މޫސުމީ ބަދަލުތަކުގެ ސަބަބުން ދިރިއުޅުމަށް ހުރަސްއެޅޭ ތަނެއްގައި ހަމަޖެހުމެއް ނޯންނާނެ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު އަލީ ޝަރީފް ވިދާޅުވެއްޖެއެވެ. ވަަޒީރު އަލީ ޝަރީފް މިހެން ވިދާޅުވީ ޖޫން މަހުގެ 29 އިން 30 ތައިލެންޑް ބޭންގްކޮގައި ބޭއްވި ބައްދަލުވުމެއްގެ ހަވާސާގައި ބޭއްވި ހަރަކާތެއްގައި ތަޤުރީރު ކުރައްވަމުންނެވެ.
މޫސުމީ ބަދަލުތަކާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާ ގުޅޭގޮތުން ބޭއްވި 7 ވަނަ ބައިނަލްއަގުވާމީ ކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު، އަލީ ޝަރީފްއެވެ.
މިމަހުގެ 29 އިން 30 ބޭންގްކޮގައި ބޭއްވި ބައްދަލުވުމުގެ ހަވާސާގެ ތެރެއިން ދެ ހަރަކާތެއްގައި ބައިވެރިވެވަޑައިގެން ވަޒީރު ޢަލީ ޝަރީފް ވަނީ ތަޤުރީރު ކުރައްވާފައެވެ.
މިބައްދަލުވުމުގެ ހަވާސާގައި ބޭއްވި ޕެރިސް އެގްރިމަންޓާއި ގުޅޭ ހައި ލެވެލް ސެގްމަންޓްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އަލީ ޝަރީފް ވަނީ މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަކީ ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ދެމިތިބުމަށް ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަމަށެވެ. އެގޮތުން ކަނޑުގެ ލޮނުގަނޑު އުފުލުމާއި ރަށްގިރުން ފަދަ ރާއްޖޭގެ ޤުދުރަތީ މާހައުލަށް ބޮޑެތި ގެއްލުންތަކެއް ލިބި އޭގެ އަސަރު ރާއްޖޭގެ އިޤްތިޞާދަށްވެސް ކުރަމުންދާ ކަމަށެވެ.
ވަޒީރު ވަނީ މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް މާލީ އެހީ ހޯދުމާއި ތަރައްގީވަމުން އަންނަ ގައުމުތަކުގެ ގާބިލުކަން އިތުރުކުރުމަށް ޖަޒީރާ ގައުމުތަކަށް 'ލޮސް އެންޑް ޑެމޭޖް' ފަންޑު ކަށަވަރުކޮށްދިނުމަށް ބައިނަލްއަގުވާމީ މުޖުތަމަޢަށް ގޮވާލައްވާފައެވެ.
ވަޒީރު އަލީ ޝަރީފް ވަނީ ރާއްޖޭގެ ސުލްހައާއި ދެމެހެއްޓެނިވިކަމުގެ އަޒުމް އާކުރައްވައި، މޫސުމީ ބަދަލުތަކުގެ ސަބަބުން ދިރިއުޅުމުގެ ވަސީލަތްތަކަށް ހުރަސްއެޅޭ ތަނެއްގައި ހަގީގީ ހަމަޖެހުމެއް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެއްބައިވަންތަކަން ފެންނަންޖެހޭނީ އަމަލީ މަސައްކަތުން ކަމަށާއި އެއްވެސް ބަޔަކު ބާކީނުކޮށް، ދުނިޔޭގެ މި މަސައްކަތުގައި ރާއްޖެއަކީ ބިނާކުރަނިވި ބައިވެރިއެއްގެ ގޮތުގައި ދެމިއޮންނާނެކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ.
މި ބައްދަލުވުމުގެ ހަވާސާގައި ބޭއްވި މޫސުމީ ބަދަލުތަކާއި ހަކަތައަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައި މަޝްވަރާކުރުމާއި ގުޅޭ މިނިސްޓަރުންގެ ރައުންޑްޓޭބަލް އިވެންޓުގައިވެސް ދިވެހިރާއްޖޭގެ ފަރާތުން ތިމާވެއްޓާއި ބެހޭ ވަޒީރު ވަނީ ބައިވެރިވަޑައިގެންފައެވެ. ރައުންޑް ޓޭބަލްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވަނީ މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރާ މަސައްކަތްތަކަށް ހޯދާ އެހީތެރިކަން އިތުރަށް ފުޅާވެ ފައިދާ ބޮޑުވާނީ މަލްޓިޑައިމެންޝަނަލް ވަލްނަރަބިލިޓީ އިންޑެކްސް ދުނިޔޭގެ ސިސްޓަމްތަކުގައި ހަރުދަނާކޮށް ބޭނުންކޮށްގެން ކަމަށް ވިދާޅުވެފައެވެ.
ވަޒީރު އަލީ ޝަރީފް ވިދާޅުވީ ރާއްޖެ ކަހަލަ ކުދި ޖަޒީރާ ޤައުމުތަކަށް ތެލުގެ ދަތިކަމާއި، ސަޕްލައި ޗެއިންތަކުގެ ތާށިކަން ބޮޑުވުމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ބޮޑުވަމުން އަންނަ ކަމަށެވެ. އަދި ޖައްވަށް ވިހަ ގޭސްތައް ބޭރުކުރާ މިންވަރު އެންމެ ދަށް ޤައުމުތަކުން މިކަން ތަހަންމަލުކުރަން ނުޖެހޭކަމަށް ފާހަގަކުރައްވާ މިކަމުގެ ހައްލުތަކާއި ދިމާލަށް ދިއުމަށް ހުރަސްތައް ހުރެގެން ނުވާނެކަމަށް ވިދާޅުވިއެވެ.
މިކަން ހަރުދަނާކުރުމަށް ވަޒީރު ގޮވާލެއްވީ ބައިނަލްއަގްވާމީ އެއްބައިވަންތަކަން ވަރުގަދަކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުންވާ ގައުމުތަކަށް އެކަށީގެންވާ ހަކަތައިގެ ހައްލުތަށް ހޯދައިދިނުމަށެވެ. ތިމާވެއްޓާއި ބެހޭ ވަޒީރުގެ ވާހަކަ ނިންމަވާލެއްވީ ދިވެހިރާއްޖޭގެ އެއްބާރުލުން ހަކަތައިގެ މައްސަލަތައް ހައްލުކުރުމުގައި ބައިނަލްއަގްވާމީ މައިދާނުގައި އަދި ގައުމީ ލެވެލްގައި ކަށަވަރުވާނެ ކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.