ޚަބަރު

ޔަހޫދީންގެ ބާރުގެ ދަށަށް އިބްރާހިމީ މިސްކިތް ގެންދިއުމަށް ހަރުކަށި ފިޔަވަޅުތަކެއް


ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ހުންނަ އިބްރާހިމީ މިސްކިތް ޔަހޫދީންގެ ފުރިހަމަ ބާރުގެ ދަށަށް ގެންދިއުމަށްޓަކައި 106 ދަގަނޑު ގޭޓު ބޭނުންކޮށް، ޔަހޫދީން އަލްޚަލީލް ބަންދުކޮށްފިއެވެ.

1994ވަނަ އަހަރު ޔަހޫދީން ވަނީ އަލްޚަލީލްގައި ހުންނަ އިބްރާހިމީ މިސްކިތުގައި އަޅުަކަން ކުރަމުން ދިޔަ ފަލަސްޠީނުގެ 29 ރައްޔިތުން ޝަހީދުކޮށްލައިފައެވެ. އެއަށްފަހު އެމިސްކިތް ވަނީ ދެބަޔަށް ބަހާލައިފައެވެ. މިސްކިތުގެ 63 އިންސައްތަ ދިނީ ޔަހޫދީންނަށެވެ. އަދި ބާކީ 37 އިންސައްތަ ދިނީ މުސްލިމުންނަށެވެ. މީގެ ކުރިން ޢީދު ފަދަ ޚާއްޞަ ދުވަސްދުވަހު މުސްލިމުންނަށް މިސްކިތް ހުޅުވައިލައެވެ. ނަމަވެސް ފަހުގެ އަހަރުތަކުގައި މުސްލިމުންނަށް މިސްކިތް ބޭނުންކުރުމަށް ޔަހޫދީން ވަރަށް ބޮޑަށް ދަތިކުރެއެވެ.

އަލްޚަލީލްގެ ގަވަރުނަރު ޚާލިދު ދައުދުން ވިދާޅުވީ އަލްޚަލީލްއަށް ވަދެ ނިކުތުމަށް ބޭނުންކުރާ 16 މަގަކާއި ދޮރާށި ޔަހޫދީން ވެލިއަޅައި ބަންދުކޮށްފައިވާ ކަމަށެވެ. އޭނާ ވަނީ އިބްރާހިމީ މިސްކިތުގެ ފުރާޅަށް ޔަހޫދީން ބަދަލުތަކެއް ގެންނަމުންދާތީ އެ ކަން ކުށްވެރިކުރައްވައިފައެވެ. އޭނާ ވިދާޅުވީ ޖެހިޖެހިގެން ދެ ދުވަހު މިސްކިތުގައި އިމާރާތްކުރުމުގެ މަސައްކަތްތަކެއް ކުރަމުން ދަނީ އެ މިސްކިތް ޔަހޫދީންގެ ބާރުގެ ދަށަށް ގެނައުމަށް ނުބައި ރޭވުމެއްގެ ދަށުން ކަމަށެވެ. އެ ގޮތުން މިސްކިތުގެ ކަރަންޓު ޕެނަލްތަކާއި ފެނުގެ ވަސީލަތްތައް ވެސް ޔަހޫދީންގެ ބާރުގެ ދަށަށް ގެންދިޔުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ދައުދުން ވިދާޅުވީ ފާއިތުވި 10 ދުވަހު އިބްރާހިމީ މިސްކިތުގައި ބަންގި ގޮވުމަށް ޔަހޫދީން ހުރަސްއަޅާފައިވާ ކަަމަށެވެ.

ދައުދުން އިތުރަށް ވިދާޅުވީ މިސްކިތާއި މިސްކިތުގެ ގޯތިތެރޭގައި ފަލަސްޠީނުގެ ޙާޟިރީ އިތުރުކުރުމަށް އަލްޚަލީލްގެ ގަވަރުނޭޓުން މަސައްކަތްކުރަމުންދާ ކަމަށެވެ. އޭގެ އިތުރުން ޔަހޫދީންގެ ޢަމަލުތައް ހުއްޓުވުމަށް ބައިނަލްއަޤްވާމީ ފިއްތުންތައް އިތުރުކުރުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

ދާދިފަހުން ޔަހޫދީ އިދާރާތަކުން ވަނީ މިސްކިތުގެ ބައެއް މަސައްކަތްތައް ކުރުމަށް އަލްޚަލީލްގެ މުނިސިޕަލިޓީއަށް ލިބިފައިވާ ބާރުތައް އަތުލައިފައެވެ. ފަލަސްޠީނުގެ އިދާރާތަކުން ވަނީ އެ ކަން ކުށްވެރިކޮށް، ޔަހޫދީން މިސްކިތުގެ ތާރީޚީ އަދި ޤާނޫނީ ޙައިޘިއްޔަތު ނަގައިލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައެވެ.