ޚަބަރު

ފުލުހުންގެ އަސާސީ ތަމްރީން ކޯހުން 140 އޮފިސަރުން ދަސްވެނިވެއްޖެ


  • މީގެ ތެރޭގައި 104 ފިރިހެން ފުލުހުންނާއި 36 އަންހެން ފުލުހުން ހިމެނޭ

  • ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ކޮންސްޓެބަލް އިބްރާހިމް އިރުފާހު

ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅޭ ފުލުހުންނަށް ކުރިއަށްގެންދާ އަސާސީ ތަމްރީން ކޯހުގެ 42ވަނަ ބެޗުގެ ކިޔެވުން ނިންމައި ޝަރަފުގެ ހިނގާލުން ބާއްވައިފިއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާނެވެ. މި ރަސްމިއްޔާތުގައި ވަޒީރުގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި، ބޭރުގެ ސަފީރުންނާއި، ފުލުހުންގެ މުއައްސަސާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިދިޔަ ފެބްރުއަރީ މަހު އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ މަރުކަޒުގައި ފެށި މި ކޯހުގައި 158 ފުލުހުން ބައިވެރިވިއެވެ. ނަމަވެސް ކޯސް ފުރިހަމަ ކުރީ 140 ދަރިވަރުންނެވެ. މީގެ ތެރޭގައި ހިމެނެނީ 104 ފިރިހެން ފުލުހުންނާއި 36 އަންހެން ފުލުހުންނެވެ.

ފުލުހުންގެ 42ވަނަ އަސާސީ ތަމްރީނު ކޯހުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ކޮންސްޓެބަލް އިބްރާހިމް އިރުފާހުއެވެ. އެންމެ މޮޅު ދަރިވަރަށް ދޭ ހަނދާނީ ފިލާ ހަވާލުކުރެއްވީ ވަޒީރު ޢަލީ އިޙްސާނެވެ.

ކޯހުގެ އެއްވަނަ ހޯދުމާއެކު، އިރުފާހުއަށް ވަނީ ކޮމިޝަނަރސް އެކްސެލެންސް އެވޯޑުވެސް ލިބިފައެވެ. މި އެވޯޑު ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުއެވެ.

މި ރަސްމިއްޔާތުގައި އިންޑޯ އަދި އައުޓްޑޯ މާއްދާތަކުން އެންމެ މޮޅު ދަރިވަރުންނާއި ސްކުއަޑްތަކުން އެންމެ މޮޅު ދަރިވަރުންވެސް ވަނީ ހޮވާފައެވެ. ކޯހުގެ އިންޑޯ މާއްދާތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ، ކޮންސްޓެބަލް ރާކިން އަހުމަދެވެ. އައުޓްޑޯ މާއްދާތަކުން އެއްވަނަ ހޯދީ، ކޮންސްޓަބަލް ހުސައިން ރިޝްފާން ޢަލީއެވެ.

މި ރަސްމިއްޔާތުގައި އައިނެއްލާ ސްކޮޑްގެ އެންމެ މޮޅު ދަރިވަރަކަށް ކޮންސްޓެބަލް އަހުމަދު ޒައިން އަމްޖަދު ހޮވިފައިވާއިރު ބީފާން ސްކޮޑްގެ އެންމެ މޮޅު ދަރިވަރަކަށް ކޮންސްޓަބަލް ރާކިން އަހުމަދު، ހާޖީ ސްކޮޑްގެ އެންމެ މޮޅު ދަރިވަރަކަށް ކޮންސްޓަބަލް އިބްރާހިމް އިިރުފާހު އަދި ރަންވިއްކާ ސްކޮޑްގެ އެންމެ މޮޅު ދަރިވަރަކަށް ކޮންސްޓަބަލް އަހުމަދު ޝިޒާން ވަނީ ހޮވިފައެވެ.

މިފަހަރުގެ ކޯހުގައި ހުރިހާ ގޮތަކުން އެންމެ ރަނގަޅު ސްކޮޑަކަށް ހޮވިފައިވަނީ އައިނެއްލާ ސްކޮޑެވެ.

ފުލުހުންގެ އަސާސީ ތަމްރީނު ކޯހަކީ ފުލުހުންގެ ވަޒީފާއަށް ބޭނުންވާ ތަމްރީނާއި ތަރުބިއްޔަތު އުނގަންނައިދީ ފުލުހުންގެ މަސައްކަތަށް ބޭނުންވާ އިލްމީ ޤާބިލުކަމާއި ހުނަރާއި ތަޖުރިބާ ލިބިދިނުމަށް ކުރިއަށް ގެންދާ ކޯހެކެވެ. މި ކޯހުގައި ފިޒިކަލް ޓްރެއިނިންގ، އޮޕަރޭޝަނަލް ސޭފްޓީ އެންޑް ޓެކްޓިކްސް އަދި ޤާނޫނާއި ގަވާއިދުތަކުގެ އިތުރުން ފުލުހުންގެ މަސައްކަތްތަކާ ގުޅުންހުރި ބައިތައް ކިޔަވައިދެއެވެ.