ޚަބަރު

ކްރިއެޓޯލް: ހުޅުވިގެންދިޔައީ ފަންނުވެރިންނަށް ޢާމްދަނީ ލިބޭނެ މަގެއް


  • މިއީ ރާއްޖޭގެ ވިޝުއަލް އަދި ސަޤާފީ އުފެއްދުންތަކަށް ޚާއްސަ ގައުމީ ޑިޖިޓަލް މާކެޓްފްލޭސްއެއް

  • ރާއްޖޭގެ ފަތުރުވެރިކަމަށް އެހީވެދޭނެ ކަމެއް

ކްރިއެޓޯލް ފްލެޓްފޯމްގެ ތެރެއިން ކްރިއޭޓިވް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ހުޅުވިގެން ދިޔައީ އާމްދަނީ ލިބޭނެ އިތުރު މަގެއްކަމަށް ފަންނާއި ސަގާފަތާއި ތަރިކައާއި ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ދިވެހި ފަންނުވެރި ކޮންޓެންޓަށް ޚާއްސަ މާކެޓް ޕްލޭސް "ކްރިއެޓޯލް" ލޯންޗްކުރުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.

ވިޒިޓް މޯލްޑިވްސްއިން ތަރައްޤީކުރި "ކްރިއެޓޯލް" އަކީ ރާއްޖޭގެ ވިޝުއަލް އަދި ސަޤާފީ އުފެއްދުންތަކަށް ޚާއްސަ ގައުމީ ޑިޖިޓަލް މާކެޓްފްލޭސްއެކެވެ. ކްރިއެޓޯލް މެދުވެރިކޮށް އުފެއްދުންތެރިންނަށް ވެރިފައިޑް ޕްރޮޕައިލްތައް ހަދައި، ފޮޓޯއާއި ވީޑިއޯ އަޕްލޯޑްކޮށް، އަގު ކަނޑައަޅައި އަމިއްލަ މަސައްކަތުގެ މިލްކުވެރިކަން ދަމަހައްޓަމުން އާމްދަނީ ހޯދޭނެކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.

ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވީ، ކްރިއެޓޯލްއަކީ ވަރަށް މުހިންމު ޕްލެޓްފޯމްއެއްކަމަށްދެކޭކަމަށެވެ. މި ޕްލެޓްފޯމްގެ ތެރެއިން ޒުވާނުންނަށް ޚާއްސަކޮށް ކްރިއޭޓިވް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް މި ފަހިވެގެންދިޔައީ ދުނިޔޭގެ ކޮންމެތަނަކަށްވެސް އެމީހުންގެ މަސައްކަތާއި ހުނަރު ފޯރުކޮށްދިނުމުގެ ފުރުސަތުކަމަށެވެ. މިއީ ރާއްޖެ ޕްރޮމޯޓްކުރުމަށްވެސް ހުޅުވިގެންދިޔަ މުހިންމު ޕްލެޓްފޯމެއްކަމަށް ވަޒީރު ހީނާ ވިދާޅުވިއެވެ.

"ކްރިއޭޓަރުންނަށް އޭގެތެރޭގައި ޑޮކިއުމަންޓްރީސް އުފައްދާ ފަރާތްތަކަށް، ފޮޓޯ ނަގާ މީހުންނަށް އަދި ފިލްމު އުފައްދާ ފަރާތްތަކަށާއި އަދި މި ފަންނުގެ އެކި ދާއިރާތަކަށާއި މަސައްކަތްކުރައްވާ އެކިއެކި ކޮންޓެންޓް ކްރިއޭޓާރސްއަށް ވަރަށް މުހިންމު ޕްލެޓްފޯމްއަކަށް މިވެގެންދަނީ. އަދި އެއާއިއެކީގައި ޕްލެޓްފޯމްގެ ތެރެއަށްލާ ކޮންޓެންޓަކީ ވިއްކާލެވޭ ކޮންޓެންޓަށްވެސް އެބަވޭ. އެހެންވީމަ ކްރިއޭޓިވް ދާއިރާގައި މަސައްކަތްކުރާ ހުރިހައި ފަރާތްތަކަށް އާމްދަނީ ލިބޭނެ ފުރުސަތެއްވެސް މީގެތެރެއިން ތަނަވަސްވެގެން އެބަދޭ." ވަޒީރު ހީނާ ވިދާޅުވިއެވެ.

ކްރިއެޓޯލްއަކީ ހަމައެކަނި ކޮންޓެންޓް ގަނެ ވިއްކާ ތަނެއް ނޫނެވެ. މިއީ ރާއްޖޭގެ "ކްރިއޭޓިވް އިކޮނޮމީ" ކުރިއަރުވައި ރާއްޖޭގެ ވާހަކަތައް އިތުބާރު ހުރި ގޮތެއްގައި ދުނިޔެއަށް ފޯރުކޮށްދިނުމަށާއި، އުފެއްދުންތެރިންނަށް އައު ދޮރުތަކެއް ހުޅުވައިދޭނެ މުހިންމު ވަސީލަތެއްކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.