ޚަބަރު

ރަކީދޫ އތމ ކޮމިޓީގެ ރައީސްގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލައިފި


  • ހުޅުވާލާފައިވަނީ މިމަހުގެ 16ވަނަ ދުވަހުގެ 14:00ގެ ނިޔަަލަށް

  • އިންތިޚާބު އޮންނާނީ އަންނަމަހުގެ 22ގައި

ވ. ރަކީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 22ވާ ހޮނިހިރު ދުވަހުއެވެ.

އިލެކްޝަންސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އެޕްރީލް 4ވަނަ ދުވަހު ބޭއްވި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތުގައި ވ. ރަކީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަޤާމަށް އެއްވެސް ކެންޑިޑޭޓަކު ކުރިމަތިލާފައިނުވާކަމަށެވެ.

އަދި މިދިޔަމަހުގެ 20ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި ވ. ރަކީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަޤާމަށް ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް ހުޅުވާލުމުންވެސް އެއްވެސް ކެންޑިޑޭޓަކު ކުރިމަތިލާފައިނުވާތީ، ޤާނޫނުގައިވާގޮތުން ރަކީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ގެ މަޤާމުގެ އިންތިޚާބު އަންނަމަހުގެ 22ގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.

ރަކީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް މަޤާމަށް ކުރިމަތިލުމަށް މިހާރުވަނީ ހުޅުވާލާފައެވެ. މަގާމަށް ކުރިމަތިލެވޭނީ މިމަހުގެ 16ވާ ބުރަސްފަތި ދުވަހުގެ 14:00އާ ހަމައަށެވެ.

ރަކީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަކާއި، އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ދައްކަންޖެހޭ އިދާރީ ފީ ދައްކާނީ އިލެކްޝަންސް ކޮމިޝަނުގެ މައި ޕޯޓަލް my.elections.gov.mv މެދުވެރިކޮށެވެ.

އަދި އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހެޅި ހުށަހެޅުމާމެދު ނިންމިގޮތާއި ކެންޑިޑޭޓުންނަށް އަންގަންޖެހޭ އެންގުންތައް އިލެކްޝަންސް ކޮމިޝަނުން އަންގާނީވެސް މައި ޕޯޓަލް މެދުވެރިކޮށެވެ.

ވ. ރަކީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް މަޤާމުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުންގެ ފޯމު އޮންލައިންކޮށް ހުށަހެޅޭނީ މިއަދުން ފެށިގެން މިމަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:30 ން މެންދުރުފަހު 14:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 15:30 އިން ހަވީރު 18:00 އަށެވެ.

ރަކީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް މަޤާމުގެ އިންތިޚާބު 2026 ގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، އަންނަމަހުގެ 22ވާ ހޮނިހިރު ދުވަހުގެ 8:00 ން 16:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައެވެ.