ޚަބަރު

ކޮންޓެއިނަރ ނުބޭލި ލަސްވުން އަންނަ ހަފްތާގައި ޙައްލުވެގެންދާނެ


އެމް.ޕީ.އެލްގެ ބަނދަރުން ކޮންޓެއިނަރ ނުބޭލި ލަސްވާ ލަސްވުން ކުރިއަށް އޮތް ހަފްތާއެއް ތެރޭގައި ޙައްލުވެގެން ދާނެކަމަށް އެމް.ޕީ.އެލްގެ ސީ.އީ.އޯ މުޙައްމަދު ޖުނައިދު ވިދާޅުވެއްޖެއެވެ.

ޖުނައިދު މިހެން ވިދާޅުވީ އެމް.ޕީ.އެލްގެ ފިނިމައިޒާން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. އެމްޕީއެލްއިން މިފަދަ ފިނިމައިޒާނެއް ހުޅުވައިފައި މިވަނީ އެ ސަރަޙައްދުގައި މަސައްކަތްކުރާ މަޖޫރީން މަސައްކަތުގައި އުޅުމަށްފަހު ހަމަޖެހިލައިގެން ތިބޭނެ ތަނެއް ހޯދައިދިނުމުގެ ގޮތުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޖުނައިދު ވިދާޅުވީ ކޮންޓެއިނަރ ބޭލުން ލަސްވުމުގެ ޝަކުވާ ބޯޓްތައް އޮޕަރޭޓުކުރާ ފަރާތްތަކުން ކުރަމުންދާ ކަމަށެވެ. img:http://s1.psmnews.mv/images/660x400/14767009415791.jpg|އެމްޕީއެލް ސަރަޙައްދުގައި މަސައްކަތް ކުރާ ގިނަ ދުވަސްވީ މަޖޫރީއެއްކަމަށްވާ މުޙައްމަދު ޢަބްދުﷲ އެމްޕީއެލް ފިނި މައިޒާން ހުޅުވައިދެނީ - ފޮޓޯ: ޕީއެސްއެމް

ޖުނައިދު ވިދާޅުވީ ދުވާލެއްގެ މަށްޗައް ގާތްގަނޑަކަށް 250 އެއްހާ ކޮންޓެއިނަރ ކްލިއަރ ކުރުމަށްޓަކައި އެމް.ޕީ.އެލްގައި މިވަގުތު އޮތީ އެންމެ ރީޗް ސްޓެކަރ އެއްކަމަށެވެ. އެއީ މީގެ 15 ވަރަކަށް އަހަރު ކުރިން ގެނެސްފައިވާ އުޅަނދެއް ކަމަށެވެ.

އެމްޕީއެލް ސަރަޙައްދުގައި މަސައްކަތް ކުރާ ގިނަ ދުވަސްވީ މަޖޫރީއެއްކަމަށްވާ މުޙައްމަދު ޢަބްދުﷲ މަޢުލޫމާތުދިން ގޮތުގައި މިއަދު ހުޅުވުނު މައިޒާންގެ ސަބަބުން، އެމީހުންނަށް ވަރަށް ބޮޑު ލުއިފަސޭހަތަކެއް ވެގެންދާނެއެވެ.