ޚަބަރު

ސިޓީގެ އާ ކޯޗަކަށް މަރެސްކާ


  • މަރެސްކާވަނީ ސިޓީ އާއެކު 3 އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފަ

އިންގްލިޝް ޕްރިމިއަރ ލީގުގައި އެންމެ ފާހަގަ ކޮށްލެވޭ އެެއް ޓީމު ކަމަށްވާ މެންޗެސްޓަރ ސިޓީގެ އާ ކޯޗެއްގެގޮތުގައި ކުރިން ޗެލްސީއަށް ކޯޗު ކޮށްދިން އެންޒޯ މަރެސްކާ ހަމަޖައްސައިފިއެވެ.

މަޢުލޫމާތުލިބޭގޮތުގައި މަރެސްކާވަނީ ސިޓީ އާއެކު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މަރެސްކާވަނީ މީގެކުރިން ސިޓީގެ ޔޫތު ޓީމަށް ކޯޗު ކޮށްދިނުމުގެ އިތުރުން ސިޓީއިން ތިން ތަށި ކާމިޔާބު ކުރި 2022 – 2023 ވަނަ އަހަރުގެ ސީޒަންގައި އެސިސްޓަންޓް ކޯޗެއްގެ ގޮތުގައިވެސް މަސައްކަތް ކޮށްފައެވެ.

މަގާމާއި ހަވާލުވުމަށްފަހު ވާހަކަ ދައްކަމުން މަރެސްކާ ބުނީ ސިޓީއަކީ އޭނާއަށް ވަރަށް ރަނގަޅަށް އެނގޭ ފަރިތަ ކްލަބެއް ކަމަށާއި މިޓީމުގެ ކޯޗުކަމާއި ހަވާލުވުމަކީ އޭނާއަށް ލިބިގެންދާ ވަރަށް ހާއްސަ ފުރުސަތެއްކަމަށެވެ.

މަރެސްކާ ބުނީ އޭނާއަށް ސިޓީ ހާއްދަ ވެގެންދަނީ މިކްލަބްގައި މަސައްކަތް ކުރާ އަދި ކޮށްފައިވާ ފަރާތްތަކުގެ ފެންވަރު މަތިކަމުން ކަމަށެވެ. އަދި ސިޓީގެ ކޯޗުކަން ކުރުމުގެ ފުރުސަތު އޭނާއަށް ދީ އެހާ ބޮޑު އިތުބާރެއް ކުރީތީ އެކަމަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި ކުޅުންތެރިންނާއި އެކު މަސައްކަތް ފެށުމަށް ކެތް މަދު ވެފައިވާކަމަށްވެސް އޭނާ ހާމަކުރިއެވެ.

މަރެސްކާ ބުނީ އޭނާ ބޭނުންވަނީ ސިޓީ މޮޅުވާން ކަމަށާއި މޮޅު ފުޓްބޯޅައެއް ކުޅޭ ޓީމަކަށް ހަދަން ކަމަށެވެ.

ސިޓީއިން އެޓީމުގެ އާ ކޯޗެއްގެގޮތުގައި މަރެސްކާ ހަމަޖައްސާފައިމިވަނީ އެމަގާމް ވޭތުވެދިޔަ 10 ސީޒަންގައި އަދާކުރި ތަޖްރިބާކާރު އަދި ސިޓީ ދުން އެންމެ ކާމިޔާބު ކޯޗު ޕެޕް ގާޑިއޯލާ މިދިޔަ ސީޒަނަށް ފަހު ކްލަބާއި އަލްވަދާއު ކިޔާފައިވުމުންނެވެ. އަދި މަރެސްކާ ވަނީ ޕެޕް އާއެކު އެޓީމުގެ އެންމެ ކާމިޔާބު ސީޒަންގައި އޭނާގެ އެސިސްޓަންޓްގެ ގޮތުގައި ހަރަާތްތެރިވެފައެވެ.

އިޓަލީވިލަތަށް ނިސްބަތްވާ އުމުރުން 46 އަހަރުގެ މަރެސްކާ އޭނާގެ ކޯޗިން ކެރިިއަރ ފަށާފައިވަނީ 2021 ވަނަ އަހަރު ޕާމާއިންނެވެ. ނަމަވެސް އޭނާއަށް އެކްލަބްގައި މަޑުކުރެވުނީ 14 މެޗު ނިމެންދެނެވެ.

އެއަށްފަހު 2023-2024 ވަނަ އަހަރުގެ ސީޒަންގައި ލެސްޓަރ ސިޓީގެ ކޯޗުގެ ގޮތުގައި މަސައްކަތްކޮށް އެޓީމު ޗެމްޕިއަންޝިޕުން ޕްރިމިއަރ ލީގަށް ޕްރޮމޯޓް ކޮށްދިނެވެ. އެކާމިޔާބީއަށްފަހު ދެން ފެނިގެންދިޔައީ ޗެލްސީގެ ކޯޗުކަމާއި ހަވާލުވިތަނެވެ.

ޗެލްސީގައި މަރެސްކާވަނީ ފުރަތަމަ ސީޒަން ލީގުގެ ހަތަރު ވަނައިގާ އޮވެ ނިންމާލުމުގެ އިތުރުން ޔުއޭފާ ޔޫރޮޕާ ކޮންފަރެންސް ލީގުގެ އިތުރުން ފީފާ ކްލަބް ވޯލްޑް ކަޕް ވެސް ކާމިޔާބު ކޮށްދީފައެެވެ. ނަމަވެސް ނިމިދިޔަ ސީޒަންގެ މެދުތެރޭގައި އޭނާވަނީ ޗެލްސީގެ މަގާމުން އިސްތިއުފާދީފައެވެ.

އޭނާއަށް މިހާރު ޖެހިފައިވާ އެންމެ ބޮޑު ގޮންޖެހުމަކަށް ވެގެންދާނީ ގާޑިއޯލާ ސިޓީއަށް ހޯދާއިދިން ކާމިޔާބީ ތަކުރާރު ކުރެވޭތޯ މަސައްކަތް ކުރުމެވެ.

ގާޑިއޯލާގެ ކޯޗުކަމުގެ ދަށުން ސިޓީވަނީ ޕްރިމިއަރ ލީގުގެ ތަށި 6 ފަހަރު އަދި ޗެމްޕިއަންސް ލީގުގެ ތަށިވެސް އެއް ފަހަރު ކާމިޔާބު ކޮށްފައެވެ. އަދި މިދިޔަ ސީޒަން ސިޓީ ނިންމާލީ އެފް އޭ ކަޕާއި ކަރަބާއޮ ކަޕާއެކުއެވެ.