ ފަރާތްތަކަށް އައު ކަންތައްތަކެއް އުނގަންނައިދީ، ތަފާތު މަޢުލޫމާތުތައް ލިބޭނެހެން ވަރަށް ފުރިހަމައަށް ފަރުމާކޮށްފައިވާ ބައިތަކެކެވެ.
"މިތަނަކީ ފުލީ އިންޓަރެކްޓިވް. މިތާގެ ކޮންމެ ސެކްޝަންއަކީ ކޮންމެސް ކަހަކަލަ އިންޓަރެކްޝަން އެއް އިންނަ ސެކްޝަނެއް. މިތަނައް ކޮންމެ މީހަކީ ކިޔާލާފައި ދެވޭނެ ކަހަލަ ތަނެއްނޫން. އެކަމެއް ދަސްކޮށްގެން ބަލައިގެން އިންފޮރމޭޝަން ލިބޭ ތަނެއްމީ" ކްރޮސްރޯޑް މޯލްޑިވްސްއިން ވިދާޅުވިއެވެ.
ތަރިކައިގެ ދާއިރާ އިތުރަށް ތަރައްޤީކޮށް ކުރިއަށް އޮތް ޖީލުތަކާއި ހަމައަށް ގެންގޮސްދިނުމަށް މި ސަރުކާރުން ވަނީ ތިން ސިޔާސަތެއް އެކަށައަޅާފައެވެ. އެއީ، ތަރިކައިން އާމްދަނީ ހޯދުމާއި، ތަރިކައަކީ ދިވެހީންގެ ތަޖުރިބާގެ ބަޔަކަށް ހެދުމަށާއި، ތަރިކަ ޑިޖިޓަލައިޒްކޮށް ޒަމާނަށް އަންނަ ކުރިއެރުމަކަށް ހެދުމެވެ. ދިވެހި ދަޢުލަތުން މި ސިޔާސަތުތައް ހަޤީޤަތަކަށް ހެއްދެވުމަށް ބުރަ މަސައްކަތްތަކެއް ދަނީ ކުރައްވަމުންނެއެވެ.